ads
އީރާން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ފެންނަ ބިލްބޯޑެއް
އިރާންގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި
ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެން ބާއްވާ އަވަސް ރިޔާސީ އިންތިހާބަުގެ ވޯޓުލުން ފަށައިފި އެވެ.

ވޯޓުލާން ފަށާފައިވަނީ އީރާނު ގަޑިން މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ނިންމާލަން ހަމަޖެހިފައިވަނީ އިރުއޮއްސި 18:00 ޖަހާއިރެވެ. ވޯޓުލާ ނިމުމާ އެކު ވޯޓު ގުނަން ފަށާނެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ވޯޓުގެ ނަތީޖާ އިއުލާނުކުރަން ފަށާނީ މާދަމާއެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ގާޑިޔަން ކައުންސިލުގެ ރުހުން ލިބިފައިވާ ބޭފުޅުންގެ ތެރޭގައި:

  1. މިހާރުގެ ދެވަނަ ނައިބު ރައީސް ގާޒީޒަދީހް ހާޝިމީ
  2. އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފީ
  3. ނިއުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތަކުގެ ވެރިޔަކަށް ކުރިން ހުންނެވި ސައީދް ޖަލީލީ 
  4. ގާނޫނު ހަދާ މަޖިލީހުގައި އިރުމަތީ އަޒަރްބައިޖާން ސިޓީގެ ވެރިރަށް ތަބްރީޒް ތަމްސީލްކުރައްވާ މެންބަރު މަސްއޫދު ޕެޒެޝްކިއާން (ހަމައެކަނި އަމިއްލަ ކެންޑިޑޭޓެއް)
  5. ކުރީގެ އިންޓީރިއާ މިނިސްޓަރު މުސްތަފާ ޕޫރުމުހައްމަދީ 
  6. ތެހެރާންގެ މޭޔަރު އަލީރިޒާ ޒަކާނީ

މި ހަ ބޭފުޅުންނަށް ވާދަކުރައްވަން ފުރުސަތު ލިބިލެއްވި ނަމަވެސް، އޭގެ ތެރެއިން ދެ ބޭފުޅުން ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފަ އެވެ. އެއީ، މިހާރުގެ ދެވަނަ ނައިބު ރައީސް ގާޒީޒަދީހް ހާޝިމީއާއި ތެހްރާންގެ މޭޔަރު އަލީރިޒާ ޒަކާނީ އެވެ.

ރޫހާނީ ލީޑަރު ކަނޑައަޅައި 12 މެންބަރުންގެ ކޮމިޓީ ނުވަތަ އީރާނުގެ ގާޑިޔަން ކައުންސިލުގެ ރުހުން ނުލިބުނު މަގްބޫލު ބޭފުޅުންގެ ތެރޭގައި:

  1. އީރާންގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދު 
  2. ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ މަގާމު ތިން ދައުރެއްގައި ފުރިހަމަ ކުރައްވި އަލީ ލަރީޖާނީ
  3. ކުރީގެ ރައީސް ހަސަން ރޫހާނީގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސްގެ މަގާމު ފުރުއްވި އިސްހާގު ޖިހާންގީރީ
  4. އީރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަބްދުލްނާސިރު ހިއްމަތީ

ރައީސީ އަވަރާހަވުމާ ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވަނީ ގާނޫނުއަސާސީއާ އެއްގޮތަށް ރައީސްކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް މުހައްމަދު މޮހުބަރު ހަވާލުކޮށްފަ އެވެ. އެ ގައުމުގެ ގާނޫނުއަސާސީ އޮންނަ ގޮތުން ނައިބު ރައީސުންނަކީ އިންތިހާބުކުރާ ބައެއް ނޫނެވެ. އަދި އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، ރައީސް ނެތް ހާލަތެއްގައި 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބުކުރަންޖެހެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވެސް ވޯޓުލާން ދާ މީހުން ނިސްބަތް މަދުކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވޯޓުލީ މީހުންގެ ނިސްބަތް ހުރީ 48 އިންސައްތައަށްވުރެ ވެސް ދަށުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް