ގަވަރުނަރު މިފަދައިން ވިދާޅުވީ، ގައުމުގެ އިގުތިސާދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް އެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
މާލިއްޔަތު ކޮމިޓީގައި މިއަދު ހެނދުނު 11:00 އަށް ތާވަލުކުރި އެ ބައްދަލުވުމަކީ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފެށުމަށް ތާވަލުކުރި ބައްދަލުވުމެކެވެ.
މަޖިލީހުގެ އިދާރާއަށް އެމްއެމްއޭ އިން މިއަދު ފޮނުވި ސިޓީގައި ބުނީ އަލީ ހާޝިމް އާލަސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ހާޒިރުވެވެން ނެތްކަމަށް ބުނެފައިވެ އެވެ.
އެކަން އެންގި ސިޓީއާއެކު ފޮނުއްވެވި ޖަވާބުތައް "ސީއެންއެމް" އަށް ވަނީ ލިބިފަ އެވެ. އެ ސިޓީއާއެކު ގަވަރުނަރަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ ލިޔުމުން ޖަވާބު ވެސް ދެއްވާފަ އެވެ.
އެ ސިޓީފުޅުގައި ގަވަރުނަރު ވިދާޅުވެފައިވަނީ އެމްއެމްއޭއާ މަތިކޮށްފަައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި، ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ސަރުކާރުތަކަށް ދޭންޖެހޭ ލަފައާއި އިރުޝާދު ތަކުރާރުކޮށް ދެއްވި ނަމަވެސް އެ އިރުޝާދުތަކަށް ސަރުކާރުތަކުން އިޖާބުނުދިން ކަމަށެވެ.
ހަމައެއާއެކު އިގުތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ގައުމު އިގުތިސާދީ ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ ރައްކާތެރި ދިމާލަކަށް ވާސިލުވާނެ ގޮތްތައް ޔަގީން ކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ގަވަރުނަރު ވަނީ މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ނުދިނުމާއި އެމްއެމްއޭގެ މައިގަނޑު މަގްސަދުތައް ހާސިލުކުރަން މަސައްކަތް ނުކުރާ ކަމަށް ކުރާ ތުހުމަތުތައް ވެސް ދޮގުކުރައްވާފައެވެ.
އެގޮތުން އެމްއެމްއޭއިން ކޮށްފައިވާ ކަންތައްތަކާއި މީގެ ކުރިން ވެސް ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފްސީލު ވެސް ވަނީ ހިއްސާކުރައްވާފަ އެވެ.
ގަވަރުނަރު ވިދާޅުވީ އެމްއެމްއޭއިން ކުރިން ރާވާފައި އޮތީ މި އަހަރުގެ ފެބްރުއަރީގައި އެމްއާރުއާރު 12.5 ޕަސެންޓަށް މަތިކުރަން ކަމަށެވެ. ނަމަވެސް ފިސްކަލް ރިފޯމުތައް ގެންނަން އުޅޭ ދަނޑިވަޅެއްގައި މިކަން ކޮށްފި ނަމަ، ސަރުކާރުގެ ކޭޝްފްލޯ މެނޭޖުކުރަން ދަތިތަކާ ކުރިމަތިވާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރުމުން އެ ނިންމުން ތަންފީޒުކުރުން ފަސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެމްއެމްއޭއިން ފުރަތަމަ ނިންމީ ދިވެހި ރުފިޔާގެ އެމްއާރުއާރު 12.5 ޕަސެންޓަށް މަތިކުރުން ޖުލައި 2024 އަށް ފަސްކޮށް، 15 ޕަސެންޓަށް މަތިކުރުން އަންނަ އަހަރަށް ފަސްކުރުމަށެވެ. މިގޮތް ފިނޭންސަށް ކަމު ނުގޮސްގެން އެމްއާރުއާރު މަތިކުރަން ނިންމި ނިންމުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް ހާޝިމް ވިދާޅުވި އެވެ.
ހިފެހެއްޓިފައިވާ މަނިޓަރީ ސިޔާސަތެއް ގެންގުޅުނު ކަމަށް ގަވަރުނަރު އެއްބަސްވެވަޑައިގެންނެވި ނަމަވެސް، އެ ސިޔާސަތުގެ ސަބަބުން ބޭންކުތަކުން ލޯނު ދޫކުރާ މިންވަރަށް އަސަރު ކުރާ ކަމަށް އޭނާ އިންކާރުކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެމްއާރުއާރު މަތިކުރުމުން އިގުތިސޯދުން މަދު ވަނީ 747 މިލިއަން ރުފިޔާ ކަމަށާއި އެއީ ސާޕްލަސް ފައިސާގެ ކުޑަ މިންވަރެއް ކަމަށެވެ.
މިހާރުގެ އިގުތިސާދީ ހާލަތު އަދި އިގުސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ، ގަވަރުނަރު ވިދާޅުވި ގޮތުގައި އެމްއެމްއޭ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކުން މިދިޔަ ދެ އަހަރު ދިން އިރުޝާދާއި ލަފައަށް އަހައްމިޔަތުކަން ނުދިނުމެވެ. އެމްއެމްއޭ އިން ޒަމާނުންސުރެ ވަކާލާތު ކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅެފައި ނެތުމުންނެވެ.
މަރުކަޒީ ބޭންކުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ބޭންކުތަކުން ދޫކުރާ ލޯނުގެ މިންވަރަށް އަސަރު ނުކުރާ ކަން ދައްކަން ހާޝިމް ވަނީ، ވޭތުވި އަހަރުތަކުގައި ލޯނު ދޫކޮށްފައިވާ މިންވަރުގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމުލަ އައުޓްސްޓޭންޑިން އަދަދު 2019 ގައި ހުރީ 24.5 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ހުރީ 31.7 ބިލިއަން ރުފިޔާގަ އެވެ. އަދި މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެ އަދަދު ހުރި 32.7 ބިލިއަން ރުފިޔާގަ އެވެ.
އަދި ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މާލިއްޔަތު ކޮމިޓީއަށް ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީ އިން އަލީ ހާޝިމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި ނުވާ ކަމަށެވެ.
އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން، ގަވަރުނަރު މަގާމުން ވަކިކުރަނީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އެވެ. އަދި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ޒިންމާދާކުރާ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އެވެ.