ads
ދޫކޮށްފައި ނުދާށޭ.. - 19 ވަނަ ބައި
އެޕިސޯޑް 19

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

"ބިރުގަންނަނީ މަންމައާއި ބޮޑުދައިތަ ހިމާޔަތްކުރުމުގައި އަޔާން ފެއިލްވެދާނެތީ.. ދުނިޔޭގެ ހުރިހައި އުފަލެއް މަންމައަށް ހޯދައިދޭން ބޭނުން..! މަންމަގެ ގުރުބާނީގެ އަގު ދުވަހަކުވެސް އަޔާންއަށް އަދާނުކުރެވޭނެ.. ބޮޑުދައިތައާއި މަންމަ ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތް އެކުރަނީ ހަމައެކަނި އަޔާންއަށްޓަކައި.." އަޔާންގެ ހިތުގެ ދޮރު މުންޝިރް ކުރިމަތީގައި ހުޅުވާލުމަކީ އެދަރިފުޅަށް ފަސޭހަ ކަމެކެވެ. 

"އަންކަލްގެ ކިބައިން ދަރިފުޅު ބޭނުން ކޮންމެ އެހީއެއް ކޮންމެ ވަގުތެއްގައިވެސް ލިބޭނެ.. އަޔާންއަކީ ހިތްވަރުގަދަ ދަރިއެއް.. ކިޔަވައިގެން މޮޅުވޭ..! ހިތްވަރާއެކު މަސައްކަތްކޮށްފިއްޔާ ނުވާނެ އެއްކަމެއްވެސް ނޯންނާނެ" އަޔާން ބުނިއެއްޗަކަށް ވިސްނައިލަމުން މުންޝިރު ހިއްވަރުދިނެވެ. ނިއްކުރީގައި އަތް ހާކާލާފައި އިރުކޮޅަކު އަޔާން ވިސްނައިލި އެވެ.

"ދުވަހަކުވެސް ނޭދޭވަރުގެ ބޮޑު ކަމެއްގައި މިރޭ އަންކަލްގާތުގައި އެދެން ބޭނުން..!" އަޔާންގެ ޖުމުލަ މިފަހަރު ތަފާތެވެ.

މުންޝިރަށް ބަލައިލެވުނީ އަޔާންގެ އަޑުގައި އެކުލެވުނު ސީރިއަސްކަމުގެ ސަބަބުންނެވެ. އަޔާންއަކީ ކިތަންމެ މަޑުމައިތިރި، ބަސްމަދު ކުއްޖެއްކަމަށްވިޔަސް، މިއީ އެދަރިފުޅުގެ ކިބައިން އާންމުކޮށް ފެންނަ ސިފައެއް ނޫނެވެ. 

"ލެޕްޓޮޕަކާއި، ގެއަށް އިންޓަނެޓް..! ދެން އަޔާން ބުނާ އަދަދަކަށް ކޮންމެ މަހަކުވެސް ފައިސާ.." މުންޝިރްގެ ލޮލަށް ބަލައިލަމުން އަޔާން ބުންޏެވެ. މަންމައާއި ބޮޑުދައިތަ ކައިރީގައި އެދުނަސް، ސުވާލަކާއި ނުލައި އެކަންކަން ފުދޭނެކަން އެނގިހުރެވެސް އަޔާން ބޭނުންވީ ހަމައެކަނި މުންޝިރްގެ އެހީ އެވެ. 

"ދަރިފުޅު ބޭނުން ކޮންމެ އެއްޗެއް ލިބޭނެ.." ފުރިހަމަ އިތުބާރު އޮތްކަން އަޔާންއަށް އިހްސާސްކޮށްދިނުމަށް މުންޝިރްގެ ކުރު ޖުމުލަ ފުދުނެވެ. ކުޑަކުޑަ ސިކުނޑީގައި ހިނގަމުންދިޔަ ހިޔާލްތައް މުންޝިރަށް އެނގޭފަދަ އެވެ. 

...............

އައިޝާއާއި ވާހަކަދައްކަން އިނދެފައި އަލީޒީ ދުއްވައިގަތީ ފާހާނާއަށެވެ. ރަގަޅަށް ދޮރު ނުލެއްޕެނީސް އިވުނީ އޯކަށް ދެމިގަތް އަޑެވެ. ހަދާނެގޮތް ބޮޑުވެ ހާސްވުމުން، އައިޝާއަށް ދުއްވައިގަނެވުނީ ފެންތައްޓެއް ބަލަ އެވެ. ކޮޓަރީގައި ފެންހުރިކަންވެސް އައިޝާ ހަނދާނެއް ނެތެވެ.

...............

"މިހާރު ތިނެއްޖަހައި ބޮޑުވީ.. ނިދަން މާބޮޑަށްވެސް ލަސްވެއްޖެ.. އިރުކޮޅަކު ނިދާލާފައި ތެދުވެ ފަތިސްނަމާދަށް ހޭލާނެ ވަގުތު އަދި އެބައޮތް.. އިން ޝާ ﷲ ހޭލެވޭނެ.. ހިނގާ އޮށޯންނަން..!" ސޯފާއިން ތެދުވަމުން އަޔާންގެ އަތުގައި ހިފާފފައި ކޮޅަށް ނެގީ މުންޝިރެވެ. 

ފެންތަށި ހިފައިގެން ދުފެވައި އައިޝާ އައިސް ކޮޓަރި ކުރިމައްޗަށް އެރީ، މުންޝިރާއި އަޔާންވެސް އެހިސާބަށް އަރައި ހަމަވި ވަގުތު އެވެ.

"ބޮޑުދައިތަ ހާދަހައި ހާސްވެފަ..؟؟!!  ކީއްކުރާ ފެންތައްޓެއް..؟؟ މަންމައަށް ކަމެއް ވީތަ..؟ މަންމަ ބަލިވީތަ؟" އަޔާންގެ ސުވާލުތަކާއެކު މުންޝިރާއި އައިޝާގެ ދެ ލޯ ބޮޑުވި އެވެ.

އައިޝާގެ ނިއްކުރިން ހިއްލާލި ދާބޮކިތައް މުންޝިރަށް ސިއްރެއް ނުވި އެވެ. ހުރިފިޔަވަޅުމަތީގައި އައިޝާ ގަނޑުވި އެވެ. އަވަސްއަވަހަށް މުންޝިރާއެކު އަޔާން ދެމިގަތީ ކޮޓަރި ތެރެއަށެވެ.

ލުއި ހިނިތުންވުމަކާއެކު އަލީޒީ ބަލަހައްޓައިގެން އިނީ ހުޅުވުނު ދޮރާއި ދިމާއަށެވެ. އަޔާން ދުވެފައިގޮސް، މަންމަގެ ގައިގައި ބާރަށް ބައްދައިގަތެވެ. ތަފާތު ނަޒަރަކުން ބަލައިލަމުން އަލީޒީގެ ބޮލުގައި މުންޝިރް ފިރުމާލި އެވެ. ހަރަކާތް ހުއްޓިފައި ދޮރުން ބޭރުގައި ހުރި އައިޝާއަށް މި ހުރިހައި މަންޒަރެއް ފެންނަމުންދިޔައިރުވެސް ކުރިއަށް ފިޔަވަޅެއް އަޅާނެ ހިތްވަރެއް ނުލިބުނެވެ. ކުރިމަތިވެދާނެ ސުވާލަކަށް އައިޝާ ބިރުގަނެ އެވެ. 

"އަލީޒީ ބަލީތަ..؟" މުންޝިރުގެ އަޑަށް އަޔާން ސިއްސައިގެން ދިޔަ އެވެ. ވަގުތުގެ ނުތަނަވަސްކަން އަޔާން ވިސްނައިލުމަށް ވަގުތުކޮޅެއް ބޭނުންވި އެވެ. 

"ނިދަން ވަންނަމުން ފުޅި ފުރެންދެން ފެން އަޅާފައި ގެނެސް ބެހެއްޓީ އަޔާން.. އޭގެ ފަހުން ދެމީހުންކުރެން އެކަކުވެސް ފެނެއް ނުބޮން..! ވަރަށް ރަގަޅަށް ހަނދާން އެބަހުރި.. ކީއްވެ، ބޮޑުދައިތަ ކުއްލިޔަކަށް ފެންތައްޓެއް ބަލައި ދާންޖެހުނީ..؟ އެހައި ކުޑަވަގުތުކޮޅެއްތެރޭގައި މަންމައާއި ބޮޑުދައިތަ ފެންފުޅި ހުސްކޮށްލީ..؟" އަޔާންގެ ސީރިއަސް އަޑުގައި އެތައް ސުވާލެއް ވެ އެވެ. ޝައްކުގެ ބެލުމަކުން އައިޝާއަށް އަޔާން ބަލައިލިވަގުތު އަލީޒީ ވާހަކަދެއްކި އެވެ.

"މަންމަ އަތުން ފެންފުޅި ވެއްޓިފައި ބަންޑުންދިޔައީ.. ދެން، ފެންތައްޓެއް ބޭނުންވެގެން ބުނީމައި ބޮޑުދައިތަ އެ ދިޔައީ މަންމައަށް ފެންތައްޓެއް ބަލައި.." ހިނިތުންވާން މަސައްކަތްކުރަމުން އަލީޒީ ބުނެލި އެވެ. 

އެތަނުގައި ތިބި އެކަކުވެސް އަލީޒީ އެބުނި އެއްޗެއް ގަބޫލުނުކުރާކަން، އޭނާއަށްވެސް ޔަގީނެވެ. އިތުރު ސުވާލެއް އެކަކުވެސް ނުކުރީ ކީއްވެކަންވެސް އެގެ އެވެ.

އަލީޒީއާއި ހަތަރުކަޅި ހަމަކޮށް، މޫނުގެ ދެފަރާތުގައި މުންޝިރް ހިފަހައްޓާލި އެވެ. 

"މި ބޭބެ ދުނިޔޭގައި ހުރިހައި ހިނދަކު ކޮއްކޮ ބަލަހައްޓާނަން..! ވޭނެއްއަޅަންޏާ ނުވަތަ ބަލިއްޔާ އެނގޭނީ ބުނީމައި..! ސާފު ބަހުން ބުނާތި..!" ކޮންމެ އަކުރަކަށް ބާރުލަމުން މުންޝިރް ބުންޏެވެ. 

އަލީޒީގެ އެސްފިޔަތައް ލައްޕާލަމުން ބޮލުން ހަރަކާތްކޮށްލި އެވެ. އާއެކޭ ބުނުމުން އަލީޒީގެ ނިއްކުރީގައި ބޮސްދީފައި މުންޝިރު ހިފީ އަޔާންގެ އަތުގަ އެވެ. 

"މިރޭ އަޔާން ނިދާނީ އަންކަލް ގާތުގައި.. އަލީޒީއާއެކު އައިޝާ މަޑުކުރޭ.." 

މުންޝިރުގެ ނިންމުމާއެކު އައިޝާގެ މޭ ފުރައި ނޭވާއެއް ދޫކޮށްލި އެވެ. ހަގީގަތުގައިވެސް މުންޝިރާއެކު މިރޭ ނިދަން ނުޖެހުމަކީ އައިޝާއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަލީޒީގެ ހަރަކާތްތަކާމެދު މާގިނަ ސުވާލު މުންޝިރު ކުރަންފަށައިފިނަމަ، ހުރިހައި ކަމެއް އަތްދަށުން ދޫވެގެން ދާނެކަން އައިޝާއަށް އެގެ އެވެ. އެކުވެރިކަމުގެ އަގުގައި ކުރުވާފައިވާ ނުރައްކާތެރި ވައުދަކީ އައިޝާއަށް ބިރެކެވެ. އެކަން ހިތައްއެރިޔަސް ގައިން ހީބިހި ނަގަ އެވެ.

...............

"ދަރިފުޅާ ހަނދާން ބަހައްޓަންވާނެ، ދަރިފުޅު އަމިއްލައަށް ޒިންމާ ނުއުފުލޭނެ އެއްވެސް ކަމެއް ދުނިޔޭގައި ކުރިމަތިނުވާނެކަމަށް..! އިތުރު މީހެއްގެ މަދަދަށް އެދެން ނުޖެހި، ހުރިހައި ކަމެއްވެސް ދަރިފުޅަށް ކުރެވޭނެ.. ދުނިޔެއަކީ އުނގެނި ދަސްކުރަން އޮތް މަދަރުސާއެއް.. މިތަނުން ކާމިޔާބު ލިބޭނީ ތަމްރީނާއި ތަޖުރިބާ ހޯދައިގެން.. އެންމެ ކާމިޔާބު މީހަކީ އުނގެނި ދަސްކޮށް، އެމީހަކު އަމިއްލައަށް ރައްކާތެރިކަމާއި ސަލާމަތްކަން ލިބިގަންނަ ކަންކަމަށް ގާބިލު މީހާ..! އަމިއްލަ ނަފުސުގެ އިތުބާރު އެންމެ ހިނދުކޮޅަކަށްވެސް ހަންދާން ނައްތައިނުލާތި" މުންޝިރުގެ ބިއްދަށުގައި އޮށޯވެ އޮތް އަޔާންގެ ބޮލުގައި ފިރުމަމުން އެދަރިފުޅަށް ހިތްވަރުދިނެވެ. 

އަލީޒީގެ އެކްޓްކުރުން ކިތަންމެ ކުޅަދާނަޔަސް، ލޮލުގެ ވޭން، މުންޝިރަށް ސިއްރުކުރުމުގައި އަލީޒީ މިރޭ ފެއިލްވެއްޖެ އެވެ. ރަށުން ބޭރުގައި މަސައްކަތްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އަމިއްލަ އާއިލާއަށް ބޭނުންޖެހޭ ވަގުތު ގާތުގައއި ނުހުރެވުމަކީ އެންމެބޮޑު ހިއްދަތިކަމެވެ. 

................

"އަޔާންއާއި މުންޝިރުގެ އަޑުއިވުނީމައި ދުވެފައިގޮސް ފާހާނާއަށް ފެންފުޅި އޮއްސާލިޔަސް، ހުރިހައި ކަމެއް ސިއްރުކުރެވުނީކަމަށް އަލީޒީ ހިތައް ނާރުވައްޗޭ..! ހެޔޮނުވާނެ އާދޭސްކޮށްފައި މި ބުނަނީ އަހަރެންނާއެކު ޑޮކްޓަރަށް ދައްކާލަން ހިނގާ.." ފެންކަޅިވެހުރެ އައިޝާ އާދޭސްކުރި އެވެ. 

"އައިޝާ...! ޕްލީޒް..! މިރެއަކު ނޫން.. އަހަރެން ވަރަށް ވަރުބަލިވެއްޖެ..! ތިވާހަކަ ދައްކާނީ މާދަމާ.. އާދޭ އޮށޯންނަން.." އެނދުން ޖާގަ ދައްކައިލަމުން އަލީޒީ  ވާހަކަދެއްކީ ވަރުބަލިކަމާއެކު އެވެ. 

އެނދުގެ މަގަތުގައި އައިޝާ އިށީނެވެ. އަލީޒީގެ ބޮލުގައި ފިރުމައިލީ އޯގާތެރިކަމާއެކު އެވެ.

އަލީޒީއަށް ކަމެއް ވެއްޖިއްޔާ އަޔާންއަށްވާނީ ކިހިނެއް..؟ މުންޝިރާއި އަޔާންއަށް އަހަރެން ދޭނީ ކޮން ޖަވާބެއް..؟" އައިޝާ ސުވާލުކޮށްލީ ޖަވާބުލިބޭނެކަމުގެ އުއްމީދުގަ އެވެ. އަލީޒީގެ ލޮލުން ފައިބަމުންދިޔަ ހޫނު ކަރުނައިން ބާލީސް ތެމެމުންދިޔަ އެވެ. އެ ހިތުގައި ދައުރުވަމުންދިޔަ ބިރުވެރި ހިޔާލްތަކާއި އެ އިހްސާސްތައް އަލީޒީގެ ދުލުން ހާމަކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ. އައިޝާ ދެއްކި ވާހަކަ އަޑުނީވެނީއެއް ނޫނެވެ. ދޭނެ ޖަވާބެއް ނެތީއެއްވެސް ނޫނެވެ. 

"މާދަމާއަކީ މުހިއްމު ދުވަހެއް.. އަހަރުމެންގެ އަޔާންއަށް މާދަމާއަކީ ވަރަށް ހާއްސަދުވަހެއް.. ނަމާދދަށް ހޭލަންވާއިރަށް، ކުޑަވަގުތުކޮޅަކު ނިދާލަން ހިނގާ..!" އަލީޒީގެ ބުރަކަށީގައި ފިރުމާލަމުން އައިޝާ ބުންޏެވެ. 

.................

ބެލެނިވެރިންނާއި ޓީޗަރުންގެ އެކުވެރި މަސައްކަތުން ސްކޫލް ޒީނަތްތެރިކޮށްލާފައިވެ އެވެ. ހެނދުނުގެ ތާޒާ ވަގުތުގައި ހުރިހައިކުދިންވެސް ކްލާހަށް ވަދެ، ދަބަސް ބަހައްޓާފައި އައީ ހޯލަށެވެ. ދުވަހުގެ ހާއްސަ ރަސްމިއްޔާތު ގަޑިއަށް ފެށިގެން ކުރިއަށް ދިޔަ އެވެ. ދައުވަތު ލިބިފައިވާ ވަގުތަށް ބެލެނިވެރިންވެސް ހޯލަށްވަދެ ހަމަހިމޭންކަމާއެކު އިށީނެވެ. އަޔާންގެ ފަރާތުން ހާޒިރުވީ މަންމައާއި މުންޝިއަންކަލް އެވެ. 

ދުވަހުގެ ހާއްސަ ޖަލްސާ ފެށިގެން ކުރިއަށް ދަނީ އެވެ. އަލީޒީއާއި މުންޝިރުގެ މޫނުމަތީން ހިނިތުންވުން ފިލައި ނުދެ އެވެ. ސްކޫލް ބޭރު ފާރުކައިރީގައި ބައެއް ބެލެނިވެރިންނާއެކު އައިޝާވެސް ހުއްޓެވެ. ޖަލްސާގެ އަޑު ސާފުކޮށް އިވެ އެވެ. 

އަޔާންގެ ނަން ގޮވައިލުމާއެކު އަތްތިލަބަޑީގެ އަޑުން ހޯލުތެރެ ގުގުމާލި އެވެ. އަލީޒީގެ ހަތަރެސްފައއި ފިނިވެ، ބާރަށް ހިތް ތެޅެންފެށި އެވެ. ސަލަވާތާއި ސަލާމުން ފެށުމަށްފަހު އަޔާން ފުރަތަމަވެސް ބަލައިލީ މަންމައަށެވެ. ލިބިފައިވާ ހުނަރާއި އަމިއްލަ ނަފުސުގެ އިތުބާރާއެކު އަޔާންގެ ވާހަކަ ކުރިއަށްދިޔަ އެވެ. އަޔާންގެ ޖުމުލަތައް އަމުނަމުން ދިޔައިރު އެތައއް ލޮލެއް އަމާޒުވަމުންދިޔަ އެވެ. ރީތި އިބާރާތްތަކުން ހިތްތައް ފަތަހަކުރާން އަޔާން ކުޅަދާނަ އެވެ. ފަހުރުވެރިކަމާއެކު މުންޝިރް ބަލަހައްޓައިގެން އިނީ ސީދާ އަޔާންގެ މޫނަށެވެ. ދައްކަމުންދިޔަ ވާހަކަ، ބޭރުގައި ހުރި އައިޝާއަށް ސާފުކޮށް އިވެ އެވެ. އަލީޒީގެ މޭގައި އަތްއަޅައިގެން އިނދެވުނީ ކިހައި އިރަކު ކަމެއް ނޭގެ އެވެ. އަލީޒީގެ ހިޔާލްގެ ތެރެއިން ނިކުމެވުނީ އެކުވެރިންނާއި އަޔާން މުހާތަބުކުރިލެއް ފުރިހަމަކަމުންނެވެ. 

"އެކުވެރިންނޭ.. ވިސްނާ...! އޮމާން ދޮންވެލިގަނޑެއްގައި އަޅައިލާ ހިމަރޮނގެއްފަދަ އެއްޗެއްނޫން ދިރރިއުޅުމަކީ..! އެއީ މަލުގެ ގުލްދާސްތާއެއްވެސް ނޫން..! އަޑިގަނޑެއް އުސްގަނޑެއް ނެތް ހަޔާތެއް ހޯދާނީ، މި ދުނިޔޭގެ ކޮން ބައްރަކުންތޯ؟ އަޅުގަނޑުގެ ކުރިމަތީގައި އެއްފަޅީގައި ދަރިވަރުން، އަނެއްފަޅީގައި ބެލެނިވެރީން ތިޔަތިއްބެވީ، މިއަދަކީ މަންމައިންގެ ދުވަހަށްވާތީ..! މިއީ ގައުމީފެންވަރުގައި ފާހަގަކުރަންޖެހޭ މުހިއްމު ދުވަހެއް..!" އެންމެ ގާތުން، އެންމެ ފަހަތައް އަޔާން ބަލައިލި އެވެ. 

"މަ ން މަ...!" ދެ އަތުގެ އިނގިލިތަކުން ކޮމާކޯޅި ދައްކައިލަމުން، ފެންކަޅިވެފައި އަސަރާއެކު އަޔާން ބުނެލި އެވެ.

"މިއަށްވުރެން އަސަރުގަދަ ލަފްޒެއް ނުވަތަ އެއަށްވުރެން ލޮބުވެތި އިހްސާސެއް މިދުނިޔޭގައި ލެއްވިތޯ..؟ މަންމައެއްގެ އިހްސާސް ދަންނަމުތޯ..؟ އެއްޗެއް ނުބުނެ އިރުކޮޅަކު އަޔާން މަޑުކޮށްލި އެވެ. 

"ދިރިއުޅެމުންދާ މުޖުތަމައުގައި ތިބާއާއިމެދު ނާއިންސާފާއި އަނިޔާއިން ކަންކަން ކުރެވެމުންދާކަން ތތިބާއަށް އިނގޭނަމަ، އެކަންކަމާއިމެދު ފުންކޮށް ވިސްނަވާލައްވާ..! ރެއާއި ދުވާލުން ކުރިމަތިވާ ގޮންޖެހުންތަކުން ކާމިޔާބު ހޯދަން، ބުރަކަށީގައި ފިރުމާލާފައި ހިތްވަރުދެނީ އަޅުގަނޑުމެންގެ ލޮބުވެތި މަންމަ..! ހެޔޮނުބައި ވަކިކޮށްދީ، ދެފައިމައްޗަށް ކޮޅަށް ހުންނަން ދަސްކޮށްދިނީވެސް މަންމަ..! ނަފުސު ދިފާއުކޮށް މުޖުތަމައުން ރައްކާތެރިކަން ލިބިގަންނަން ބުނެދިނީވެސް މަންމަ..!" އަޔާން ބަލައިލީ ބެލެނިވެރިންގެ ތެރެއިން ވަކި ބަޔަކަށެވެ.

"އަޅުގަނޑުމެންގެ ހަޔާތުގައި ބޮޑީ ދިރިއުޅުމުގެ މައްސަލަތަކެއް ނޫން..! އެކަމަކު އަޅުގަނޑުމެން އިންސާނުންނަށް އެކިސިފަސިފައިގައި މުރިމަތިވާ ގޮންޖެހުންތައް ތަހަންމަލްކުރެވޭ ވަރަށްވުރެން އަޅުގަނޑުމެން އިންސާނުން މާ ކުދީ.. ނުވަތަ ކުޑައީ..! މިހުރިހައި ކަމެއް ތިބާގެ އަމިއްލަ ނަފުސު ގަބޫލުކޮށްފިނަމަ، އެކަން ހުއްޓުވޭނެ ނުވަތަ ބަދަލުކކުރެވޭނެ ހަމަ އެކަކުވެސް ތިބާގެ ވަށައިގެން ނުވޭ.. ދުނިޔޭގައި މުހިއްމުވަނީ، ފައިސާއާއި އިއްޒަތާއި ގަދަރާއި މަޝްހޫރުކަމާއި މަގްބޫލްކަން ކަމަށް ގަބޫލުކުރެވޭނަމަ، މިއަދު އެ ނިންމުން ބަދަލުކުރުމަށް އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ހުސްކޮށްލުމަށް ހުރރިހައި މަންމައިންނަށް އަޅުގަނޑު ގޮވާލަން.. ސަބަބަކީ ދުނިޔޭގައި ހަގީގީ ކާމިޔާބަކީ އުފަލާއި ހިތްހަމަޖެހުން..! އޯގާތެރިކަމާއި އަޅައިލުން..! އެކަމަށް ހަމައެކަނި ނުފޫޒުފޯރުވާ ބާރަކީ ތިބާގެ ދޫ އަދި ހިތް..!" މޭގައި އަތް އަޅައިލާފައި އަޔާން އިސްޖަހައިލި އެވެ.

"މީހަކާއި ދިމާއަށް ބަހެއް ބުނުމުގެ ކުރީން އެބުނެވޭ އެއްޗަކާއިމެދު ވިސްނަވައިލައްވާ.. ހަގީގަތް ވަޅުލައި، ބޭއިންސާފުން މާދަމާ ތިބާގެ ދަރިޔަކަށް އެ އިބާރަތް ބޭނުންކުރޭ އަޑުއިވިއްޖެނަމަ، ތިބާއަށް ކުރާނެ އަސަރާމެދު، މިއަދު އަޅުގަނޑުކަންބޮޑުވަން..!" ހިތުގައި އޮތް އެއްޗެއް ސާފުކޮށް ބުނަން އެތައް އުނދަގުލެއް އަޔާންއަށް ކުރިމަތިވަމުންދާކަން، އެދަރިފުޅުގެ ލޮލުން ހެކިދެ އެވެ.

"އެކުވެރިންނޭ..! ދާދި ތުއްތު އިރުން ފެށިގެން އަޅުގަނޑުގެ ލޮބުވެތި މަންމައާއި ދިމާއަށް ބައެއް ބޭފުޅުން މުހާތަބުކުރަމުންދިޔަ ބަސްތައް އަޅުގަނޑުގެ ކަންފަތުގައި މިވަގުތުވެސް ހަރުލާފައި އެބަހުރި.. ލޮބުވެތި މަންމަގެ އޯގާތެރި އިބާރާތުންނަމަ، އެ ބަސްތަކާއި އެ އިބާރާތްތައް ފަހުމުކުރެވޭ ވަރަށް އަޅުގަނޑު އުމުރުން މާ ޅަ..! އަދި އެ ވާހަކަތަކަށް އަޔާންގެ އުމުރު ތަނެއް ނުދޭ..! އެކަމަކު މި ދަރިފުޅަށް ހުރިހައި އެއްޗެއްވެސް ވިސްނޭ މަންމާ..! އެ އަޑުތައް މި ކަންފަތުގައި ހަރުލާފައި އެބަހުރި..!" ކަންފަތަށް އިޝަރާތްކޮށް އަޔާން ބުންޏެވެ. ދެ ލޯ ރަތްވެފައިވާ އަޔާން އަލީޒީގެ ލޮލަށް ބަލައިލި އެވެ. ދެމައިންގެ ހާލު ދުލުން ހާމަކުރާކަށް ނުޖެހުނެވެ.

"މަންމާ..! ތިއީ މި ދަރިފުޅުގެ ދުނިޔެ! މަންމަގެ އެންމެ ނޭވާއެއްވެސް މިލިއަން ޑޮލަރަށްވުރެން މި ދަރިފުޅަށް އަގުބޮޑު..! ސަބަބުތަކެއް ހާމަކުރަން މިއަދަކު ފުރުސަތެއް ނެތް.. އެކަމަކު އަޅުގަނޑުގެ ފުރާނައަށްވުރެން ލޯބިވާ މަންމައަށް މިހިތުގެ އަޑު، ހަނި ދޭތެރެއަކުން އިއްވާލެވޭތޯ މަސައްކަތްކުރާނަން.. އެވަރުގެ ފުރުސަތެއް އަޅުގަނޑަށް ދެއްވާނެކަމަށް އުއްމީދުކުރަން..!" އަޔާން ބަލައިލީ ޕްރިންސިޕަލްއަށެވެ. ކުރިއަށް ގެންދިއުމަށް އިޝާރާތްކުރެއްވުމާއެކު އަޔާން ބަލައިލީ މުންޝިރަށެވެ.

"އަޅުގަނޑުގެ މަންމައާއިމެދު ވާހަކަދައްކަން ވެއްޖެނަމަ، ރެއާއި ދުވާލުވެސް އަޅުގަނޑަށް މަދު.. އެހހެންވީމާ، ތިޔަބޭފުޅުންގެ ވަގުތުގެ ތެރެއިން މިނެޓެއްހާއިރު އިތުރަށް އަޅުގަނޑު ބޭނުންކޮށްލުމުގެ އިޒުނައަށް އެދެން.." ހަރަކާތް ހުއްޓިފައިވާ ބެލެނިވެރިންނަށް އަޔާން ބަލައިލި އެވެ. 

"އަޅުގަނޑުގެ ހަޔާތުގައި އެންމެ ލޮބުވެތި އިންސާނަކީ ހަމައެކަނި އަޅުގަނޑުގެ މަންމަ.. " ޝަކުވާގެ ނނަޒަރުން މިފަހަރު މުންޝިރަށް ބަލައިލީ، އެޖުމުލައިގައި އޮތް އިތުރު ދެ ނަން، އުނިކުރީ މުންޝިރު ކަމަށްވާތީ އެވެ.

"މަންމައާއިމެދު ބުނާނީ ކީކޭތޯ..؟ ކިޔާނީ ކީކޭތޯ..؟ ލިޔާނީ ކީކޭތޯ..؟ އެއަށްވުރެން ފުރިހަމަ، ހިތްވަރުގަދަ ލޮބުވެތި އިންސާނެއްގެ ވާހަކަ މޮޅު ލިޔުންތެރިއެއްގެ ގަލަމުން ވުޖޫދުކޮށްފައި ވަނިކޮށްވެސް އަޅުގަނޑު ނުދެކެން.. 

އެކުވެރިންނޭ... އަޅުގަނޑުގެ މަންމައާއި މެދު ބުނާނީ ކީކޭތޯ..؟ 

ގުނާ އަދަދުނުކުރެވޭހާ ދުވަހު ހައިބަނޑާއި ދުނިޔެއާއި ކުރިމަތިލައި އަޅުގަނޑު އުފަންކުރުމަށް މަންމަ ވީ ގުރުބާނީގެ އަގު މަންމައަށް އަޅުގަނޑު އަދާކުރާނީ ކިހިނެއް..؟ އެންމެ ރޮއްޓެއް ނުވަތަ ބަތް ސުވައެއްގެ މިންވަރު ރެއާއި ދުވާލުން ނުލިބުނު މަންމައަކު މި ދަރިފުޅަށްޓަކައި ވީ ގުރުބާނީ އަންދާޒާ ކުރާނީ ކިހިނެއް..؟ އެ ހިތްދަތިކަން މި ދަރިފުޅުގެ ހިތައްވެސް ނުގެނެވޭ މަންމާ..! އަޅުގަނޑަށް މައާފްކުރައްވާ..!" މިވަގުތު ދެ ލޮލުން ކަރުނަ އޮހޮރެމުންދަނީ ހަމައެކަނި އަޔާން، ނުވަތަ އަލީޒީއާއި މުންޝިރުގެ ލޮލަކުން ނޫނެވެ. 

"ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނޭ..! މިއަދު އެންމެ ރޮއްޓަކަށް އެދެފިނަމަ،  މަންމަ ދެރޮށި ގެނެސްދޭނެ! މި ދަރިފުޅަށް ވަގުތު ކޮޅަކަށް އެދެފިނަމަ، ދެގަޑީރު ތިންގަޑީރު ޝަކުވާއެއް ނެތި ހޭދަކުރާނެ..!" ކުއްލިޔަކަށް އަޔާންގެ ވާހަކަ ހުއްޓައިލި އެވެ. ބުނަން އުޅެނީ ކީކޭކަން އެނގޭނީ ހަމައެކަނި މުންޝިރަށެވެ.

"ދުނިޔޭގެ އެތައް ދިމާއަކުން އެތައް އަނިޔާއަކާއި ތަހަންމަލް ނުކުރެވޭ ވޭނާއި ފުރައްސާރަ  މަންމައަށް ދެމުންދިޔައިރު އެ މަންމަގެ ހަށިގަނޑުގައި މި ދަރިފުޅު އުފުލީ ކިތަށް ރޭ؟ ކިތައް ދުވަހު..؟ އަޅުގަނޑުމެން އެންމެން މިއަދު ތަހުނިޔާ ކިޔަމުން މިދަނީ އުފާވެރި މަންމައިންގެ ދުވަހުގެ މުނާސަބަތުގައި.. އެކަމަކު މަންމައިންގެ ދުވަސް ނޫން ދުވަހަކީ ކޮބައިތޯ..؟ މަޔަކާއި ނުލައި ތަހަންމަލްކުރަންޖެހޭ ދުވަހަކީ، 'ދުވަހެއްތޯ'؟ މާޔޫސްވެ، ދުނިޔެއިން އަތްފޮޅާލާނެ ކިތަންމެ ސަބަބެއް ދުނިޔެއިން ބައްދަލުކުރާނެ...! އެކަމަކު ދުނިޔެއަށް އުފަންވުމަށް މެދުވެރިކުރައްވާ ހަމައެކަނި ސަބަބަކީ 'މަންމަ'..! އެފަދަ ލޮބުވެތި މަޔަކަށްޓަކައި ލިޔާނީ، ނުވަތަ ކިޔާނީ ކޯންޗެއްތޯ..؟ ބޭނުންކުރާނީ ކޮން އިބާރާތެއް ތޯ..؟ އެ މަންމަ ދުނިޔެއިން ހަމައެކަނި އިހްތިޔާރުކުރީ 'އަޅުގަނޑު'..!" އަނގަމަތީގައި އަތް އަޅައިގެން ގިސްލުމުގެ އަޑު ފޮރުވަމުންދިޔަ މަންމައަށް އަޔާން ބަލައިލި އެވެ.

"ބަލިވެ ބަލި އެނދުގައި އަޅުގަނޑު އޮވެއްޖެނަމަ، މަންމަގެ އެސްފިޔަ ނުލެއްޕޭ... ބޭހަކަށް، ފަރުވާޔަކަށް ނުގުޑައިފިނަމަ، ދުއާއިން މަންމަގެ އަތް ތިރިނުކުރޭ..! އެކުވެރިންނޭ..! ލޯބިވާ މަޔަކު ދުނިޔޭގައި ހުރިނަމަ، މާޔޫސްވާނެ ސަބަބެއް ވާނެތޯ..؟ މިއަށްވުރެން ބޮޑު ނަސީބެއް އިންސާނަކަށް ދުނިޔޭގައި ލިބޭނެތޯ..؟ މިއަދު އަޅުގަނޑު ފަހުރުވެރިވަނީ އަޅުގަނޑަކީ މަންމަގެ ދަރިއަކަށްވީތީއެއް ނޫން.. އެކަމަކު ތިއީ އަޅުގަނޑުގެ ލޮބުވެތި މަންމައަށް ވީތީ..! ވަރަށް ލޯބިވޭ މަންމާ..!"

ހުރިހައި މަންމައިންނަށް ދުވަހުގެ ތަހުނިޔާއާއެކު އިސްލާމީ ރިވެތި ސަލާމުން ވާހަކަ ނިންމާލަމުން ހުރިހައި ހާޒިރީންނަށް އަޔާން ޝުކުރުވެރިވި އެވެ. ދުވެލާފައި ސްޓޭޖްމަތިން ފޭބިގޮތަށް އަޔާންއައިސް މަންމަ ގައިގައި ބައްދައިލި އެވެ. އއަތްތިލަބަޑީގެ އަޑަށް ބަދަލެއްނައިސް މިނެޓަކަށްވުރެން ގިނަވަގުތު ހޭދަވެގެން ދިޔައީ ތައުރީފުގެ އެތައް އަޑެއް ހޯލުތެރޭގައި ގުގުމަމުންނެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް