ads
ކްރިމިނަލް ކޯޓު
ނައުއްޓެގެ މަރާ ގުޅޭ މުހިއްމު ހެކިތަކެއް ސިއްރުކޮށްފި
މިދިޔަ އަހަރު ކުރީކޮޅު، މާލޭގައި ނައުއްޓެ މަރާލި މައްސަލާގައި ދައުލަތުން ހެކިބަސް ދިނުމަށް ހުށަހަޅާ ހަތް ހެކިވެރިއެއް ސިއްރުކޮށް ރައްކާތެރިކަން ދިނުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
Advertisement

މިދިޔަ އަހަރު ކުރީކޮޅު، މާފަންނު މުރަނގަ މަގުގައި ހުންނަ ކްރާސާ ފިހާރަ ތެރޭގައި ސ. ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު/ނައުއްޓެ) މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލާގައި ކުށް ސާބިތު ކުރަން ދައުލަތުން ހުށަހަޅާ ހަތް ހެކިވެރިންގެ ހެކިބަސް ނަގާއިރު ކާކުކަން ނޭނގޭ ގޮތަށް އޮންލައިންކޮށް ޝަރީއަތުގެ މަޖިލީސް ނޫން ތަނެއްގައި ބަހައްޓައިގެން ހެކިބަސް ނެގުމަށް ދައުލަތުން އެދުނެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން އެކުލަވައިލި ތަހުގީގު ރިޕޯޓު ވެސް ދިފާއަށް ދޫކުރާއިރު ތަހުގީގު ރިޕޯޓުގައި ހިމެނޭ އެ ހަތް ހެކިވެރިންގެ ބަޔާންތައް އުނިކުރުމަށް ފަހު ދޫކުރުމަށް ވެސް ދައުލަތުން އެދުނެވެ.

މައްސަލަ ބައްލަވާ ގާޒީ އައިޝަތު ނުޒުހާ ނިންމެވީ ދައުލަތުން އެދޭ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. އެ ގޮތަށް އަމުރުކުރެއްވީ ހެކިވެރިންނަށް ބިރު ދެއްކުމާއި ޖިސްމާނީ އަނިޔާއެއް ދިނުމުގެ އިހުތިމާލު އޮތް ކަމަށް ޝަރީއަތަށް ފެންނާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކްރާސާ ފިހާރަ ތެރޭގައި ނައުޝާދަށް ވަޅިން ހަމަލާ ދިނީ މިދިޔަ އަހަރު ފެބްރުއަރީ 24، ވަނަ ދުވަހު 9:30 ހާއިރެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވީ އޭގެ ތިން ދުވަސް ފަހުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް