ads
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
ވެރިކަމާއި ހަވާލުވިއިރު، ދަރަނި ހުރީ ބޮލަކަށް ތިން ލައްކަ: ފަލާހު
މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 120 ބިލިއަން ރުފިޔާއަށް އަރައިފަ ކަމަށާއި އެއީ ކޮންމެ ދިވެއްސެއްގެ ބޮލަކަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީ ހަރުގެހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ކުރީ ސަރުކާރުން ދައުލަތް ބަނގުރޫޓު ކޮށްލާފައިވާ ކަމަށާއި، ކަންކަން ރަނގަޅަށް ބަލާލުމުން ފެންނަނީ ސްކޫލުތަކަށް ދާންދެން މޯގޭޖް ކޮށްފައިވާތަން ކަމަށެވެ. ކުރީ ސަރުކާރުން ކޮށްފައިވާ ވައްކަންތަކާއި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ރައްޔިތުންނަށް ފޮރުވުމަށްޓަކައި ސިޔާސީ ދަންތުރަައެއް ޖަހަމުންދާކަމަށް ފަލާހް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އިދިކޮޅުން މިހާރު އެ ކުރަމުންދާ ކަމަކީ، އެ ބޭފުޅުން ހިންގި ޖަރީމާތައް ފޮރުވުމަށް ޓަކައި ސިޔާސީ ބޭނުމަށް ދޮގު ހެދުން ކަމަށެވެ.

"ވަރަށް ބައިވަރު ދޮގު ބޮޑެތި ގޯނިގޯންޏަށް އަޅައިގެން މަގުތަކުގައި މި ހިނގަނީ. އެ އެއްޗެހި އަޑު އައްސަވާ ހުރިހާ ބޭފުޅުންނަށް އެ އެއްޗެހި ބައްސަވަނީ. ހަމަ އެ ބޭފުޅުންނާ އެއްކޮށް، ބައިވެރިވުމުގައި އަޅުގަނޑުމެން އެ ސަރުކާރަކަށް ނިސްބަތްވި، 2013އިން ފެށިގެން 2018އަށް ވެރިކަން ކުރެއްވި ވެރިޔަކު ވެސް ހިމެނިވަޑައިގަންނަވާ،" ފަލާހު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ "ލޮލުގައި" އަބަދުވެސް ރައީސް މުއިއްޒު އަޅައިގަނެފައި ހުންނަކަމަށާއި އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ރައީސް މުއިއްޒުގެ ބޮލުގައި އެތައް ތުހުމަތެއް އުޅުއްވިކަން ފަލާހު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މައްޗަށް ޝަރީއަތްވެސް ކުރިކަމަށާއި އެހެންނަމަވެސް އެމަނިކުފާނަކީ ތެދުވެރި އިޚްލާސްތެރިއެއްކަން 2023 ވަނަ އަހަރު ރައްޔިތުން ދައްކައިދީފައިވާ ކަމަށް ވިދާޅުވި އެވެ. 

މި ސަރުކާރުން މީގެ ކުރިން ހާމަކުރި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ފެނަކަ ބަނގުރޫޓުވެ، އެ ކުންފުނީގެ ދަރަނި ހުރީ 4.3 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީން އެ ތުހުމަތުތައް ދޮގުކުރެއެވެ.

"ހަގީގަތުގައި ފެނަކަ ކުންފުނި މިދިޔަ ފަސް އަހަރު، ޚާއްސަ ގޮތެއްގައި ބޭނުންކޮށްފައި އޮތީ ވަރަށް ނުބައި ޖަރީމާ ހިންގި ކުންފުންޏެއްގެ ގޮތުގައި. އަދި އެ ނޫން ކުންފުނިތައް ވެސް އެބަހުރި," އިނގުރައިދޫ ދާއިރާ މަޖިލީހުގައި ތަމްސީލު ކުރައްވާ ފަލާހު ވިދާޅުވި އެވެ.

ފަލާހު މިފަދައިން ވާހަކަ ދެއްކެވިއިރު ރައީސް ސޯލިހް ސަރުކާރުގެ ދަރަނި ބޮޑުވެ، މިހާރު ދަރަނި މަތިކޮށް ފެންނަ، ފެނަކަ، މިފްކޯ ފަދަ ކުންފުނިތަކަކީ ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް އިންތިހާއަށް ހިންގާފައިވާ ކަމަށް ތުހުމަތުއޮތް ކުންފުނިތަކެވެ. އަދި ހިދުމަތް ދީފައި ފައިސާ ނުދީގެން ސަޕްލަޔަރުން އެ ކުންފުނީގެ ވެރިންގެ ފަހަތުން ތާއަބަދު ދުވާ ކުންފުންޏެވެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ބަޖެޓު ދަރަނި 14 ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި  ދަރަނި އަދާކުރުމާއި އިންޓަރެސްޓުގެ ހަރަދުތައް އުނިކުރުމަށްފަހު ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ އަރާނެ ކަމށްވެސް ލަފާކޮށްފައިވެ އެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.

ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.

މިހާރު ވެސް ސަރުކާރުން ވަނީ ދަރަނިތައް އަދާކުރަން 2.5 ބިލިއަން ރުފިޔާ ދައްކައިފަ އެވެ. އޭގެ ތެރެއިން ވެސް 1.6 ބިލިއަން ރުފިޔާ އަކީ ކުރިން ނެގި ދަރަންޏަށް ދައްކަން ޖެހޭ އިންޓްރެސްޓެވެ. ދައުލަތުން މިހާރު ވަނީ ބަޖެޓަށް ބޭނުންވާ 8.5 ބިލިއަން ރުފިޔާ ހޯދުމަށް އިއުލާނު ކޮށްފަ އެވެ. ބަޖެޓު ފައިނޭންސިން އަށް އިތުރު 50 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން ވެސް ބަޖެޓުގައި ކަނޑައަޅާފައި ވެ އެވެ.

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް