ads
މަސްވެރިންނަށް މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ދީފިން: މިފްކޯ
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، މަސްވެރިންނަށްް މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާއިން މިދިޔަ ޖޫންމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް  998.7 މިލިއަން ރުފިޔާ ދޫކޮށް ޚަލާސްކޮށްފައިވާކަމަށެވެ. 

މަސްވެރިން ކިރުވި މަހަށް ދޭންޖެހޭ ފައިސާ ނުދީގެން އައްޑޫ މަސްވެރިން ވަނީ ދިހަ ދުވަސް ވަންދެން އައްޑޫ މަސްފެކްޓަރީގައި މުޒާހަރާކޮށްފައެވެ. އެމީހުން މުޒާހަރާތައް ހުއްޓާލީ ސާރުކާރުން ފައިސާ ދިނުމުންނެވެ. 

މަސްވެރިން ކުރި މުޒާހަރާގައި އައްޑޫ މަސްޕެކްޓަރީގެ އޮޕަރޭޝަން ވަނީ ހުއްޓުމަށްް އައިސްފައެވެ. އެތަނުގެ މުވައްޒަފުން ބުނީ އެ ދިހަ ދުވަހަކީ ބިރުވެރި ދިހަ ދުވަސްކަމަށެވެ. އަދި ބައެއް މީހުން މާރާމާރީ ހިންގާ ތަކެއްޗަށް ގެއްލުންދޭން މަސައްކަތް ކުރިކަމަށްވެސް އައްޑޫ މަސް ފެކްޓަރީ މުވައްޒަފުން ވަނީ ބުނެފައެވެ. 

މަސްވެރިންނަށް ކިރުވާ މަހަށް ފައިސާ ނުދެވޭތީ ސަރުކާރުން ވަނީ މަސް ގަންނަ އަގަށް ބަދަލި ގެނެސްފައެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ ހަފްތާ ހަފްތާއިން އަގު ކަނޑައެޅުމަށެވެ. މި ހަފްތާގައި މަސް ގަންނަ އަގަކީ ކިލޯއެއް 16 ރުފިޔާއަށެވެ. 

މަސް ގަންނަ އަގަށް ގެނައި ބަދަލާއި އެކު މަސްވެރިން ކިރާ މަހަށް ދެ ހަފްތާގެ ތެރޭގައި ފައިސާ ދެވޭނެކަމަށްް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. 

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރިގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ޝިޔާމް ވިދާޅުވީ މި ވައުދު އެންމެ އަވަހަށްވެސް ފުއްދޭނެކަމަށް ބެލެވެނީ އަދި ދޮޅު އަހަރެއްހާ ދުވަސް ފަހުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް