ބަކާގެ ޖަނާޒާ ބޭއްވުމަަށް ފުރަތަމަ ނިންމީ މިރޭ ފަތިސް ނަމާދަށް ފަހު މަސްޖިދު ޒައިދުބިން ސާބިތު -- ސަހަރާ މިސްކިތުގަ ގަ އެވެ.
ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މީގެ އިރުކޮޅެއް ކުރިން، ފޭސްބުކްގައި ލިއުއްވި ގޮތުގައި ބަކާގެ ޖަނާޒާ އިސްލާމީ މަރުކަޒުގައި ބާއްވަން އިންތިޒާމްތައް އަންނަނީ ހަމަޖައްސަމުންނެވެ.
އައްޑޫ ހިތަދު އަށް އުފަން، އުމުރުން 38 އަހަރުގެ ބަކާ ވަޅުލަން ނިންމާފައި ވަނީ ގަލޮޅު ސަހަރާގަ އެވެ.
ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި އެވެ.
އޭނާ ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުން ހާލު ކުއްލިއަކަށް ސީރިއަސްވެގެން އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.
އޭނާ ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައި ސައުދީ އެމްބަސީން ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނިގެންނެވެ.
ބަކާގެ ވަކިވުމާއެކު ހެޔޮ ދުއާގެ މެސެޖުތަކުންނާއި އާއިލާއަށް ފޮނުވި ތައުޒިޔާގެ މެސެޖްތަކުން މުޅި ސޯޝަލް މީޑިއާ އޮތީ ފުރިފަ އެވެ. އެތައް ބައެއް ހިއްސާކުރަމުން އަންނަ ތައުޒިޔާގެ މެސެޖުތަކުން ހަމަ ޔަގީނުން ވެސް އޭނާއަށް އޮތް އިހްތިރާމާއި ލޯބި ހާމަވެއެވެ.
ބަކާ ނިޔާވުމާ ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ބަކާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
ރައީސް ވިދާޅުވީ ގައުމަށް ފަހުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
ބަކާ ފާހަގަ ކުރެވިފައި ވަނީ ކުޅިވަރުގެ ދަނޑުގައި ވަރަށް އަހްލާގު ރަނގަޅު މޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިން ކުޅުންތެރި އެކެވެ. އޭނާގެ ގާތް މީހުން ބުނާ ގޮތުގައި އެންމެ ނަމާދެއް ވެސް ވައްޓައެއް ނުލަ އެވެ.
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ސަސްޕެންޑުކޮށްފައިވާ ރައީސް ބައްސާމް އަދީލް ޖަލީލްގެ ތައުޒިޔާގެ މެސެޖުގައި ބަކާ ސިފަކުރެއްވީ ފުޓުބޯޅައިގެ "ލެޖެންޑެއް"ގެ ގޮތުގަ އެވެ.
ބަކާގެ ރަހުމަތްތެރިންނާއި ދެކެފަރިތަ މީހުންނާއި ކުޅިވަރަށް ލޯބިކުރާ އެންމެން އޭނާ ވަކިވެދިޔުމުގެ ހިތާމައިގައި ބައިވެރިވަމުންދާ އިރު، އެފްއޭއެމުން އޭނާގެ ވަކިވުން ފާހަގަކުރީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގަ އެވެ.