ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
މާލީ ހާލަތު "ވާނުވާ"ގަ ބާއްވައިގެން ލިބޭނެ ކުރިއެރުމެއް ނެތް: ފައްޔާޒު
ގައުމުގެ މާލީ ހާލަތު ފޮރުވާ، "ވާނުވާ" ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައި ވަނިކޮށެވެ.

މި ވާހަކަތަކާއި ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިޒާމުތަކަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުން ހިޔާލާއި މަޝްވަާ ހޯދަން ޖެހޭކަމަށެވެ. 

"ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހޭ. ކައުންސިލްގެ އަދަދު މަދުކުރުން, މަޖިލިސް އަދަދު މަދުކުރުން, މިކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ. ނަމަވެސް ދެބޯގެރި ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މާލިއްޔަތު ރަނގަޅުކަމަށް ވަޒީރު ވިދާޅުވާއިރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގައި އިހްލާސްތެރިކަމެއް ނުފެންނަކަމަށެއެވެ. އަދި ބޭރުގައި ތިބި ދަރިވަރުންނަށް އެކުދިންގެ ފައިސާ ދޭނެ ގޮތް ސަރުކާރުން ބުނެދޭންޖެހޭކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. 

" އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމައި މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ. ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ނުފެނޭ ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭކަމަށެވެ. 

" ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ، ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެކުރިން ސިޔާސީ މުވައްޒަފުން ވައުދާއެއްގޮތަށް މަދުކުރޭތޯ، މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫން އަދި މިވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު. ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއް." އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީން ރައްޔިތުން ބަލައިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް މަރުހަބާ ކިޔާނެކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް