ads
ކަންގަނާ ރަނައުތް ހުވާ ކުރައްވަނީ
ކަންގަނާ އިންޑިއާގެ ޕާލަމެންޓް މަސައްކަތަށް ހުވާކޮށްފި
އިންޑިއާގައި މިފަހުން ބޭއްވި އާންމު އިންތިހާބުން މޮޅުވި ބޮލީވުޑުގެ ތަރި ކަންގަނާ ރަނައުތް އިންޑިއާގެ 18 ވަނަ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުގެ ހުވާކޮށް ޕާލަމެންޓްގެ މަސައްކަތާއި ރަސްމީކޮށް ހަވާލުވެއްޖެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނައުތު އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް "ލޮކް ސަބާ" އަށް ވާދަކުރީ ހަރުކަށި ހިންދޫ ވަތަނީ ސިޔާސަތެއް ގެންގުޅޭ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޓިކެޓްގަ އެވެ. 

އުމުރުން 37 އަހަރުގެ ކަންގަނާ ވާދަކުރީ އޭނާގެ އުފަން ދާއިރާ ހިމަޗަލް ޕްރަޑޭޝް މަންޑީގެ ގޮނޑި އެވެ.

އެ ގޮނޑިއަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަޝިޕުގައި ހިމެނޭ، ވިކްރަމަދިތާ ސިންހު ވާދަކުރި ނަމަވެސް ކަންގަނާ އިންތިހާބު ކާމިޔާބުކުރީ 74000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

އިއްޔެ ހުވާ ކުރުމަށްފަހު އޭނާ އާއްމުކުރި ވީޑިއޯގައި ބުނެފައި ވަނީ ރައްޔިތުންގެ ހިދުމަތުގައި ސާބިތުވެ ހުންނާނެ ކަމަށާއި އޭނާގެ ދާއިރާގެ މީހުންނަށް ވަފާތެރިވާނެ ކަމަށެވެ.

ބޮލީވުޑްގެ މައްސަލަތަކުގެ އިތުރުން އިންޑިއާގެ ސިޔާސީ އެކި މައްސަލަތަކާއި ގުޅޭގޮތުން ވެސް ކަންގަނާ އަބަދުވެސް ޕޯސްޓްކޮށް ހަދައެވެ. އޭނާ ބުނާ ގޮތުގައި އެ މައްސަލަތަކުގައި އޭނާ އަޑު އުފުލަނީ މުޖްތަމައުގެ ތެރޭގައި ބަދަލެއް ފެންނަން އެދޭތީ އެވެ.  

ކަންގަނާ ބުނީ ފިލްމީ ދުނިޔެ އަކީ ދޮގެއްގެ މައްޗަށް އުފެދިފައި އޮތް ދެތުވެރިކަމެއް ނެތް ތަނެއް ކަމަށެވެ. އެއީ ވަރަށް "ފޭކް" ދުނިޔެއެއް ކަމަށް އޭނާ ބުންޏެވެ.

ސިޔާސީ ދާއިރާގައި އުޅެމުން ފިލްމީ ކަންކަމަށް ވަގުތު ހުސްކުރާނީ ކިހިނެއްތޯ "އާޖް ތަކް" އަށް ދިން އިންޓަވިއުގައި ކަންގަނާއާ މިފަހުން ސުވާލުކުރުމުން ޖަވާބުގައި ބުނީ ގޮނޑި ކާމިޔާބުވެއްޖެ ނަމަ ފިލްމު ކުޅުން ހުއްޓާލާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް