ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިިޗުން މިއަދު އާންމުކުރި ލިޔުމުގައި ބުނީ ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން މިހާރު "ސީސީސީ ޕްލަސް"އަށް ދަށްކޮށްފައިވާ ކަމަށެވެ.
ތިން އަހަރަށް ފަހު ރާއްޖޭގެ ރޭޓިން ދަށްކުރީ، ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ބޭރުގެ ދަރަނި އިތުރުވުމުންނެވެ. އަދި ރާއްޖޭގެ ރިޒާވު ދަށްވެ، ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވުމުގެ ސަބަބުންނެވެ.
ރޭޓިން ދައްކުރަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފިޗުން ފާހަގަކޮށްފައި ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުމާއި ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތުގެ ނާޒުގުކަން ގޯސްވަމުން ދިޔުމުން ރާއްޖެއަށް ހުރި ނުރައްކާތައް ބޮޑުވުމެވެ.
ކުރިއަށް އޮތް އަހަރުގައި ވެސް ރާއްޖޭގެ ފޮރިން ރިޒާވަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ފިޗުން ބުނެ އެވެ. އެގޮތުން, މިދިޔަ އަހަރުގެ މެއި މަހު 748 މިލިއަން ޑޮލަރު ހުރި ރިޒާވެއް މިއަހަރު 492 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފިޗުން ފާހަގަކުރެ އެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ބަޖެޓު ދަރަނި 14 ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި ދަރަނި އަދާކުރުމާއި އިންޓަރެސްޓުގެ ހަރަދުތައް އުނިކުރުމަށްފަހު ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ އަރާނެ ކަމށްވެސް ލަފާކޮށްފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.
ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.
ދަރަނި އިންތިހާއަށް ބޮޑުވެފައިވާ އިރު 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު 117 ޕަސެންޓަށް އަރާނެ ކަމަށް ވެސް ފިޗުގެ ރޭޓިން ކޮމެންޓްރީގައި ލަފާކޮށްފައިވެ އެވެ.