އުމުރުން 52 އަހަރުގެ އަސާންޖް ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް އެމެރިކާގެ އެތެރޭގެ އިތުުރުން ބައިނަލްއަގުވާމީ މަސްރަޙުގައި ވެސް ދަނީ ބާރު އަޅަމުންނެވެ. އޭނާއާ ދެކޮޅަށް 18 ދައުވާއެއް އުފުލާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރި ކަމުގަ އެވެ.
އެމެރިކާގެ އާންމު ރައްޔިތުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ޕްރެޝަރު ބޮޑުވެ، ދާދި ފަހުން, ރައީސް ޖޯ ބައިޑަން ވަނީ, އަސާންޖާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް އެދި އޮސްޓްރޭލިޔާގެ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ވިސްނަމުންދާ ކަން ހާމަކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ޖަލެއްގައި އަސާންޖް ބަހައްޓައިފައި ހުރީ އެމެރިކާގެ އަސްކަރީ ލިޔުންތައް ލީކްކުރި ކަމުގެ ތުހުމަތަށް އެމެރިކާއިން ހައްޔަރުކުރަން ބޭނުންވާތީ އެވެ.
ޖޫލިއަން އަސާންޖްގެ މައްޗަށް ސްވިޑަންގެ ކޯޓުން އުފުލާފައި އޮތް ބަދުއަހްލާގީ މައްސަލަތައް ބެލުމަށް، އިނގިރޭސި ސިފައިން އޭނާ ހައްޔަރުކޮށް ސްވިޑަނަށް ފޮނުވަފާނެ ކަަމަށް ބިރަށް ލަންޑަންގައި ހުންނަ އިކުއޭޑޯގެ އެމްބަސީން 14 ޖޫން 2012 ގައި ހިމާޔަތް ހޯދި އެވެ.
އެއަށް ފަހު މިއަދާ ހަމައަށްވެސް އޭނާ އުޅެފައިވަނީ ޖަލު ބަންދުގައި ދަތިހާލުގަ އެވެ. އިނގިރޭސި ޖަލުން ދޫކޮށްލުމާ އެކު އޭނާ ވަނީ އަމިއްލަ ގައުމަށް އޮސްޓްރޭލިއާއަށް ފުރާފައި ކަމަށް ހަބަރުތައް ބުނެ އެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އަސާންޖް މިނިވަންކުރީ އެމެރިކާއިން އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރެއިން އެންމެ ތުހުމަތަކަށް އިއުތިރާފްވާ ގޮތަށެވެ. މިގޮތަށް އަސާންޖް އެއްބަސްވާނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ރަށެއް ކަމަށްވާ ނޮދަން މެރިއާނާ އައިލެންޑްސްގެ ކޯޓަށް ހުށަހަޅާ ދައުވާގަ އެވެ.
އަސާންޖް މިިގޮތަށް އެއްބަސްވުމުން އޭނާގެ މައްޗަށް 62 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. މިއީ ފަސް އަހަރުގެ މުއްދަތެއް ކަމަށްވާއިރު އިނގިރޭސި ވިލާތުގެ ޖަލުގައި އަސާންޖް ހޭދަކުރި ފަސް އަހަރުގެ މުއްދަތު އަދަބުން އުނިވާ ގޮތަށް އެމެރިކާއާ އެކު އެއްބަސްވެފައި ވާތީ ހުކުމަށް ފަހު ވެސް އަސާންޖް މިނިވަނެއްގެ ގޮތުގައި ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަސާންޖްގެ އަންހެނުން ސްޓެލާ އެކްސްގައި ކުރި ޕޯސްޓެެއްގައި ބުނީ "ޖޫލިއަން އަސާންޖް މިނިވަން ވެއްޖެ" ކަމަށެވެ. އަދި އޭނާ މިނިވަން ކުރުމަށް މަސައްކަތްކޮށްދިން ފަރާތްތަކަށް ޝުކުރު ވަނީ އަދާކޮށްފަ އެވެ.
އަސާންޖް އިސްވެ ވިކީލީކްސް ވެބްސައިޓް އުފައްދާފައި ވަނީ 2006ވަނަ އަހަރު އެވެ. އެއީ, 100 މިލިޔަނަށް ވުރެ ގިނަ ސިއްރު ލިޔެކިޔުންތައް ޝާއިއު ކޮށްފައިވާ އޮންލައިން ލައިބްރަރީއެކެވެ. އޭގެ ތެރެއިން ގިނަ ލިޔެކިޔުންތަކަކީ, ގައުމުތަކުގެ ސަރުކާރުތަކުން ހިންގާ ޖާސޫސީ މަސައްކަތްތަކާއި, ހަނގުރާމައިގެ ރޭވުންތަކާއި, ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތު އެކުލެވިގެންވާ ލިޔެކިޔުންތަކެވެ.
2010ވަނަ އަހަރު ޖޫލިއަން އަސާންޖްގެ ވިކީލީކްސުން ވަނީ, އެމެރިކާގެ އިސްތިއުމާރީ ސިފައިން އިރާގުގައި ހިންގަމުން ދިޔަ ލާއިންސާނީ އަދި އިންސާނިއްޔަތާ ހިލާފު ކުށްތައް ހާމަކޮށްދޭ ވީޑިޔޯއެއް ވެސް އާންމު ކޮށްފަ އެވެ. އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ނަގާފައިވާ އެ ވީޑިޔޯއިން ފެންނަނީ, އިރާގުގެ ވެރިރަށް ބައުދާދުގައި އެ ގައުމުގެ އާންމު ރައްޔިތުން ޝަހީދު ކުރަމުންދާ މަންޒަރުތަކެވެ.
މީގެ އިތުރުން, އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ޖާސޫސީ އެނެލިސްޓެއް ކަމުގައިވާ ޗެލްސީ މެނިންގ ލީކު ކޮށްލާފައިވާ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ވެސް ވިކީލީކްސްގައި ޝާއިއު ކޮށްފައިވެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނަމުން ދަނީ ޖޫލިއަން އަސާންޖްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.