ads
މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޭން ވިސްނަނީ
ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމަށް އިމިގްރޭޝަނާ އެކު މަޝްވަރާ ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.
Advertisement

މިނިސްޓާ އޮފް ސިޓީޒް އެންޑް ލޯކަލް ގަވަމަންޓު އާދަމް ޝަރީފު އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިގޮތަށް މަޝްވަރާކުރެވިފައިވަނީ މިއަދު ބޭއްވި ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ. އާދަމް ޝަރީފަކީ އެލްޖީއޭގެ ރައީސް އެވެ.

އެ މައްސަލަ އެލްޖީއޭ އެ ބައްދަލުވުމުން ހުށަހެޅީ ތިނަދޫ ސިޓީ ކައުންސިލުންނެވެ.

"ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު،" އޭނާ ލިޔުއްވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލަރުންނަށް އޮފިޝަލް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓު ހޯދައި ދިނުމުގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރި ކުރުވުމާއި އަދި އެ ކައުންސިލަރުންނަކީ ވެސް ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ވާތީ އެ ބޭފުޅުންނަށް ހައްގު ދަރަޖަ ދިނުން ކަމަށެވެ.

ޕާސްޕޯޓު ގަވާއިދުގެ ހަތް ވަނަ މާއްދާ އަދި އަށްވަނަ މާއްދާގައި ޑިޕްލޮމެޓިކް ޕާސްޕޯޓު ދެވޭނެ މީހުން ހިމަނާފައިވާއިރު އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި މޭޔަރުން ނުހިމެނެ އެވެ. އެހެންކަމުން މިފަދަ ބަދަލެއް ގެނައުމަށްޓަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ރައްޔިތުންގެ މަޖިލީހުންވެސް ނިންމުންތަކެއް ނިންމަން ޖެހޭނެ އެވެ.

މިހާރު ޑިޕްލޮމެޓިކް ޕާސްޕޯޓު އޮންނަ ފަރާތްތަކުގެ ތެރޭގައި ތިން ބާރުގެ ވެރިންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުންގެ މެންބަރުންނާއި އެ ފަރާތްތަކުގެ އަނބިން ނުވަތަ ފިރިންގެ އިތުރުން ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރުނުވާ ކުދިންނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް