![](https://cnm.mv/media/images/uuuuuu_1.jpg)
އެ ކުންފުނިން މިހެން ބުނެފައި މިވަނީ ރ. އުނގޫފާރުގައި ހުރި މަގުބައްތިއަކުން ކަރަންޓުގައި ޒުވާނަކު ޖެހި މަރުވުމާ ގުޅިގެން އެކުންފުނިން ކުރިޔަށް ގެންދިޔަ އިންސްޕެކްޝަނަށް ފަހުއެވެ.
ފެނަކައިން ނެރުނު އިއުލާންގައި ބުނެފައިވަނީ އެކުންފުނީގެ ކަރަންޓްގެ ހިދުމަތް ދެވިފައިވާ ރަށްތަކުގެ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓްކޮށްފައިވާކަމަށެވެ. އަދި މިގޮތަށް ބެލިބެލުމުން ރަށްރަށުގައި ހުރު މަގު ބައްތިތަކަށް ކަރަންޓް ދީފައިވަނީ އެންމެ ރައްކާތެރިކޮށް ނޫންކަމަށް ފެނައިން ވަނީ ބުނެފައެވެ.
މަގު ބައްތިތަކުން ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ކަރަންޓްގެ ހިދުމަތް ދެވޭ މަގުބައްތިތަކަށް، މީގެފަހުން ކަރަންޓް ދޫކުރެވޭނީ ފެނަކައިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކޮށްފައިކަމަށް ރަށްތަކުގެ ކައުންސިލްތަކަށް އަންގާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތައް މިދިޔަ މަހުގެ 27 ގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި އަދި މި މަސައްކަތުގެ މުހިންމު ކަމުން މި މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން ނިންމާފައިވާކަމަށްވެސް ފެނަކައިން ބުނެއެވެ.
މީ ޔޫއާރުއޭގެ މިންގަނޑަށް މަގު ބައްތިތައް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މުއްދަތުގެ ތެރޭގައި މިންގަނޑާއި އެެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ކަރަންޓް ޖުލައި މަހުގެ ނިޔަލަށް ކަނޑާލާނެކަމަށްވެސް ފެނަައިން ބުނެއެވެ. އަދި މި ކަންތަތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓަރ ކުރާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.