މިއަދު އިލެކްޝަން ކޮމިޝަނުން ގެޒެޓް ކުރި އިއުލާނުގައި ބުނީ ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް ހުޅުވާލީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ މެންބަރު، ފ. ބިލެތްދޫ ކައުންސިލްގެ ރައީސް، އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ކަމަށެވެ.
މި 3 ރަށުގެ ބައި އިލެކްޝަންގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލީ މިއަދު ހެނދުނު 8:30 ގައެވެ. އަދި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ ހޯމަ ދުވަހުގެ މެންދުރު 2 ގެ ނިޔަލަަށްކަމަށްވާއިރު މި އިންތިހާބުގައި ރަޖިސްޓަރީ ވާނީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނާއި، ފ. ބިލެތްދޫ އަދި ރ. ރަސްމާދޫ ގެ ރައްޔިތުންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ މެންބަރު، ފ. ބިލެތްދޫ ކައުންސިލްގެ ރައީސް، އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގުލިބޭ ފަރާތްތައް ރަޖިސްޓަރީ ވެފައިވާނީ މާލެއަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި މާލެ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަށް ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިކަަމަށް އިލެކްޝަންސް އިން ބުނެއެވެ.
މީގެއިތުރުން މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެ ދާއިރާއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނިކަމަށް އިލެކްޝަންސް އިން ނެރުނު އިއުލާނުގައި ބުނެއެވެ.
މި ބައި އިލެކްޝަންގައި ވޯޓުލުމަށް ރީރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް (https://form.elections.gov.mv) އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.
އިލެކްޝަންއިން ބުނީ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެކަަމަށެވެ.އަދި ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެކަަމަށްވެސް އިލެކްޝަންސްގެ އިއުލާނުގައިވެއެވެ.
މިހާރު ވޯޓުލުމަށްރަޖިސްޓަރީވެފައިވާތަނުގެމައުލޫމާތު (VR space ID-Number Send to 1414) އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ޗެކް ކުރެވޭނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.