ޓްރަމްޕް މިފަދައިން ވިދާޅުވީ މި ދެ ކެންޑިޑޭޓުންގެ ދެމެދުގައި ބޭއްވުނު ފުރަތަމަ ރިޔާސީ ބަހުސް ގެތެރެއިން ނެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ތާރީހުގައި ވެސް ބައިޑަންއަށް ވުރެ ބޮޑަށް ގައުމަށް ގަދަރުކުޑަކުރެއްވި ރައީސަކު ވެރިކަން ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މީހެއްގެ އިނގިލީގައި ހިއްޕަވައިގެން ނޫން ގޮތަކަށް އެހެން ދިމާއަކަށް ވަޑައިގަންނަވަން ބައިޑަންއަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ކުރިން އޮތީ ދުނިޔެ ސިހޭ ވަރުގެ އިގުތިސާދެއް ކަމަށެވެ. ނަމަވެސް ވާދަވެރިންގެ އިގުތިސާދު އެމެރިކާއަށް ވުރެ މިހާރު މާބޮޑަށްވެސް ބާރުގަވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައްދުގައި ބައިޑަން ވިދާޅުވީ، ޓްރަމްޕް ސަރުކާރުގެ ދައުރު ހަމަވެ ވަޑައިގެންނެވިއިރު ގައުމު އޮތީ އަރާރުން އުފެދި ހާޖާނުވެފައި ކަމަށެވެ.
އިއްޔެ ހަވީރު އެމެރިކާގައި އޮތް ރިޔާސީ ފުރަތަމަ ބަހުސަކީ ބައިޑަންގެ އުމުރުން ދުވަސްވުމުން މަގާމަށް ފިޓްކަމާ މެދު އުފައްދާ ސުވާލުތަކަށް ބައިޑަން "ފިޓް" ޖަވާބު ތަކެއް ދިނުމަށް ލިބުނު ފުރުސަތެއް ނަމަވެސް ކަން ވީ ހީކުރިގޮތާ މުޅިން ހިލާފަށެވެ.
90 މިނެޓުގެ ބަހުސްގައި ޓްރަމްޕް އޭނާގެ ސިޔާސީ ޖޯޝުގައި ބަހުގެ ވަރުގަދަ ހަމަލާތަކެއް ބައިޑަން އެޑްމިނިސްޓްރޭޝަނަށް ދެމުން ދިޔައިރު އެއިން އެއްވެސް ކަމަކަށް ބައިޑެންއަށް ރައްދެއް ނުދެއްވުނެވެ. އެއާ ހިލާފަށް ބައިޑަންގެ ފަރާތުން ފެނިވަޑައިގަތީ ވަރުބަލިކަމާއި އެމެރިކާގެ ރައީސް ކަމަށް އުމުރު ތަން ނުދޭކަމެވެ.
އެއާ ހިލާފަށް ބައިޑަންގެ ފަރާތުން ވެރިކަމުގައި ހުންނަވާ ޑިމޮކްރެޓުން ހެއްވާ ލައްވާ ރިޕަބްލިކަން މާޔޫސް ކުރުވާނެ ފަދަ ބަހެއް ވިދާޅުނުވެވި ބަހުސް ނިމުނީ މިހާރު ވެސް ގިނަ މައްސަލަތަކެއްގެ ތެރޭގައި ހުންނެވި ޓްރަމްޕްގެ މައްޗަށް ގަދަވެ ނުގަނެވި އެވެ.