ads
މާފުށީ ޖަލު---
ޖަލުގައި މަރުވާ އެންމެންގެ ޕޯސްމޯޓަމް ހަދަން ނިންމައިފި
މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ޖަލުތަކާއި ފުލުހުންގެ ރިމާންޑު ޖަލުތަކުގައި މަރުވާ ހުރިހާ އެންމެންގެ ޕޯސްމޯޓަމް ހަދަން ނިންމިކަން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

އިހްސާން މިހެން ވިދާޅުވީ އިއްޔެ ޖަލުގައި ނިޔާވި ށ. ފުނަދޫ, ޒަމާނީ ވިލާ އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލުގެ މަރާ ގުޅޭގޮތުން މައުލޫމާތުދެއްވަމުންވެެ. 

މުހައްމަދު ޖަމީލު މޫނުމަތިން ނޫފައިގެންފައިވާ ތަނެއް ފެންނަ ހުރިކަމަށާއި އެއީ އަނިޔާގެ ނިޝާންކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި ޖަމީލު ނިޔާވީ ޖަލު އޮފިސަރުން އަނިޔާކުރުމުންކަމަށްް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުން ފާުޅުކޮށްފައެވެ.  

މި ވާހަކަތަކާއި ގުޅިގެން، ޖަމީލުގެ ޖަނާޒާ ކަންކަން ކުރަނިކޮށްް ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހަދަން ނިންމާ ހަށިގަނޑު ބަލާ ގޮސްފައެވެ. ފުލުހުން ޖަމީލުގެ ހަށިގަނޑު ބަލާ ދިޔުމުން ސަހަރާ ސަރަހައްދުގައި ހިތްހަމަ ނުޖެހުން ފާޅުކޮށް އާއިލާއިން އެމަކާއި ދެކޮޅު ހެދުމުން ފުލުހުން އެންމެ ފަހުން ވަނީ ޖަމީލު ވަޅުލުމަށް ހުއްދަދީފައެވެ. 

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުން އިހުސާން ވިދާޅުވީ ޖަމީލުގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމަށްފަހު އަލުން ފުލުހުން ގެންދަން މަސައްކަތް ކުރީ ސޯޝަލް މީޑިއާގައި ދައުރުވި ޖަމީލުގެ ފޮޓޯތަކަކާ ގުޅިގެން އޭނާ މަރުވުމުގައި ގޯހެއް ހިނގާފައިވާ ކަމަށް ތުހުމަތުތަކެއް ކުރެވިގެން ކަމަށެވެ. އަދި އާއިލާއިން އެކަމަށް އެއްބަސްނުވިކަންވެސް އިހްސާން ފާހަގަކުރެއްވިއެވެ. 

އެކަން އެގޮތަށް ހިނގުމުން އަލީ އިހްސާން ވިދާޅުވީ މީގެ ފަހުން ޖަލުތަކުގައި މަރުވާ މީހުންގެ ހަށިގަނޑު އާއިލާތަކާއި ހަވާލުކުރާނީ ޕޯސްމޯޓަމް ހެދުމަށްފަހުކަމަށެވެ. 

"މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު. އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި އެކަމުގެ ރިޕޯޓުތައް ލިބި މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރިވެވޭ ވަރަށް ތައްޔާރުވެގެން," އިހުސާން ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބަދަލުވުމުގައި ފުލުހުން ވިދާޅުވީ ޖަމީލު ބުރާސްފަތި ދުވަހުގެ ރޭ 9 އެއް ޖަހާކަންހާއިރު ގޮޅިއަށް ވަން ގޮތަށްް ގޮޅިން ނުކުމެފައި ނުވާކަމަށެވެ. އަދި ޖަލުގެ އޮފިސަރުން ހެނދުނު ގޮސް ގޮޅި ހުޅުވިއިރު ޖަމީލު ނަމާދުގައި އޮތްކަން ފާހަގަކުރެވުނު ކަމަށެވެ.  އެހެންވެ ޖަލުގެ އޮފިސަރުން ގޮޅި ހުޅުވުމަށްފަހު ދިޔަކަމަށް ފުލުހުން ބުނެއެވެ. 

މިކަމާ ގުޅިގެން ޖަލުގައި އަމަލުކުރަމުންދާ ބައެއް އުސޫލްތަކަށް ބަދަލު ގެންނަން ނިންމިކަން އިހްސާން ހާމަކުރެއްވިއެވެ. އެގޮތުން ގެނައި ބަދަލަކީ ބައެއް ގައިދީން ނަމާދުގެ ސަޖިދައިގައި ގިނަ ވަގުތު ހޭދަކުރާތީ އެ މީހުންގެ ހަބަރު ބެލުމަށް ގެނައި ބަދަލެއްކަމަށް އިހްސާން ވިދާޅުވިއެވެ.  

"ކަރެކްޝަނުން އެއް ގަޑިއިރު ތެރޭ ކޮންމެ ގައިދީއަކު ބަލާނަން. އެއީ އަޅުކަމުގެ ހަރަކާތުގައި ހުއްޓަސް ފުރާނަ ހުރިތޯ ބެލުމަށް," އިހުސާން ވިދާޅުވި އެވެ.

ފުލުހުން ބުނީ ޖަމީލުގެ ހަށިގަނޑުން ނޫފައިގެން ގޮސްފައިވާ ތަންތަން ފެންނަން ހުރި ނަމަވެސް އެއީ އެއްވެސް މީހެއްގެ އަނިޔާގެ ސަބަބުން ވެފައިވާކަމެއް ނޫންކަމަށް މިހާތަނަށް ތަހުގީގުން ބެލި ބެލުމުން އެނގގިފައިވާކަމަށެވެ. 

ކަރެކްޝަނުން ބުނީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މުހައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިންކަމަށެވެ. އަދި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށިކަމަށާއި އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ޑޮކްޓަރު ވަނީ ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައެޅިކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް