ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ މުނައްވަރު ވިދާޅުވީ، މި ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ރާވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ ދަރަނީގެ އިތުުރުން ކުންފުނިތަކުގެ ދަރަނި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށާއި ކޮންމެ މަހަކު ކުންފުނިތަކުގެ ހިންގުމަށް އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ހޭދަކުރަން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިދިޔަ ފަސް އަހަރު ކުންފުނިތައް ހިންގާފައި ވަނީ ދަަރަނި އަދާކުރެވޭނެ ގޮތްތައް ނުބަލާ ކަމަށް ވާތީ އެވެ. އެގޮތުން މުނައްވަރު ތަފްސީލު ދެއްވި ނިމުނު ފަސް އަހަރުގެ ދަރަނި ބައެއް ކުންފުނިތަކުގައި ހުރީ:
- 2018 ވަނަ އަހަރު ފެނަކައިގެ ޖުމްލަ ދަރަނި އުޅުނީ 1.2 ބިލިއަންގައި. އެހެން ނަމަވެސް 2023 ވަނަ އަހަރު 4.3 ބިލިއަނަށް ދަރަނި ވަނީ އިތުރު ވެފައި
- ސްޓެލްކޯގެ ދަރަނި 2018 ވަނަ އަހަރު 2.8 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން 2023 ވަނަ އަހަރު ނިމުނުއިރު، އެ އަދަދު 3.8 ބިލިއަން ރުފިޔާ ވަނީ އިތުރު ވެފައި
- އައިލެންޑް އޭވިއޭޝަންގެ ދަރަނި އެއް ބިލިއަނުން 2023 ވަނަ އަހަރު ނިމުނުއިރު، އެ އަދަދު ހަތަރު ބިލިއަން ވަނީ އިތުރު ވެފައި
މުނައްވަރު ވިދާޅުވި ގޮތުގައި، ކުންފުންޏެއް ނަމަ ލިބޭ އެއްޗަކުން އެ ކުންފުންޏެއްގެ ހަރަދުތައް ހަމަޖެއްސޭވަރު ވާން ޖެހޭނެ އެވެ. އެކަމަކު، ސަރުކާރުގެ ގިނަ ކުންފުނިތައް މިވަގުތު ހިންގަނީ ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ރޭޓިން އެޖެންސީ ފިޗުން މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ރޭޓިން ވަނީ "ސީސީސީ ޕްލަސް"އަށް ވައްޓާލައިފަ އެވެ. އެއީ މާލީ ހާލަތު ދަށްވެ ބޭރުގެ ދަރަނި ނުދެއްކުމުގެ ފުރުސަތު ވަރަށް ބޮޑެތި ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ރޭޓިން އެވެ.
ސަރުކާރުގެ ކުންފުނިތައް މެނޭޖުކުރުން އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރަން، ސަރުކާރުގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުންގެ މެމްބަރުން ވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.