ads
ދޫކޮށްފައި ނުދާށޭ.. - 18 ވަނަ ބައި
އެޕިސޯޑް 18

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

"އަޔާންގެ ބައްޕައަކީ ކާކު..؟"

ގަނޑުފެން ބާލިދީއެއް އަލީޒީ މޫނަށް ޖެހިފަދަ އެވެ. ދަރިފުޅުގެ ސުވާލާއެކު އަލީޒީއަށް ތެޅެގަނެވުނެވެ.

މެދުހަށީން ހިތްވަރުނެރި ދަރިފުޅާއެކު މި ކޮޅިގަނޑުގައި ހިތްވަރުކުރުން ނޫން އެއްގޮތްވެސް ނެތުނީ އެވެ. ނޭވާ ހިފަހައްޓައިލަމުން އަލީޒީއާއި ދިމާއަށް އަޔާން އަނބުރައިލި އެވެ.

"ތިޔަ ސުވާލުގެ ޖަވާބު ދަރިފުޅަށް މުހިއްމުތަ..؟"

ސިކުނޑީގައި ދައުރުވަމުންދިޔަ އޮއެވަރާއެކު އަލީޒީގެ އަޑަށް އައިސްފައިވާ ބަދަލު އޭނާގެ ކަންފަތާއި ހަމައަށް ވާސިލްވިކަމެއް އަލީޒީ ނުދެނަހުއްޓެވެ. މަންމަގެ އަތުގައި އަޔާން ފިރުމައިލީ، ހިތްވަރުދިނުމުގެ ގޮތުންނެވެ.

"ނޫން މަންމާ..! މުހިއްމެއް ނޫން..! އެކަމަކު އަޔާންގެ މުސްތަގްބަލަށް އެ ސުވާލުގެ ޖަވާބުން އަސަރުކުރާނެ.. އެކަން ޔަގީން..! ކޮންމެވެސް ދުވަހަކުން މި ސުވާލުގެ ޖަވާބަށް އެދޭނެ މީހަކު އަޔާންގެ ހަޔާތުގައިވެސް ދިމާވެދާނެ.. އެދުވަހހަކުން އެމީހަކަށް ދެވޭނީ މަންމަ ފަރާތުން މިރޭ ލިބޭ ޖަވާބެއް.."

ބުއްދިވެރިޔަކު ވިސްނައިދޭ ފަދައިން، އެންމެ އިބާރާތަކުންވެސް އަލީޒީއަށް ހިތްދަތިކަމެއް ނުދީ ވިސްނައިދެވޭތޯ ދަރިފުޅު މަސައްކަތްކުރަމުން ދިޔަކަން އަލީޒީއަށް ކަށަވަރެވެ. ދަރިފުޅުގެ މޫނަކީ އަލީޒީއަށްޓަކައި ހުޅުވިފައިވާ ފޮތެކެވެ. ސަފްހާތަށް ނިއުޅުވުމުގެ ބޭނުމެއް ނެތެވެ. ދުލުން ބޭރުނުކުރާ ކޮންމެ އިހްސާސެއް ދިޔައީ ސާފުކޮށް ފެންނަމުންނެވެ.

"ދަރިފުޅުގެ ބައްޕައަކީ ކާކުކަމެއް މަންމައަކަށްވެސް ނޭގޭ.. އޭގެ ހަގީގަތް އެންމެ މޮޅަށް ދެނިވޮޑިގެންވާނީ މާތް ﷲ.." އަލީޒީގެ އަޑު ތުރުތުރުލަ އެވެ. އެހެނެއްކަމަކު ހިތްވަރުކުރި އެވެ.

ހިތުގައި ހިލަގަނޑެއް ބާއްވާފައި އަލީޒީ ޖަވާބު ދިނެވެ. ސާފު ސީދާ ބަހުންނެވެ.

ދުލުން ބަހެއް ނުބުނެ އެތައް ވަގުތެއް ހޭދަކުރެވުނުކަން ދެމައިންނަށް އިހްސާސެއް ނުވެ އެވެ.

"މި ބުނި އެއްޗެއްގެ ހަގީގަތެއް އަދި ދަރިފުޅަކަށް ނުވިސްނޭނެ.. އެކަމަކު ދަރިފުޅު ބޮޑުވެ، ދުނިޔޭގެ ކަންކަމަށް ލޯހުޅުވި، އެކަންކަން ތަޖުރިބާ ކުރެވެން ފެށީމައި މަންމަ މިބުނި އެއްޗެއް ވިސްނޭނެ.." ހަމަހިމޭންކަމުގެ ތެރެއިން އަޔާންގެ އެސްފިޔަތައް ތަޅުވައިލި އެވެ. ކަރުނައިން ދެ ލޯ ފުރިފައިވީކަމެއް އަޔާންއަށް އިހްސާސެއް ނުވެ އެވެ.

"ވިސްނޭ މަންމާ...! މިހާރުވެސް ވިސްނޭ..! ސްކޫލް ބައެއް ކުދިންނާއި، ނުވިސްނޭ ބައެއް ބެލެނިވެރިން ކޮންމެ ދުވަހަކު އަޔާންއަށް މުހާތަބުކުރަމުންދާ ނަންތަކާއި އެކިޔާ އެއްޗެހި، ތި ހުރިހައި ކަމަކަށް ފުދޭ މަންމާ.. ސުވާލުކުރރަންޖެހުނު ސަބަބަކީވެސް، އެމީހުން އެބުނަނީ ދޮގެއްކަން އަމިއްލަ ނަފުސަށް ޔަގީންކޮށްދިނުމަށް ފުރުސަތެއް ލިބޭތޯ.. ދުވަހަކުވެސް މަންމަ އަޔާންއަށް ދޮގެއް ނުހަދާނެކަން، އަޔާންއަށް ޔަގީން..!" އަލީޒީއާއި ހަތަރުކަޅި ހަމަކުރަމުން އަޔާން ބުންޏެވެ.

"ހިތުގައި އަތް އަޅާފައި އެ ހަގީގަތާއި ކުރިމަތިލުން ނޫން ގޮތެއް ނެތްކަން މިރޭ ގަބޫލުކުރެވިއްޖެ..! އިން ޝާ ﷲ އަހަރުމެން ދެމައިންނަށްވެސް ކޮންމެވެސް ދުވަހަކުން އިންސާފުލިބޭނެ.. މަންމަގެ މާޒީ ބަދަލުކުރުމަށް އެއްވެސް ކަމެއް އަޔާންއަކަށް ނުކުރެވޭނެ... އެކަމަކު މަންމަގެ މުސްތަގުބަލް އުފާވެރިކުރުމަށް އަޔާން ކޮންމެފަދަ ގުރުބާނީއެއްވާންޖެހުނަސް، ދުނިޔެއާއި ކުރިމަތިލާނަން.." މަންމަގެ އުނގުން ތެދުވެ، ހެޑްބޯޑްގައި ލެނގިލާފައި މަންމަގެ ކޮނޑުގައި އަޔާން ބޯ އަޅައިލި އެވެ.

"ދިރިއުޅުމުން ދުވަހަކުވެސް އުއްމީދު ކަނޑާނުލާތި މަންމާ..! ރޭގަނޑުގެ ކަނު އަނދިރިކަން ދިގުލައިދިއަޔަސް، މުޅިން އައު ދުވަހަކަށް އަލިވިލޭނެ..." އަޔާންގެ ޖުމުލައިން އަލީޒީގެ ގައިން ހީބިހި ނެގި އެވެ.

ލޮލުގެ ކަރުނަ އަލީޒީއަށް ބޭވަފާތެރިވެއްޖެ އެވެ. ރުއިމުގެ އަޑެއް ނުހިފެހެއްޓުނެވެ. ގިސްލެވުނީ މާ ބާރަށެވެ. އަޔާންގެ އަތުގެ ތެރޭގައި މަންމަ ބޮނޑިކޮށްލި އެވެ. އުމުރަށްވުރެން މަތީ ގްރޭޑަކަށް އަޔާން ބަދަލުކުރެވުމުން އަލީޒީ އެކަމާއި ދެކޮޅުހެދި އެވެ. އެކަމުގެ ސަބަބުން އެދަރިފުޅުގެ ވިސްނުމާއި އުނގެނުމަށް ދަތިކަމެއް ދިމާވެދާނެތީ އެވެ. އެ ބިރު މިރޭ ފިލައއިފި އެވެ. އުނގެނުމާއި ތައުލީމުގައި އަލީޒީއަށްވުރެން އަޔާން މާބޮޑަށްވެސް ކުޅަދާނަ އެވެ. ދިރިއުޅުމުގެ ފިލާވަޅުން އަޔާން މިރޭ ފާސްވެއްޖެ އެވެ. ހިތުގެ އެންމެ އަޑީން މާތް ﷲއަށް ޝުކުރުވެރިވި އެވެ.

"ތިއީ ހަމައެކަނި މަންމަގެ ދަރިފުޅޭ ބުނެ ނިންމާލެވޭކަށް ނެތް.. މި މަންމަ މިއަދު ދިރިހުރުމުގެ ސަބަބަކީ ހަމައެކަނި މަންމަގެ ތިޔަ ދަރިފުޅު..! ތިއީ މަންމަގެ ދެދުނިޔޭގެވެސް ލޯބި.. މަންމަ އެންމެ ލޯބިވަނީ ދަރިފުޅުދެކެ.. ތިއީ މަންމަގެ ހިތުގެ ވިންދު..! މަންމަގެ ހުރިހައިވެސް މީހަކީ ދަރިފުޅު.. ލޯބިވާ ދަރިފުޅާ.. ދަރިފުޅުދެކެ މަންމަ ވަރަށް ލޯބިވޭ.." އަލީޒީ ރޮމުން ވާހަކަދެއްކީ އުނދަގުލުންނެވެ.

"މަންމަގެ ހުރިހައި އުއްމީދެއް ހާސިލްކުރުމަށް އަޔާންއަށް މަންމަގެ އެއްބާރުލުން ބޭނުން.." އަލީޒީގެ މޫނުގައި ފިރުމާލަމުން އަޔާން ބުންޏެވެ.

"ދަރިފުޅު ނޫން އެހެން އެއްވެސް އުއްމީދެއް މަންމަގެ ނެތް.. މިދުނިޔެއިން މަންމަ ހަމައެކަނި ބޭނުމީ މަންމަގެ ދަރިފުޅު" އަސަރާއެކު އަލީޒީ ބުނެލިއެވެ.

އަޔާންގެ ވާހަކައިން އަލީޒީގެ މޭގައި ހޫނު ދިލައެއް އުފައްދާލި އެވެ. ލޮލުގެ ކަރުނައިން އެ ދިލަ ފިލުވައިލެވޭނެ ނަމަ، އަލީޒީ މިވަގުތު އެކަން ކުރީހެވެ. މޭގައި ފިރުމައިލެވުނީ އިހްތިޔާރަކާއި ނުލަ އެވެ. އެއީ ގަދަ ރިހުމެކެވެ.

"މި އުއްމީދުގައި ދުނިޔޭގެ ހުރިހައި ރީތިކުލައެއް ޖައްސާލަދިނުމަށް، ހެޔޮހާލުގައި މަންމަ ހުރެދީ..! މުޅި އުމުރަށްވެސް މަންމަގެ އެހީތެރިކަން އަޔާން ބޭނުން.. މަންމަގެ ދިރިއުޅުން ތިޔަ ހަދިޔާކުރީ އަޔާންއަށްޓަކައި..! ދަރިއެއްގެ ވާޖިބު، ފިރިހެންދަރިއަކު ފުރިހަމައަށް ދުނިޔޭގައި އަދާކުރިކަމަށް އިންސާނުންގެ ދޫތަކުން ބުނާކަމަށްވާނަމަ، މަންމައާއި އަޔާންގެ ވާހަކަތައް އެމީހުންގެ ދަރިންނަށް މިސާލަކަށް ފުދޭނެވަރުގެ ރީތި ހެކިތަކެއް ދައްކައިދޭނަން..! އިން ޝާ ﷲ އަޔާންގެ ސަބަބުން މަންމަގެ ދަތްދޮޅި ތިރިކޮށްލަން ޖެހޭނެ ދުވަހެއް ނާންނާނެ.. މަންމަގެ ކަރުނައަށްވުރެން ބޮޑު ހިތްދަތިކަމެއް މި ދުނިޔޭގައި އަޔާންއަށް ނޯންނާނެކަން މަންމަ އަބަދުވެސް ހަނދާންކުރަންވާނެ..! ދުވަހަކުވެސް މަންމަ ހިތުގައި ނުޖައްސާނަން.. ދުނިޔޭގެ ހުރިހައި އުފަލެއް މަންމައަށް ހޯދައިދެވޭތޯ މަންމަގެ މި ދަރިފުޅު މަސައްކަތް ކުރާނަން.." ހިތްވަރު ކުރަމުން އަޔާން ބުންޏެވެ.

"މަންމަ އަބަދުވެސް ދުއާކުރަން، ދުނިޔޭގެ ނާއިންސާފާއި ނުހައްގު އަނިޔާތަކާއި ކުރިމަތިލުމުގެ ގަދަ ހިތްވަރު މާތް ﷲ ދަރިފުޅަށް މިންވަރުކޮށްދެއްވުމަށް އެދި.. ފަރުވާތެރިކަމާއެކު ދަރިފުޅުގެ މުސްތަގުބަލް އާރާސްތުކޮށް ކުރިއަށްދިއުމުގެ ހުރިހައި މަގެއް އަލިކުރައްވާތޯ ރެއާއި ދުވާލު ﷲގެ ހަޒްރަތުގައި މަންމަ ދަންނަވަން.. ދުނިޔެވީ ދަތުރުގައި އިހްތިރާމާއި އެހީތެރިކަން ހިނދުކޮޅަކަށްވެސް ހަނދާންނައްތާނުލާތި ދަރިފުޅާ..! ދިރިއުޅުމުގައި 'ރިސްކެއް' ނެގުމުގެކުރީން އެކަމަކާއިމެދު ދަރިފުޅުގެ ހިތާއި ސުވާލުކޮށް ފަރުވާތެރިވެގެން ނޫނީ އެދަފަ ފިޔަވަޅެއް ކުރިއަށް ނާޅާތި ދަރިފުޅާ..! އަބަދުވެސް ހަނދާންކުރާތތި.. ދަރިފުޅުދެކެ މަންމަ ވަރަށް ލޯބިވޭ..! ދަރިފުޅަށްޓަކައި މަންމަ ވަރަށް ފަހުރުވެރިވަން..!" ފައިބަމުންދިޔަ ކަރުނައަށް ފަރުވާތެރިވުމެއްނެތި އަލީޒީ ވާހަކަދައްކަމުން ދިޔަ އެވެ.

ހިތުގެ އިހުސާސްތައް ދެމައިން ހާމަކުރަމުންދިޔައީ ކީއްވެކަން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟

އެންމެ ހިނދުކޮޅަކަށްވެސް ލޯބިވާ ދަރިފުޅާއި ވަކިވާކަށް އަލީޒީ ނޭދެ އެވެ. ނަމަވެސް ކޮންމެ ވަގުތަކުވެސް ދުނިޔޭގެ ރަހުމުކުޑަ ވަކިތަކުގެ ތެރޭގައި އިންސާނަކު ތާށިވާން ޖެހިދާނެކަމަށް އަލީޒީއަށްވުރެން ބޮޑަށް ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ނޭގޭ ބާރަކުން އަލީޒީގެ ހިތުގައި ބިރުވެރިކަން އުފައްދަމުންދަނީ ކީއްވެކަން ހިއްސާކުރާނެ ހިތްވަރެއްވެސް އަލީޒީގެ ނެތެވެ.

"ދަރިފުޅާ.. މަންމަގެ ހަޔާތުން އެންމެ ހިތްގައިމު ބާބު ލިޔެވެންފެށީ، ދަރިފުޅު އުފަންވެ، ދަރިފުޅުގެ ރުއިމުގެ އަޑު މަންމަގެ ކަންފަތުގައި ބީހިލި ވަގުތު.. ހެޔޮހާލުގައި މާތް ﷲ، މަންމައަށް ދަރިފުޅު މިންވަރު ކުރެއްވުން އެއީ މަންމަގެ ނަސީބު..!" އަލީޒީ ބުނީ އަސަރާއެކު އެވެ.

"މާޒީއަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫން.. ތިންގްސް އޯލްވޭޒް ގެޓް ބެޓަރ ވިތް ޓައިމް!" ފުންނޭވާއެއްލަމުން އަޔާން ބުނީ މަންމައަށް ހިތްވަރު ދިނުމަށެވެ.

"ދުވަހަކުވެސް މަންމަ ދޫކޮށްލާފައި ދާކަށް ބޭނުމެއް ނޫން.." އަޔާންގެ އަތުގެ އިނގިލިތަކުގައި އަލީޒީ ފިރުމައިލި އެވެ.

"ދަރިފުޅަށްޓަކައި އަބަދުވެސް ފަހުރުވެރިވާނަން.. އެންމެ ފަހު ނޭވާޔަށްވެސް މަންމަގެ ދަރިފުޅުދެކެ ވަރަށް ވަރަށް ލޯބިވާނަން.. ސަބަބަކީ މިއީ މުޅިއުމުރަށްވެސް، ހަމައެކަނި ދަރިފުޅުގެ މަންމަކަމަށްވާތ..." އަލީޒީގެ ޖުމުލަ ފުރިހަމަނުވަނީސް ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ.

"އައިޝާ... އެތެރެއަށް ވަދޭ.." ބޭރަށް އަޑުއިވޭވަރަށް އަލީޒީ ބުނެލި އެވެ.

"ބޮޑުދައިތަ މިރޭ ޓަކިޖަހަނީ ކީއ..؟

އަޔާންއަށް ލިބުނު ހައިރާންކަމުގައި ސުވާލު ފުރިހަމަނުކުރެވިގެން އުޅެނިކޮށް ކޮޓަރީގެ ދޮރުހުޅުވާފައި އެތެރެއަށް ވަނީ މުންޝިރެވެ. އޭގެ ފަހަތުން އިސްޖަހައިގެން ހުރެ، އައިޝާވެސް ވަނެވެ.

އައިޝާއާއި އަލީޒީއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އެނދުމަތީން ފުންމައިގެން އައިސް އަޔާން ފުންމާލީ މުންޝިރުގެ އަތު ތެރެއަށެވެ.

"އައި މިސްޑް ޔޫ ސޯ ސޯ މަޗް މުންޝިއަންކަލް.. މާގިނަދުވަސްކޮށްފައި މިފަހަރު ތިއައީ.." މުންޝިރުގެ ކަނދުރާގައި ބާރަށް ބައްދާލާފައި އަޔާން ބުނެލި އެވެ.

ތަފާތު ނަޒަރަކުން އަލީޒީއަށް މުންޝިރު ބަލައިލުމުން އަލީޒީ އިސްޖަހައިލި އެވެ. ސިއްރުކުރުމުގެ ބޭނނުމެއް ނެތްކަން އެނގުމުން އައިޝާއާއި މުންޝިރުގެ ކުރިމަތީގައި އަލީޒީގެ ދެ ލޮލާއި މޫނު ފޮހެލި އެވެ.

"އައި ހޭޓް ޔޯ ޓިއަރޒް ދަރިފުޅާ...! އަންކަލް މި އައީ ދަރިފުޅަށް ސަޕްރައިޒްއެއް ދޭންވެގެން.. އެހެނންވީމަ ރޯކަށް ނުވާނެއްނުން.." ކަނދުރާ ތެމެމުންދާކަން އެނގިހުރެ މުންޝިރް ބުންޏެވެ.

ކުރިއަށްވުރެން ބާރަށް މުންޝިރުގެ ކަނދުރާގައި އަޔާން ބައްދައިގަތެވެ. އަޔާންގެ އިހްސާސްތަކަށް ތަސައްލީއެއްގެ ގޮތުގައި މުންޝިރުގެ އެހީ އެވަގުތު ލިބިގެންދިއުމަކީ ކިހައި މުހިއްމުކަމެއްކަން ހާމަކުރާން އަޔާން ތައްޔާރެއް ނޫނެވެ.

ވެގެންމިއުޅެނީ ކީއްކަން ނޭގޭ މީހަކު އެތާގައި ނެތެވެ. މާޔޫސްކަމާއެކު އަލީޒީއަށް ބަލައިލަމުން މުންޝިރު މިސްރާބުޖެހީ އަޔާން އުރައިގެން ކޮޓަރީން ނިކުތުމަށެވެ. ދޮރުލެއްޕުމުގެ ކުރީން އައިޝާއަށް ބަލައިލަމުން، މުންޝިރްގެ ލޮލުން އިޝާރާތެއް ކުރި އެވެ. އެބުނީ ކީއްކަން ވިސްނާކަށް ނުވަތަ ތަރުޖަމާކުރާކަށް އައިޝާއަކަށް ބޭނުމެއްނުވެ އެވެ. އެއީ ސާފު އިޝާރާތެކެވެ. ޔަގީންކަށް ދިނުމުގެގޮތުން ބޮލުން އިޝާރާތްކޮށްލަމުން އަލީޒީއާއި ދިމާއަށް އައިޝާ ހިނގައިގަތެވެ.

"އެހެންމީހުންގެ ސިއްރުވާހަކަ އަޑުއެހުމަކީ ރަގަޅުކަމެއް ނޫނެއްނުން.." ހޫނުވެފައިވާ މަސްރަހް ފިނިކުރެވޭތޯ އަލީޒީ ބެލި އެވެ.

"އެހެންމީހުންނާއި ސިއްރުން ހިތާމަކޮށް ރުއިމަކީވެސް ރަގަޅުކަމެއް ނޫން.." ހަމަ އެ ރާގުގައި އައިޝާވެސް ބުނެލި އެވެ.

މަޑުމަޑުން ހިނގާލާފައި އައިސް، އަލީޒީއާއި ދާދި ގާތުގައި އިށީނެވެ. އަލީޒީގެ މޫނަށް ބަލައިލަމުން އައިޝާ ލުއިގޮތަކަށް ހީލި އެވެ.

"ރުއިމަކުން މައްސަލައެއް ނެތް..! ސިއްރުވާހަކަ އަޑުއެހުމަކުންވެސް މައްސަލައެއް ނެތް.. އެކަމަކު ތި ދެމައިންނަކީ އެކަނިވެރިންކަމަށް ހީވުމަކީ މައްސަލައެއް..! އެއީ އަހަރެންނާއި މުންޝިރަށް ކޮންމެވެސް ކަމެއް ރަގަޅަށް ނނުކުރެވޭކަމުގެ ހެއްކެތް..!" ހަގީގަތަކީ އެއީ ނޫންކަން އެނގިހުރެވެސް އައިޝާ ބުންޏެވެ.

"ނޫން.. ނޫން.. އެންމެ ފަހަރަކުވެސް ތިހެން ނުބުނަން.. އެކަމަކު އަޔާންގެ ބައްޕައާއި ބެހޭގޮތުން ސުވާލުކުރީމައި ހަދާނެ ނަހަދާނެ ގޮތެއް ނޭގުނީ.. ކޮންމެވެސް ދުވަހަކުން އަޔާންއަށްވެސް ހަގީގަތް ބުނެދޭން މަޖުބޫރުވާނެ.. އެދުވަހަކަށް އެދަރިފުޅު އިންތިޒާރުކުރާނެ.. މިނޫނީ ދުވަހަކުވެސް ބައްޕައާއި ބެހޭގޮތުން އަޔާން ސުވާލެއް ނުކުރޭ.. އަޔާންއަކީ ވަރަށް ތަފާތު ކުއްޖެއް..!" މަޑުމަޑުން އަލީޒީ ބުންޏެވެ.

"މާ ޝާ ﷲ އަހަރުމެންގެ ދަރިފުޅަކީ ހިތްވަރުގަދަ ކުއްޖެއް.. އެ ދަރިފުޅުގެ ދިރިއުޅުން ފަސޭހަކުރައްވާންދޭވެ.."

"މިވަގުތު އަލީޒީގެ އިހްސާސްތައް އަންދާޒާކޮށްލަން އަހަންނަށް ނޭގުނަސް، ތިޔަ ހިތުގައި ރިހޭ ރިހުން އަލީޒީ ހިއްސާކޮށްލައިފިއްޔާ، ހައްޓަށް ތަންކޮޅެއް ލުއިވާނެ.. ވޭނާއި ހިތްދަތިކަމަކީ ކޮބައިކަން އިނގޭނީ އެމީހަކު އެ ރިހުން އުފުލަން ޖެހުނީމައިކަން އަހަންނަށްވެސް އިނގޭ.." މުންޝިރް ބޭނުންވީ އަލީޒީއާއި އައިޝާ ވާހަކަދައްކާށެވެ. އައިޝާ މަސައްކަތްކުރީ އެ ޒިންމާ ފުރިހަމަކުރެވޭތޯ އެވެ.

"އިހްސާސަކީ ބަސްމޮށުންތެރިކަން ލިބިގެންވާ އެއްޗެއް ނޫން.. އިހްސާސްތަކުގެ އަޑު އެހެން މީހުންނަށް ނީވެނީ އެހެންވެ.. އެކަމަކު... އެކަމަކު، ތަގުދީރުން ދެ ހިތެއްގެ ވިންދު ގުޅުވައިފިނަމަ އިހްސާސްތަކުގެ އަޑުވެސް އިވޭނެ.. ހިތުގެ ރިހުންވެސް... އިހްސާސްކުރެވޭނެ.. މައިވަންތަކަމާއި ދަރިކުލުނު މާތް ﷲ ލައްވާފައިވަނީ މިފަދަ މާތް ގުޅުމަކުން.." އަސަރާއެކު އަލީޒީ ބުންޏެވެ.

"ދަރިޔަކު ލިބުމުގެ ނަސީބުން، މަހްރޫމްވެފައިވާ ދެމަފިރިޔަކަށް އަލީޒީގެ ކިބައިން ލިބިފައިވާ އަގުހުރި ނިއުމަތަށް އަހަރުމެން ދެމަފިރިން ތާއަބަދު ޝުކުރުވެރިވަން.." އައިޝާގެ އަޑުގައި އެކުލެވުނު ރިހުން އަލީޒީގެ ލޮލުން ކަރުނަ ހިލުވައިލި އެވެ.

ކުރިއަށްވުރެން ގާތަށް ޖެހިލާފައި އައިޝާގެ އަތުގައި އަލީޒީ ފިރުމާލި އެވެ. އަލީޒީގެ ޖުމުލައިން އައއިޝާއަށް ކުޑަވެސް ރިހުމެއް ދިނުމުގެ މަގުސަދެއް އަލީޒީގެ ނެތްކަން އައިޝާއަށްވެސް އިނގެ އެވެ.

"އަހަރުމެންގެ ދިރިއުޅުން ފުރިހަމަކޮށްދިނީ ލޯބި ލޯބި އަޔާން.. ތިޔަ ދެމައިންނާއި ނުލައި އަހަރުމެން ދިރިއުޅޭނީ ކިހިނެއް..؟ މިއަދު މިއީ އާއިލާއެއް..! އެ ހަގީގަތް އަލީޒީއަށް ބަދަލެއް ނުކުރެވޭނެ.. ގަސްތުގައި ތި ދެމައިންގެ ވާހަކަ އަޑުއެހީއެއް ނޫން މިރޭ..! މާދަމާއަކީ މަންމައިންގެ ދުވަސް..! ކޮންމެ އަހަރަކުވެސް މި ދުވަހަށް މުންޝިރު ރަށަށް އަންނަނީ އަޔާންއަށްޓަކައި.. އެދަރިފުޅުގެ އުފަލަށްޓަކައި.. މާދަމާއަކީ ބުރަ ދުވަހެއް.. އެހެންވެ އޮފް ނުލިބުނީމައި އަޔާންކައިރީގައި ބުނީ، މުންޝިރަށް މާދަމާއަށް އާދެވޭކަށް ނެތޭ..! އެކަމަކު އަޔާން ސްޓޭޖްމަތީގައި ވާހަކަ ދައްކާނެއޭ ބުނީމައި މިރޭ އެއައީ ހެނދުނު ދިހައެއް ޖަހާއިރު އެކޮޅަށް ދާގޮތަށް ހުއްދަ ނަގައިގެން..! އަޔާން ސްޓޭޖްމަތީ ވާހަކަދައްކާ އަޑުއަހަން ފޫހިކަމެއް ނެތި މުންޝިރް އިނދެދާނެ އެތައް ގަޑީރެއް ވަންދެން.. މިހާރުވެސް އެ ސޮރުގެ ވީޑިއޯތަށް ބަލާފައި ނޫނީ ލޮލަށް ނިދިވެސް ނާދެޔޭ ބުނީ.." އަލީޒީގެ ދެމައިންގެ މުހިއްމުކަން އިހްސާސްކޮށްދިނުމަށް އައިޝާ މަސައްކަތް ކުރި އެވެ.

.......................

"ޅެން ހެދުމުގެ ގައުމީ މުބާރާތުގައި ދަރިފުޅު ބައިވެރިވާން ފެށިފަހުން ވަރަށް މޮޅުވެއްޖެ... މާޝާ ﷲ ވަރަށް ވަރަށް އުފާވެއްޖެ.. މާދަމާ ދަރިފުޅުގެ ތިޔަ ސްޕީޗް އަޑުއަހާފައި ކިތަންމެ މައެއްގެ ލޮލުން ކަރުނަ އޮހޭނެ.. އަދި އަންކަލްގެ މި ދަރިފުޅަށްޓަކައި އެތައް މައެއްގެ ދެ އަތް އުފުލާލާނެ.." އަޔާންގެ ބޮލުގައި މުންޝިރް ފިރުމާލި އެވެ.

އަޔާން މާދަމާ ހުށަހަޅަންވީ ސްޕީޗް ލިޔެ ނިންމާލާފައި މުންޝިރަށް ކިޔައިދިނެވެ. ސްކޫލްގެ ހާއްސަ ކޮންމެ ހަފްލާއެއްގައި ވާހަކަދެއްކުމުގެ ފުރުސަތުލިބޭ ދަރިވަރުންގެ ތެރޭގައި އަޔާން ހިމެނެ އެވެ. އަބަދުވެސް އަޔާންއަށް އެންމެ ހާއްސައީ މަންމައިންގެ ދުވަހުގެ ސްޕީޗެވެ. މީގެކުރީން ކޮންމެ އަހަރަކު ކިޔަން ލިބެނީ ޓީޗަރުން ލިޔެފައި ދެއްވާ ސްޕީޗްތަކެވެ. މިއަހަރުގެ ސްޕީޗް ހުރިހައި ގޮތަކުންވެސް އަޔާންއަށް ވަރަށް ހާއްސަ އެވެ. ފުރަތަމަ ފަހަރަށް އަޔާން ބޭނުން މައުލޫއަކަށް ސްޕީޗް ހަދަން ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

މުންޝިރްގެ އަތުގެ ތެރެއަށްވަދެ، އަޔާން ބޮނޑިވެލި އެވެ. ލޯތްބާއެކު މުންޝިރްގެ އަތުގެ ހިމާޔަތުގައި ދަރިފުޅު ރައްކާކޮށްލި އެވެ.

"ދަރިފުޅުގެ ރުއިމާއި ކަރުނައަށް މި އަންކަލްގެ ކަންފަތެއްވެސް، ލޮލެއްވެސް ނޭދޭނެ.. ދަރިފުޅު އެކަން ހަނދާން ކުރަންވާނެ.. ދަރިފުޅަށް ދުނިޔޭގެ ހުރިހައި އުފަލެއް މިންވަރު ކުރައްވާށި..! އަންކަލްގެ ލޯބި ދަރިފުޅަށްޓަކައި އަބަދުވެސް ފަހުރުވެރިވަން.. ތިއީ ވަރަށް ހިއްވަރުދަގަ ކުއްޖެއް.. ވަރަށް ލޯބިވޭ.." އަޔާންގެ ނިއްކުރީގައި ބޮސްދެމުން މުންޝިރް ދެ ލޯ މަރައއިލި އެވެ.

މިރޭ އަޑު އިވުނު ވާހަކަތަކަކީ ހިތައް ފަސޭހަ ވާހަކަތަކެއް ނޫނަސް، އެ ވާހަކަތައް އެ ފުރާޅުދަށުގައި ދެކެވޭނެކަން މުންޝިރަށްވެސް އެގެ އެވެ. އެދެމައިންނަށް އެކަމަށް ވަގުތު ދޭންޖެހޭނެކަންވެސް މުންޝިރަށް އިގެ އެވެ. އެކަމަކު އެ އަޑުތަކަށް މުންޝިރުގެ ކަންފަތެއް ދުވަހަކުވެސް ނުހޭނޭނެ އެވެ.

"ބިރުގަންނަނީ މަންމައާއި ބޮޑުދައިތަ ހިމާޔަތްކުރުމުގައި އަޔާން ފެއިލްވެދާނެތީ..

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް