ޕީއެންފް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަށް އެމަނިކުފާާނު ތާއީދު ކުރެއްވި ކަމަށާއި އެކަމުގެ އެއް ހެއްކަކީ އެމަނިކުފާނުގެ އަންހެނުން ނިކުމެ [ރައީސް] މުއިއްޒަށް ކެމްޕެއިން ކޮށް ދިނުން ކަމަށެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ފުރުސަތު ނުލިބޭ ހާލަތެއް ގައި ދެން ފުރުސަތު ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ އިހްތިޔާރު ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕް އެމަނިކުފާނަށް ދެއްވި ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ނެންގެވީ އެމަނިކުފާނުގެ(ޔާމީން)ގެ އިރުޝާދަށް ކަމަށެވެ.
މިއަދު ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތުގެ ބޭނުން އެމަނިކުފާނު ނުހިއްޕެވީ ކަމަށާ ބޭނުންވީ ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ކެންޑިޑޭޓަކު ކަނޑައެޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އާ ޖަގަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ރޭ ވިދާޅުވީ އެ މަނިކުފާނު، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މާ ކުރިން ބައިއަތު ހިފައިގެން ޓިކެޓު ދިން ކަމަށް ޔާމީނާއި ސަޕޯޓަރުން ދައްކަވާ ވާހަކަތަކަކީ ތެދެއް ކަމަށެވެ.
އެއީ ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއް ކަމަށާއި އެ ރޭވުން ރާވަން ޖެހުނީ ޔާމީންގެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށް ރޭގެ ޖަލްސާގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
- އިތުރަށް ކިޔާލަން: އެންމެފަހުން އަދުރޭވެސް އެއްބަސްވެއްޖެ، ޔާމީންވެރިކަން ގެއްލުނީ ވައްކަމުގެ ސަބަބުން
ރައީސް ޔާމީން ވެރިކަން ވެއްޓުނީ ހިޔާނަތަށް ނޫނެކޭ ނުބުނުމުންކަމަށް އަބްދުއްރަހީމް މިހާރު ވިދާޅުވާއިރު އޭރު އިންތިހާބުގެ ފަހުން ދެއްކެވި ވާހަކަތައް މުޅިން ތަފާތެވެ. އޭރު ރައީސް ޔާމީން ވެރިކަން ވެއްޓުނީ ވޯޓު އޮޅުވާލައިގެންކަމަށްް ބުނެ ރައީސް ޔާމީން ދެއްކެވި ވާހަކަތައް ދިފާއުކުރުމުގައި އެންމެ ކުރީ ސަފުގައި އަބްދުއްރަހީމް ހުންނެވި އެވެ.