ads
ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން - ފޮޓޯ:އިކޮނޮމިިކް މިނިސްޓްރީ
ދެ މާރުކޭޓެއް ރެއިޑްކޮށް 50 ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިއަދު ހިންގި އޮޕަރޭޝަނެއްގައި 50 މީހަކު ހައްޔަރުކޮށް އިމިގްރޭޝަން ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި މިރޭ ވަނީ މަޖީދީ މަގުން ވިލާ މާޓު ކައިރީގައި ހުންނަ މާރުކޭޓާއި އަމީނީ މަގުން ޓީވީއެމް ކައިރީގައި ހިންގާ މާރުކޭޓު ރެއިޑްކޮށް ބައެއް ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ފުލުހުން މިރޭ ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން 50 ބިދޭސީން ހައްޔަރުކޮށް، އިމިގްރޭޝަނާއި މިއަދު ހަވާލު ކޮށްފައިވާ ކަމަށެވެ.

"މި އޮޕަރޭޝަން މިއަދު ހިންގާފައި ވަނީ ލޯކަލް މާރުކޭޓާއި މާލެތެރޭގައި ހިންގާ މާރުކޭޓުތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި،" ފުލުހުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ހައްޔަރު ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ހިންގީ، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ވިދާޅުވެފައި އޮއްވަ އެވެ. 

މިފަހުން މާލޭގެ އަށް ތަނަކާއި، ހުޅުމާލޭގެ ހަ ތަނެއް ބެލުމަށްފަހު، އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ 15 އަންހެން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނަގާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. މި އޮޕަރޭޝަންގެ ގޮތުން ރެއިޑުގައި ބައިވެރިވެފައިވަނީ ހަމައެކަނި އަންހެން އޮފިސަރުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ތިބި ބިދޭސީންނާ ގުޅޭ ކަންކަން ހަމަޔަކަށް އަޅުވަން މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފެށުމާއި އެ މީހުން ގަވާއިދުތަކަށް ފެއްތުން ހިމެނެ އެވެ. 

ގަވާއިދާ ހިލާފުވެފައި ތިބީ ކޮން ބައެއްތޯ އާއި އެ މީހުން ތިބީ ކޮން ބައެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސައްކަތް ވެސް އެ ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން ކުރިއަށް ގެންދެ އެވެ.

އެގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހޯމް މިނިސްޓްރީން ވަނީ މިދިޔަ މެއި މަހު މުޅި ރާއްޖޭގައި ވެސް ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ފެށި އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ވަރަށް ގިނަ ބިދޭސީން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް