ޒަކާތު ފަންޑުން ފަލަސްތީނު ރައްޔިތުންނަށް ފޮނުވަން ނިންމާ އެކަން އިއުލާންކުރީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ.
ގައްޒާ ރައްޔިތުންނަށް އެހީވުމަށް ފޮނުވާ ފައިސާ ހަވާލުކުރާނީ ގަތަރު ރެޑް ކުރެސެންޓއި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް ނިންމީ މީގެކުރިންވެސް ދިވެހި ރައްޔިތުންގެ ފަރާތުން ދިން އެހީ ދެފަހަރެއްގެ މަތިން ގަތަރު ރެޑް ކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވާތީކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިޔަށްދަނީ ފައިސާ ހަރަދު ކުރާނެ ގޮތުގައި އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސްތެރޭ އެ އެއްބަސްވުން އެކުލަވާލެވޭނެކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. މި އެއްބަސްވުން އެކުލަވާލާނީ ރާއްޖެއިން ވަފުދެއް ގޮސްގެންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގައްޒާގެ ނިކަމެތި ރައްޔިތުންނަށް ފޮނުވާ ފައިސާ ފޮނުވަން ނިންމާފައިވަނީ ދެ ބުރަކަށް ބަހާލައިގެންކަމަށް ޝަހީމް ވަނީ ކުރިންް ވިދާޅުވެފައެވެ. އެހެންނަނަމަވެސް އޭގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ގައްޒާގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުގެ ހައްދު ފަހަނާއަޅާފައިވާ ޔަހޫދީން ދެމުންގެންދާ ލާ އިންސާނީ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި މުސްލިމުން އަދަދުވަނީ 38 ހާހުން މައްޗަށް އަރާފައެވެ. އޭގެތެެރެއިން 28,000 އަކީ އަންހެނުންނާއި ކުޑަކުދިންނެވެ
ޔަހޫދީންގެ ހަަމަލާތަކުގައި ގާޒާގެ ރައްޔިތުންގެ ގެތަކާއި އިމާރާތްތައް ސުންނާފަތި ކޮށްލާފައިވުމުން އާބާދީގެ 80 އިންސައްތަ މީހުން ވަނީ މަގުމަތިވެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓުބަރު މަހުގެ 7 ވަނަދުވަހު އިސްރާއީލުން ގައްޒާގެ ރައްޔިތުން ނެތިކޮށްލުމަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދުވެސް ވަނީ 75 ހާހުން މައްޗަށް އަރާފައެވެ.