ads
ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހާތިފް ހިލްމީ
"ވާނުވާ" ބަންދަށް އެހެން ހައްލެއް: ޓެގު އެޅުވުން
ގާނޫނުއަސާސީ ތަސައްވުރުކުރާ ގޮތުން މީހަކު ބަންދުކުރާންވާނީ ހުކުމެއްކޮށް މައްސަލައެއް ސާބިތުވުމުންނެވެ. ނަމަވެސް ވަކި ހާއްސަ ހާލަތްތަކެއްގައި ތަހުގީގު ބޭނުމަށް އަދި ޝަރީއަތުގެ މަރުހަލާގައިވެސް މީހުން ބަންދުގައި ބެހެއްޓެއެވެ. އެއީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް، މިހާރު އާއްމު ގޮތެއްގައި ކިޔައި މިއުޅޭ ނަމަކީ "ވާނުވާ" ބަންދެވެ. ބައެއް މައްސަލަތަކުގައި ޝަރީއަތް ނިމެންދެން މީހުން ބަންދު ނުކުރަނީ ކީއްވެތޯ ބައެއް މީހުން ސުވާލު އުފައްދާއިރު، ޝަރީއަތް ނިމެންދެން މީހަކު ބަންދު ނުކޮށްވަނީ ކީއްވެކަން އެއީ ޖަވާބުދިނުން ދަތި ސުވާލެއް ކަމަށް ޕީޖީން ދެކެއެވެ. އަސްލަކީ ޙުކުމެއް ކުރުމުގެ ކުރިން ބަންދު ނުކުރުން ނަމަވެސް ޝަރީއަތް ނިމެންދެން ނުވަތަ އާއްމު ނަމުންނަމަ، "ވާނުވާ" ބަންދު ޖެހުމަކީ ހަމަ ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ހިނގާ ކަމެކެވެ.

ވާނުވާ ބަންދުގެ ކަންތަކުގައި އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ހިޔާލު ފާޅުކުރަމުން ދެއެވެ. އެކަމަށް އޮތް ހައްލުތައްވެސް އެކި ފަރާތްތަކުން އެކި ގޮތަށް ކިޔައި ދެއްވަމުންދާއިރު، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު އަދި މިހާރު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ ހާތިފް ހިލްމީ ދެކެވަޑައިގަންނަވާ ގޮތުގައި ޓެގު އެޅުވުމަކީވެސް އެކަމަށް ލިބިދާނެ ހައްލެކެވެ.

ސޯޝަލް މީޑިއާގައި ހާތިފް ވިދާޅުވީ، ޝަރީއަތް އަވަސް ކުރުމުގެ އިތުރުން ވެސް ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ނިޒާމަށް ބައެއް ބަދަލުތައް ގެނެސް އާ ކަންކަން ތައާރަފު ކުރަން ޖެހޭ ކަމަށެވެ. ހާތިފްވެސް ގަބޫލު ކުރައްވާ ގޮތުގައި ޝަރީއަތް އަވަސްވުމަކީ ވާނުވާއަށް އޮތް އެންމެ ބޮޑު ހައްލެވެ. އެހެންނަމަވެސް އެއީ ހަމަ އެކަނި ހައްލު ކަމަކަށް ހާތިފް ގަބޫލެއް ނުކުރައްވައެވެ.

"ޔަގީނުންވެސް ޝަރީއަތް އަވަސްވުމަކީ ހައްލެއް އަދި އެއީ އޭގެ އެންމެ ފުރިހަމަ ހައްލު، އެކަމަކު އެއީ ހަމައެކަނި ހައްލެއް ނޫން. ޓެގް އަޅުވާފަ މޮނިޓަރ ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުން އަދި ޓެގް އަޅުވާފަ ހުންނަ މީހާ ނުފިލާނެކަން، ކޯޓަށް ހާޒިރުރުވާނެކަން އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިނުވާނެކަން ތަންފީޒީ އިދާރާތަކަށް ކަށަވަރުކުރެވިއްޖެނަމަ، މި ތިން ސަބަބުގެ މައްޗަށް ބިނާކޮށް މީހަކު ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު މަދުވާނެއެވެ" ހާތިފް ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޖަލުގައި ބަންދުކުރުން ނުވަތަ 'ވާނުވާ' ބަންދު ޖެހުމުގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރަން މަޝްވަރާތައް އަބަދުވެސް ކުރިއަށްދެ އެވެ. އެގޮތުން ގާނޫނު އިސްލާހު ކުރުމަށް ނިންމާ، ޝަރީއަތްތައް ހިންގަން އެކަށީގެންވާ ޖާގަ ދިނުން ފަދަ ކަންކަން ސަރުކާރުން ދަނީ ކުރަމުންނެވެ. ސަރުކާރުން މިކަމުގައި ދެކޭ ހައްލަކީ، ޝަރީއަތްތައް އަވަސް ކުރުމެވެ.

އެކި ސަބަބުތަކާ ހެދި ޝަރީއަތް ނިމެންދެން 'ވާނުވާ' ބަންދުގައި އެތައް އަހަރެއް ވަންދެން ރާއްޖޭގައި މީހުން އެބަތިއްބެވެ. ހުކުމަކާ ނުލާ ދިގުމުއްދަތަކަށް މީހުން ޖަލުގައި ބޭތިއްބުމަކީ އިންސާނީ ހައްގުތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުނެ އެކަން ވަރަށް ހާއްސަ ހާލަތްތަކެއްގައި ނޫނީ ނުކުރެވޭ ގޮތަށް ބޭއްވުމަށް އެކި ފަރާތްތަކުން ގެންދަނީ އަޑުއުފުލަމުންނެވެ.

"ވާނުވާ" ބަންދާ ގުޅިގެން އުފެދިފައިވާ މައްސަލަ އާއި ކޯޓުތަކުގެ ޝަރީއަތްތައް ލަސްވުން، ފަނޑިޔާރުން އަމަލު ކުރައްވާ ގޮތުންނާއި ގާނޫނުތަކަށް ގެންނަ ބަދަލަކުން ޝަރީއަތްތައް ވަރަށް ބޮޑަށް އަވަސް ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުވެސްވަނީ ވިދާޅުވެފަ އެވެ.

ވާނުވާ ބަންދުގެ ކަންތަކުގައި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހަސަން ރަޝީދު ވިދާޅުވީ، އެ ކޯޓުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުން އަދި ވަސީލަތްތައް މަދުވުމަކީ ޝަރީއަތްތައް ލަސްވާން މެދުވެރިވާ ސަބަބެއް ކަމަށެވެ. އެކަން ކަމަށް ހައްލު ހޯދަން ކޯޓަށް އެކަށީގެންވާ ރަނގަޅު އިމާރާތެއް ލިބި، ވަސީލަތްތައް ވެސް އިތުރުވާން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް