ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އެކަން ހާމަކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކެބިނެޓުން ފާސްކޮށް މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ ރިޕޯޓްގަ އެވެ.
އެ ސްޓްރެޓެޖީގައި ވަނީ މިއަހަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނެ ތާރީހުތައް ހިމަނާފަ އެވެ. އެގޮތުން އަންނަ އަހަރު އެއާޕޯޓުގެ ހިދުމަތްތަކުން ނަގަމުންދާ ޓެކުހާއި ފީތައް ބޮޑުކުރުމާއި އެކު އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ޑިއުޓީ މާފުކުރާ އައިޓަމްތައް ރިވިއުކުރުން ހިމެނެ އެވެ.
މީގެ އިތުރުން 2027 އަދި 2028 ގައި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުމާއި އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށްކުރުމާއި ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުމާއި ބްރިޖް ފަދަ ތަންތަނުން ފީ ނެގޭނޭ ސިޔާސަތެއް އެކުލަވާލުން ހިމެނެ އެވެ.
މެދު ރާސްތާގެ އާމްދަނީގެ ސިޔާސަތުގައި ބުނެފައިވާ ގޮތުގައި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް އަޅަނީ ދައުލަތުގެ ހަރަދުތަައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާވުން ކުޑަކުރުމަށެވެ.
އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އަޅަން ރާވާފައިވާ ގޮތް - ފޮޓޯ: ފިނޭންސް މިނިސްޓަރީ
ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީގައި އާމްދަނީ އިތުރުކުރުމަށް ތަފާތު ނަންނަމުގައި ޓެކްސްތަށް ސަރުކާރުން ތައާރަފްކުރަން މި ނިންމީ އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ ވާ ދަޑިވަޅެއްގައި އެވެ. ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިިޗުން މިއަދު އާންމުކުރި ލިޔުމުގައި ބުނީ ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން މިހާރު "ސީސީސީ ޕްލަސް"އަށް ދަށްކޮށްފައިވާ ކަމަށެވެ.