ބަކާ، އުމުރުން 38 އަހަރުގައި މިއަދު ނިޔާވީ އޭނާގެ ހާލު ރޭ ކުއްލި ގޮތަކަށް ސީރިއަސްވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ރެއިން ފެށިގެން ފަރުވާ ދެމުން ދަނިކޮށެވެ.
ބަކާ، ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތާ ތިން ވަރަކަށް ދުވަސް ތެރޭގައި ގަދަ ހުމެއް ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
އޭނާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ބަކާގެ ހާލު ދެރަވެ އައިސީޔޫ ގައި ފަރުވާ ދޭން ފަށާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ރެ އިން ފެށިގެން ވަރަށް ހާލު ދެރަ އެވެ. އެނގިފައިވާ ގޮތުގައި ބަކާގެ ޓެސްޓްތަކުން އޭނާގެ ގައިގައި މެނިންގޮކޯކޮލް ހުރިކަން ވަނީ އެެނގިފަ އެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބުނީ މިއަދު މެންދުރު ފަހު އެވެ.
އަނިޔާގެ ސަބަބުން، ބަކާ، މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިނުވެ އެވެ. ބަކާ، އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވަނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.
ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ވެސް ކުޅެފަ އެވެ.
ގައުމީ ޓީމުން، 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ބަކާ ހިމެނުނެވެ. ބަކާ، އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ، 2021 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިގެންނެވެ.
ފަހުގެ ތާރީޚެއްގައި ދިވެހި ފުޓުބޯޅައިން ފެނުނު އެންމެ ހުނަރުވެރި، ވިދުންގަދަ، ފުޓުބޯޅައިގައި ދިވެހިރާއްޖެއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބުގެ މުހިއްމު ހިއްސާދާރު، ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ފުޓުބޯޅަ އާއިލާއަށް، އަދި ދިވެހި ކުޅިވަރަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް އެފްއޭއެމުންވަނީ ދާދި ދެންމެ އަކު ބުނެފައެވެ.