އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ މި ކޮންގްރެސްގައި ދުނިޔޭގެ ގިނަ އެއާޕޯޓުތަކާއި އެއާލައިންތަކާއި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެވެލް އެޖެންޓުންނާއި އެހެނިހެން ގޮތްގޮތުން މި ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.
މިއީ ޓްރެވެލް އިންޑަސްޓްރީގައި އުޅޭ އެތައް ހާސް ބަޔަކަށް ރާއްޖެ އިޝްތިހާރުވެ، ރާއްޖޭގެ އެއާޕޯޓު އިޝްތިހާރުވެގެންދާނެ ފަދަ އިވެންޓެއް ކަމަށްވެސް ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް، މި ކޮންގްރެސްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުންގެންދާ ކުންފުނިތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެ ފަރާތްތަކުން ރާއްޖޭގެ ވައިގެ ސިނާއަތުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދީފަ އެވެ.
މި ކޮންގްރެސްގައި 27 އެއާލައިނާއި 17 އެއާޕޯޓު ހިމެނޭ ގޮތަށް ވައިގެ ސިނާއަތުގެ އެކި ފަންތީގެ ޖުމްލަ 150 ކުންފުނިން ބައިވެރިވި އެވެ. މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމަންޓުން ބާއްވާ ކޮންގްރެސްއެކެވެ. މި މި އަހަރު ކޮންގްރެސް ކުރިއަށް ގެންގޮސްފައިވަނީ، ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ އަދި ސައި ލެގޫންގަ އެވެ.
މި ކޮންގްރެސްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ދުނިޔޭގެ އެތައް ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެ ކަމަށާއި މިއީ މާކެޓިން ބޮޑު އިވެންޓަކަށްވުމުން، ރާއްޖެއަށް ތަފާތު ގައުމުތަކުގެ އެއާލައިންތައް ގެނައުމުގަޔާއި ފަތުރުވެރިން ރާއްޖެއަށް ޝައުުގުވެރިކުރުވުމަށް އެހީތެރިވެދޭނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސް އަންނަ އަހަރު ބާއްވާނީ އެމެރިކާގެ ހާޓްސްފީލްޑް-ޖެކްސަން އެޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ކަނޑައަޅައި އެކަން ވަނީ އިއުލާންކޮށްފަ އެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މިކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.