ads
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ
މިލިއަން ހަމަވެއްޖެ، އެންމެ އަވަހަށް ހަމަކުރި ފަހަރު މީ
ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއަށް އައި އެއް މިލިއަން ފަތުރުވެރިޔާއަކީ ތައިލެންޑް އަންހެނެކެވެ. މިއަދު އައި މި ފަތުރުވެރިޔާއަށް ރާއްޖެއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މި ފަތުރުވެރިޔާ ރާއްޖެއަށް އާއިލާއާއެކު އައިއިރު މީ އޭނާ ރާއްޖެއަށް ކުރި ދެވަނަ ޒިޔާރަތެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިިން ގެނައުމެވެ.

މިއީ ފަތުރުވެރިކަމުގެ 51 އަހަރުގެ ތާރީހުގައި އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާއަކީ ރާއްޖޭގެ ތާރީހުގައިވެސް އެއް ކުއާޓާއެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ކުއާޓަރެވެ. 

ޓްއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދާދިފަހުން ވިދާޅުވީ މި އަހަރު ނިންމާނީ ކަނޑައެޅި އަމާޒު ކަމުގައިވާ ދެ މިލިއަން ފަތުރުވެރިންނާ އެކުގައި ކަމުގައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތަށް ބަލާއިރު، މި އަހަރު ނިމޭއިރު 2.1 މިލިއަން ނުވަތަ 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ދެ މިލިއަން. އެކަމަކު އަޅުގަނޑަށް އުންމީދު ވަރަށް ބޮޑު، 2.1 ނުވަތަ 2.2 އަށް ދިވެހިރާއްޖޭގެ ޓޫރިސްޓް އެރައިވަލްސް މި އަހަރު ހިނގައިދާނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫންމަހުގެ 12 ވަނަދުވަހުގެ ނިޔަލަށް 936,258 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިިދިޔަ އަހަރުގެ އެ މުއްދަތުގައި ފަތުރުވެރިން އައި އަދަދާ އަޅާބަލާއިރު 9.6 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 5,709 ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. މި މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިން އަންނަ ކަމަށްވާ ނަމަ، މި މަހުގެ 28 ނުވަތަ 29 ވަނަ ދުވަހު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް