
ޖަވާން ފިލްމުގެ ތަރި ޝާރުކް، އަނަންތް އާއި ރާދިކާގެ ކައިވެނީގެ ކުރީގެ ހުރިހާ ޖަލްސާއެއްގައި ބައިވެރިވި ނަމަވެސް، ސަންގީތާއި ހަލްދީ ޖަލްސާތަކުގައި ބައިވެރިނުވާކަން ފާހަގަކުރެވެއެވެ. ބައިވެރި ނުވަނީވެސް ސަބަބެއްވެސް ނެތިއެއް ނޫނެވެ.
ޝާރުކް ޚާން އާއި އޭނާގެ ދަރިފުޅު ސުހާނާ ޚާން ނިއުޔޯކުގައި ތިބިކަން ދައްކުވައިދޭ ފޮޓޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. ޝާރުކްގެ ފޭން ކްލަބްތަކުން ޝެއަރކޮށްފައިވާ މި ފޮޓޯގައި ޝާރުކް އާއި ސުހާނާ ނިއުޔޯކުގެ ކެފޭއެއްގައި ވަގުތު ހޭދަކުރަމުންދާ މަންޒަރު ފެނެއެވެ. ޝާރުކް ވަނީ ޕޮނީޓެއިލް ސްޓައިލްގައި ކެޕެއް އަޅައިގެންނެވެ. ސުހާނާ ފެންނަނީ ފޯނެއްގައި ބިޒީކޮށް އުޅޭ މެންޒަރެވެ.
އަނެއް ފޮޓޯއެއްގައި ޝާރުކް ބޫޓެއް ބަލަމުންދާ މަންޒަރުފެނެއެވެ. ޝާރުކް އާއި އޭނާގެ ދަރިފުޅު ނިއުޔޯކުގައި ތިބިއިރު، އޭނާގެ ފިރިހެން ދަރިފުޅު އަރިޔާން ޚާން ވަނީ އަނަންތް އަމްބާނީ އާއި ރާދިކާ މަރޗަންޓްގެ ސަންގީތު ޖަލްސާގައި ބައިވެރިވެ، އާއިލާގެ ފަރާތުން ތަމްސީލުކޮށްފައެވެ.
ޖުލައި 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ކައިވެންޏަށް ޝާރުކް ޚާން ނިއުޔޯކުން އެނބުރި އަންނާނެތޯ ގިނަބަޔަކު އަންނަނީ ސުވާލުވެސް އުފައްދަމުންނެވެ. މަސައްކަތުގެ ދާއިރާއިން ބަލާއިރު، ޝާރުކް ޚާން އޭނާގެ ދެން އަންނަ ފިލްމު "ކިންގް" ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ބެލެވެއެވެ. ޕަތާން، ޖަވާން އަދި ޑަންކީގެ ފަހުން ޝާރުކް ޚާން ކުޑަ ބްރޭކެއްނެގިއެވެ. އޭނާގެ ޓީމު ކޭކޭއާރުގެ އައިޕީއެލް 2024 ގެ ހުރިހާ މެޗެއްގައި އޭނާ ބައިވެރިވިއެވެ. އަދި އުފަލާއެކު، ކޭކޭއާރު މި އަހަރުގެ ލީގު ވެސް ކާމިޔާބުކުރިއެވެ. "ކިންގް" ފިލްމުގައި ސުހާނާ ޚާން ވެސް ބައިވެރިވާނެއެވެ. ޖޫން މަހުގައި މި ފިލްމުގެ ޝޫޓިން ފަށާނެކަމަށް ޝާރުކް ހާމަކޮށްފައިވެއެވެ.