ރާއްޖޭގެ ދަރަނި މަތިވެގެން ގޮސްފައިވާތީ ރާއްޖޭގެ ފިޗު ރޭޓިން ތިން ސީ ޕްލަސް އަށް ދަށްކުރީ މި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނިކޮށް، ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމަށް ފަހު، އެންމެ އަވަހަށް އިގުތިސާދު އިޔާދަވި އެއް ގައުމަކީ ރާއްޖެ ކަމަށާއި މި އަހަރާއި މެދުރާސްތާގައި ވެސް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އޭރު ވެސް ރާއްޖޭގެ މާލީ ދާއިރާ އަށް ދަތިތަކެއް ހުރި ކަން 2022 އާއި 2023 ގައި އެ މިނިސްޓްރީން ފާހަގަކޮށް، ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓު ފޮތްތަކުގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ.
ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތައް ކުރީ ސަރުކާރުން ތަންފީޒުނުކޮށް ހުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، އެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކުވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. މީގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އައިއެމްއެފުން 2022 ވަނަ އަހަރު ފާހަގަކުރި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މިދިޔަ އަހަރު ތައްޔާރުކުރި މި އަހަރުގެ ބަޖެޓު ފޮތުގައި ވެސް އަހަރުގެ މެދުތެރެއިން ފެށިގެން މާލި އިސްލާހުތައް ގެނެސްގެން ހަރަދު ކުޑަކުރާނެ ކަމަށް ބަޔާންކޮށް ކޮންސެޕްޗުއަލް ޕޭޕަރު ތައްޔާރުކޮށްފައި އޮންނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ވެސް އެކަން ކުރާނެ ގޮތުގެ ތަފުސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން މި ވަގުތު މަސައްކަތް ކުރަމުން ގެންދަނީ ހަރަދު ކުޑަ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންކަމަަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ދަރަނި އަދި ފިސްކަލް ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މުހިއްމު މަސައްކަތްތަކެއް ކުރާ މި ދަނޑިވަޅުގައި މާލީ ހާލަތާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް އަދި އެ މިނިސްޓްރީ މަދުނާމުވާ ގޮތަށް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވާހަކަ ދެއްކެވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
ފިޗުން ރާއްޖޭގެ ރޭޓިންއާ އެކު ނެރުނު ހުލާސާގައި ހިމަނާފައިވާ ތަފާސްހިސާބުތަކާއި އެމްއެމްއޭއިން އިއްޔެ އާންމު ކުރި އިގްތިސާދުގެ ހިސާބުތަކަށް ބަލާއިރު ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ދެއްކުމަށް ކުރު މުއްދަތެއްގައި ރާއްޖެއިން 508 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހެ އެވެ. މީގެ އިތުރަށް އަދި ރާއްޖެއަށް ޒަރޫރީ ތަކެތި އެތެރެކުރުމާއި އާންމު ވިޔަފާރިތަކާއި ބޭރަށް ދާ ދިވެހިންގެ ނޭނުންތަކަށް ވެސް 100 މިިލިއަނަށް ވުރެ ގިނައިން ޑޮލަރު ބޭނުން ވާނެ އެވެ.
ސަރުކާރުން ކުރިއަށް އޮތް ތަނުގައި ވެސް ހަރަދު ކުޑަކުރަން އިތުރު ހަރުކަށި ފިޔަވަޅުތައް އަޅަން މަޖުބޫރު ވާނެ ކަމަށާއި ރާއްޖެއަކީ އިމްޕޯޓަށް އެއްކޮށް ބަރޯސާވާ ގައުމަކަށްވުމާއެކު ޑޮލަރުގެ ތާށިކަން ވެސް ކުރިމަތިވާނެ ކަމަށް މާލީ ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.
މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން، އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމުން ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ނިންމާފައިވެ އެވެ.
ސަރުކާރުގެ ކުންފުނިތައް މެނޭޖުކުރުން އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރަން، ސަރުކާރުގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުންގެ މެމްބަރުން ވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.