ads
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު
އާދައިގެ މުވައްޒަފުން ވަކިކުރާތީ ހުށައެޅި މައްސަލަ ބަލައިނުގަން ބޭރުކޮށްލައިފި
ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މީހުން ވައްދާ އެ ތަންތަނުގައި ތިބި އާދައިގެ މުވައްޒަފުން ވަކިކުރާތީ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށްް ހުށައެޅީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރުއެވެ. 

އޭނާ ހުށައެޅި މައްސަލާގައި ބުނެފައިވަނީ ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއް ނެތި މުވައްޒަފުން އިތުރުކޮށް އެ ކުންފުނިތަކުގައި އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަކަމަށެވެ. 

"ސިޔާސީ މަގާމުތަކުގެ އަދަދު ގާތްގަނޑަކަށް ދެހާހާ ގާތްކުރާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން. ރައީސުލް ޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރުމަށް ޓަކައި ބޭނުންވާ މީހުން އައްޔަންކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރަކަށް ވީ ހިނދު، މިދަނޑިވަޅުގައި އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ، އަދި އެމަނިކުފާނުގެ ވައުދުފުޅާ ހިލާފުވެ ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް ބޮޑެތި މުސާރަޔާ އެކު މީހުން އައްޔަންކޮށް، ސަރުކާރުގެ މަގާމުތަކަށް އެކަށީގެން ނުވާ އަދަދަކަށް މީހުން އައްޔަންކުރަމުން ކަމުގައި ދަންނަވަން،" މައުރޫފް ހުށައެޅި މައްސަލާގައިވެއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށްް ފެނޭތޯ ނެގި ވޯޓުގައި ފެންނަކަމަށް ވޯޓް ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުން އެކަންޏެވެ. ސަރުކާރުގެ ފުރިހަމަ ބާރު އޮތް މަޖިލީހުން މި މައްސަލަ ބަލައިގަންނަ ނުފެންނަކަމަށްް ނިންމާ ބޭރުކޮށްލީ 57 މެމްބަރުންގެ ވޯޓާއެކުއެވެ. 

އިދިކޮޅު މެމްބަރުން ކުއްލި މައްސަލަ ހުށައަޅާތީ އެކަން އެހާ ފަސޭހައިން ނުކުރެވޭނެ ގޮތަށް ގަވައިދަށް ބަދަލު ގެންނަން ޕީއެންސީ މެމްބަރަކު އިއްޔެ ވަނީ މަޖިލީހުގައި ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް