ads
މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު
ގައުމުގެ ހާލަތު ހުރީ ފައިސާ ދެވޭ ގޮތަކަށް ނޫން؛ އެއީ ސަރުކާރަށް ވާރުތަވީ ހާލަތެއް
މިފްކޯއިން މަސްވެރިންގެ އަތުން މިހާރު ގަނެފައިވާ މަސްތައް ހަމަ އެ އަގުގައި ފައިސާ ލަސްނުކޮށް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް މިވަގުތު ގައުމުގެ ހާލަތު މި ހުރީ ފައިސާ ދެވޭ ގޮތަކަށް ނޫން ކަމަށް މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިފްކޯއަށް މަސްވެރިން ކިރާ މަހަށް ލިބެންޖެހޭ ފައިސާ ވަގުތުން ވަގުތަށް ހަމަޖައްސައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ނާޒިމް ވިދާޅުވީ މިފްކޯއަށް މަސް ގަންނަ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށެވެ.

ސިޔާސީ ވިސްނުން އެއްކައިރިކޮށް، މިކަމުގައި ގައުމަށް ފައިދާ ހުރި ހައްލަކަށް އައުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން ނާޒިމް އެދިވަޑައިގެންނެވި އެވެ. އަދި މިކަމުގައި ސިޔަސީ ފައިދާއަށް މަސައްކަތް ކޮށްގެން މިހާރު ވެސް އަދި ފަހުން ވެސް ފައިދާ ނުކުރާނެ ކަމަށާއި މިދިޔަ ރިޔާސީ ކެމްޕެއިން ތެރޭ ކުރީގެ ސަރުކާރުން 25ރ.އަށް މަސް ކިލޯއެއް ހެދުމުން ވެސް ރައްޔިތުން އެ ސަރުކާރަށް ބުނީ ނުނެކޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

"ގައުމުގެ ހާލަތު މި ހުރީ ފައިސާ ދެވޭ ގޮތަކަށް ނޫން. މި ހާލަތަކީ މި ސަރުކާރަށް ވާރުތަވީ ހާލަތެއް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސަރުކާރުން އެ ފައިސާ ދައްކާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ވިސްނާލަން ޖެހޭ މި އަގު މުރާޖާ ކުރުމާ ދޭތެރޭ. މީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ބަރާބަރަށް ދެވޭނީ ފައިސާ ބަރާބަރަށް ދެވޭ އަގެއްގައި މަސް ގަނެގެންކަން ނާޒިމު ފާހަގަކުރެއްވި އެވެ.  

ނާޒިމު ވިދާޅުވި ގޮތުގައި މިފްކޯގެ މަރުކަޒުތަކުގައި 614 ދޯނި ރަޖިސްޓްރީކޮށްފައިވެ އެވެ. އެ ދޯނިތަކުގައި 17،000 މަސްވެރިން ތިބިއިރު އޭގެ ތެރެއިން 3،700 މަސްވެރިންނަކީ ކަންނެލި މަސްވެރިންނެވެ.

އޭނާ ވަނީ މިހާރު ސަބްސިޑީ ދެވޭ ގޮތް އިންސާފުވެރިނޫން ކަމަށް ވިދާޅުވެފަ އެވެ. އަދިމިފްކޯއިން ކޮންމެ ކިލޯއަކަށް 8ރ. ގެއްލުންވާއިރު، އެ އަގުގައި މަސް ގަނެގެން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ހައްލަކީ ދެކޮޅު ޖެހޭ އަގެއްގައި މަސް ވިއްކުން ކަމަށެވެ. އޭރުން ލާރިކޮޅު ވެސް ބަރާބަރަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މަސައްކަތްކުރާ އާބާދީގެ ހިމެނޭ މީހުންގެ ތެރެއިން 17000 މީހުންނަށް މިވަރުގެ ބޮޑު ސަބްސިޑީއެއް ދިނުމަކީ އެއީ އިޖުތިމާއީ އަދާލަތުގެ އުސޫލުން ބަލާއިރުވެސް ދެކޮޅު ޖެހޭ ކަމެއް ނޫން،" ނާޒިމު ވިދާޅުވި އެވެ.

މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސްވެ، މަސްވެރިން އަންނަނީ ހުކުރު ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި އިހުތިޖާޖުކުރަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ފަރާތުން މަސްވެރިންގެ ކަންބޮޑުވުންތައް ފާހަގަކޮށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ވެސް ވޯޓާ އެކު ޖުމުލަ 74 ވޯޓުން އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމަށް ބަލައިގެންފައެވެ.

އަހުމަދު ދީދީ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް އެކަން އެގޮތަށް ނުވުމުގެ ސަބަބުން މަސްވެރި އާއިލާތައް އުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް