ads
ބައެއް ފަހަރު ލަސްވެދާނެ، އެކަމަކު، ހާލުގައި ނުޖައްސާނެކަމުގެ ޔަގީންކަން ދެން: މާރިޔާ
ސަރުކާރުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ހާލުގައި ނުޖައްސާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން މި ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުނަށް ވިއްކާ ޑޮލަރުގެ އަދަދު ދަށްކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. 

ސަރުކާރުގެ ހަބަރުތައް ގެނެސްދިނުމަށް "ސަރުކާރު" ނަމުގައި ރައީސް އޮފީހުން ހިންގަމުން އަންނަ އޮންލައިންގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު މާރިޔާ ވިދާޅުވީ މި ދަރިވަރުންގެ ކޯސްފީއާއި ލިވިން އެލަވަންސާއި އެހެނިހެން ހަރަދުތައް ހަމަޖެހިފައިވާ އުސޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ މި މިނިސްޓްރީން އަބަދުމެ ކުރަމުން އަންނަކަމެއްކަމަށެވެ. ނަމަވެސް ބައެއްފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާކަމަށް ޤަބޫލުކުރާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެހެންވަނީ ލިޔުންތައް ނުލިބުމުންކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. 

" އެއީ މިއަދަކު އެކަނިވިކަމެއް ނޫނެއެވެ. މީގެ ކުރިން ވެސް މިފަދަ ހާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ. ޢާއްމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، މި މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވާސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ނަގާ ވަގުތު." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މި މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ހިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދަމުންކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

" ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެންމެހައި ދަރިވަރުންނަށް، ދޭންއޮތް ޔަޤީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިމުނަށް، ކުރެވެން އޮތް ކޮންމެކަމެއް ދިވެހިސަރުކާރުން ކުރާނެކަން. ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެއުގޮތުގައި ބިނާކޮށް، މި ޤައުމު އާރާސްތުކުރުމުގައި އެ ދަރިންގެ ހިއްސާ އިތުރު ކުރުމަށް." ރައީސް އޮފީހުގެ އޮންލައިން ނޫހުގައިވެއެވެ.

ކިޔަވާ ކުދިންނަށް ވިއްކާ ޑޮލަރުގެ އަދަދަށް ބޮޑު ބަދަލެއް

ދަރިން ބިނާކުރުމުގެ މި ފަދަ ޤައުމީ އަދި މުހިއްމު މަސައްކަތަކާއި ގުޅުވައިގެން، ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް، ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރުތައް ގެނެސްދިނުމަކީ އެކަމާ ކަންބޮޑުވެ، ހިތާމަ ކުރާކަމެެއްކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. .އަދި ދަރިވަރުންގެ ކަންކަމާއި ގުޅުވައިގެން އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ހަބަރު ފަތުރާ ވަސީލަތްތަކުން އަމަލު ނުކުރުމަށާއި ހަޤީޤަތް އޮޅޭގޮތަށް ގެނެސްދެވޭ ހަބަރަކުން، ކުރާނެ މަންފާއެއް ނޯންނާނެކަމަށްވެސް ހަޔާ އެޑިއުކޭޗަން މިނިސްޓްރީން ބުނެއެވެ. 

ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މި ވަގުތު ކިޔަވަމުން އެބަދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް