ads
ސަރުކާރު ކުންފުނިތައް 2 ބިލިއަން ރުފިޔާގެ ގެއްލުމެއްގައި
މިދިޔަ އަހަރުގެ ފަހު ކުއާޓަރު ؛ އެސްއޯއީތައް ދެ ބިލިއަން ރުފިޔާގެ ގެއްލުމެއްގައި
ނިމިދިޔަ 2023 ވަނަ އަހަރުގެ ފަހު ކުއާޓާގައި ސަރުކާރުގެ ކުންފުނިތަކަށް 2.27 ބިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ ކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އާންމުކުރި ރިޕޯޓުން ދައްކައިފި އެވެ.
Advertisement

ޕީސީބީން ކޮންމެ ކުއާޓާއެއްގައި އާންމުކުރާ ދައުލަތުގެ ކުންފުނިތަކުގެ މާލީ ރިވީއުގައި ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި ސަރުކާރު ހިއްސާވާ 32 ކުންފުންޏަށް މިދިޔަ އަހަރު ވަނީ އާމްދަނީގެ ގޮތުގައި ޖުމްލަ 13.27 ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ތެރެއިން %30 ހިއްސާކުރީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އެވެ. 

ނަމަވެސް ހަރަދުތަކަށް ކެނޑުމުން ސަރުކާރު ކުންފުނިތަކަށް ވަނީ 2.27 ބިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.

އެ ރިޕޯޓުގައި ބުނި ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ހަމައަށް އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ 34،369 އަށް އަރައިފަ އެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 30،866 ގަ އެވެ.

އަހަރު ދުވަހުގެ ތެރޭގައި، އެންމެ ގިނައިން މުވައްޒަފުން އިތުރުކުރި ކުންފުނިތަކުގެ ތެރޭގައި ފެނަކަ އާއި އެޗްޑީސީ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ހިމެނެ އެވެ. މީގެ ތެރެއިން ފެނަކައަށް އެއް އަހަރު ދުވަސްތެރޭ 682 މުވައްޒަފުން ވެސް ވަނީ އިތުރުވެފަ އެވެ. އަދި އެމްޓީސީސީއަށް ވަނީ އަހަރެއް ތެރޭ 734 މުވައްޒަފުން ވަނީ އިތުރުވެފަ އެވެ. 

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ހިނގާ ހަރަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. 

އެގޮތުން ޕީއެސްއެމް އިން އާމްދަނީގެ %61 ހަރަދުކުރަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. ރީޖަނަލް އެއާޕޯޓްސް އިން އާމްދަނީގެ 270 ޕަސަންޓު އަދި ކައްދޫ އެއާޕޯޓްސް 207 ޕަސަންޓު މުސާރަ އަށް ހޭދަކުރެ އެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 11.69 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ އާމްދަނީގެ ނިސްބަތުން ބަލާއިރު، 356 ޕަސަންޓެވެ. 

ރިޕޯޓުން އިތުރަށް އެނގޭ ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ހަރުމުދާ ނުވަތަ އެސެޓް ވެލިއު ވަނީ 178.14 ބިލިއަން ރުފިޔާއަށް މައްޗަށް ޖެހިފަ އެވެ. އަދި އެ ކުންފުނިތަކުގެ ދަރަނި ވަނީ 113.41 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.  

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތައް ހިންގާފައި ވަނީ ވަރަށް ދޯދިޔާކޮށް އަދި މާލީ ގޮތުން ގެއްލުންވާ ގޮތަށް ކަމަށާއި އެ ތަންތަނުގެ ޖުމްލަ ދަރަނި 98 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ ގިނަ ކުންފުނިތައް މިވަގުތު ހިންގަނީ ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ނެވެ. ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިފަހުން ވިދާޅުވީ އެސްއޯއީތަކުގެ މައްސަލަތައް ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި، ވަކި ވަކި އެސްއޯއީތަކުގައި ހުރި މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. ގެންނަ ބަދަލުތަކުގެ ސަބަބުން ބައެއް އެސްއޯއީތައް އެއްކޮށްލަން ވެސް ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް