
މީގެ ނުވަ މަސް ކުރިން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 38000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.
އިރާނުގެ ކުރީގެ ރައީސް ރައިސީ ދަތުރުކުރެއްވި ހެލިކަޕްޓަރު ވެއްޓި، އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން އިރާންގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ހެލްތު މިނިސްޓަރު ޕެޒެޝްކިއަން ވިދާޅުވީ ޔަހޫދީ ޒައިނިސްޓް ދައުލަތުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހައްދުފަހަނަ އެޅި ކުށްތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރުމުގައި މެދުއިރުމަތީގެ ގައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު ޖަމާއަތްތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި އީރާނުން ދެމިއޮންނާނެ ކަމެވެ.
އިޒުރޭލުން މެދުކެނޑުމެއް ނެތި ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ހަމާސްގެ ހަނގުރާމަވެރިން ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ދަނޑިވަޅުގައި ހަމާސްއަށް ހިތްވަރުދީ ފަލަސްތީނުގެ ހައްގުގައި އެންމެ ބޮޑަށް އިޒްރޭލަށް ގެއްލުން ދިނުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އެއް ޖަމާއަތަކީ ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތެވެ. ހިޒްބުﷲ ޖަމާއަތުން އިސްރާއީލާއި ދެކޮޅަށް ފޮނުވަމުން ގެންދާ ރޮކެޓް ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް އަންނަނީ ބޮޑެތި ގެއްލުން ވަމުންނެވެ.
ހިޒްބުﷲގެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 19 މީހަކާއި އިޒްރޭލު އާންމުންގެ 14 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ.
މީގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ހަމަލާ ދޭތީ އެކަމުގެ ބަދަލު ހިފަން ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޔަމަންގެ ހޫތީން ދެމުން ގެންދާ ހަމަލާތަކުގައި ރަތްކަނޑުން ދަތުރުކުރާ އިޒްރޭލާ ގުޅުން އޮތް އާގު ބޯޓު - އުޅަނދުތަކަށް ހޫތީން އަންނަނީ ވަރުގަދައަށް ހަމަލާދެމުންނެވެ.
ހޫތީން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރަނީ އިޒްރޭލުގެ މުދާ އުފުލާ ބޯޓުތަކާއި އެކި ގޮތްގޮތުން އިޒްރޭލާ ގުޅުން އޮންނަ ބޯޓުތަކަށެވެ. ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން، ހޫތީންގެ ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ.
އިޒްރޭލު އަސްކަރިއްޔާ މައިތިރި ކުރުމަށް ހަމަލާ ދޭނެ ކަމަށް ދެމުން ދިޔަ އިންޒާރުތަކަށް ފަހު، އެންމެ ފަހުން އިރާނުން ޑްރޯން އާއި މިސައިލް ހަމަލާތަކެއް ވެސް މިފަހުން ވަނީ އިޒްރޭލަށް ފޮނުވާލައިފަ އެވެ. އިޒްރޭލުން އިތުރު ގޯހެއް ހަދައިފި ނަމަ ދެން ދޭ ރައްދު މާ ވަރުގަދަވާނެ ކަމުގެ އިންޒާރު ވެސް އިރާނުގެ ކުރީގެ ރައީސް ރައިސީގެ ޒައާމަުގައި އޮތީ ދީފައިވެ އެވެ.
ގާޒާ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އީރާންގެ އާ ރައީސް ޕެޒެޝްކިއަންގެ ޒައާމަތާއެކު ޔަމަނާއި ލުބްނާންގެ ހަނގުރާމަ ވެރިންގެ "ރޮކެޓް" ތަކުން ޒައިނިސްޓް އިޒްރޭލަށް އިތުރު ތުރާ ޖެހޭނެ ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ލަފާކުރެ އެވެ.