ads
ކައުންސިލަރުންނަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ކައުންސިލަރުން ހުވާ ކުރުމުގެ ކުރިން ކޯހެއް ހަދަން މަޖުބޫރު ކުރަނީ
ކައުންސިލަރުން ޒިންމާ އަދާ ނުކުރާ ކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި އެކަން ހައްލު ކުރުމަށް ހުވާ ކުރުމުގެ ކުރިން ކޯހެއް ހެދުމަށް މަޖުބޫރު ކުރުމުގެ ވިސްނުން އެބަ ހުރިކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.
Advertisement

ޒުލްފާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުލްފާ ވިދާޅުވީ ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް ގާނޫނުގައިވާ ގޮތަށް އަދާނުކުރާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ކަމަށާއި އިންތިހާބުގެ ތެރޭގައި އެކި ވައުދުތައް ވީ ނަމަވެސް ކައުންސިލަރުންނަށް ބައެއް ފަހަރު އެ މަގާމުގެ މަސްއޫލިއްޔަތު ނޭނގޭ ކަމަށެވެ. 

ޕާޓީތަކުގެ ކުލަތައް ދޫކޮށް ގާނޫނީ ގޮތުން ކައުންސިލަރުން ކުރަން ޖެހޭ ކަންކަން ކުރުމުގެ ރޫހު ބައެއް ކައުންސިލަރުން ނުގެންގުޅޭ ކަމަށް ޒުލްފާ ވިދާޅުވި އެވެ. އަދި މިކަން ހައްލު ކުރުމުގެ ގޮތުން ކައުސިލަރުން އިންތިހާބުވުމަށް ފަހު ހުވާ ކުރުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްގައި ބައިވެރިކޮށް އޭގެން ފާސްވުމުން ނޫނީ މަގާމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމަށް ޒުލްފާ ވަނީ ކޮމިޓީއަށް ހުށަހަޅުއްވާފަ އެވެ. 

"އަޅުގަނޑުގެ ވިސްނުމަކީ އެމްކިއުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާ ކުރުމުގެ މަރުހަލާ ކަނޑައްތު ނުކުރެވޭ ގޮތް ހެދުން،" ޒުލްފާ ވިދާޅުވި އެެވެ.

މިފަދަ ކޯހަކުން ފާސް ވެގެން ނޫނީ ހުވާ ނުކުރެވޭ ގޮތް ހެދުމުގެ ސަބަބުން ކައުންސިލަރު ކަމަށް އައްޔަން ކުރާ މީހުންނަކީ ގާނުނާއި އެއްގޮތަށް އަމަލުކުރާ ބަޔަކަށް ވާނެ ކަމަށް ވެސް ޒުލްފާ ވިދާޅުވި އެވެ. އަދި އޭރުން ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންނަކީ ގާނޫނުގައި ބުނާ ކަންކަން ރަނގަޅަށް އެނގޭ ބައެއްކަން ކަށަވަރު ކުރެވޭނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް