ads
ސަރުކާރެއް އަންނަ ގޮތަށް ގަވަރުނަރު ބޭރުކުރުން ؛ މިވަނީ ކިހިނެއް؟
ރަދުންގެ އަތްމަތީގައި ހުރިހާ ބާރެއް އޮތެވެ. އެ ދުވަސްތައް އެތައް ސަތޭކަ އަހަރަކަށް ފަހު މާޒީ ވެއްޖެކަމަށް ދިވެހިންނަށް ގަބޫލު ކުރެވުނުތާ އެވެ. ޒަމާން ބަދަލުވެ ރައީސަކު ގައުމު ހިންގި އެވެ. ރައީސް އަމީނަށް ފަހު ރައީސް ނާސިރު އެވެ. ރައީސް މައުމޫނު 30 އަހަރު ވެރިކަން ކުރި އެވެ. ރައީސްކަމާއި ފިނޭންސް މިނިސްޓަރުކަމާއި ޑިފެންސް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރު ކަމާ ސީދާ މައުމޫނު ހަވާލުވެވަޑައިގެން ހުންނެވި އެވެ. ރައީސް މައުމޫނުގެ ވެރިކަމާއި ހިންގުމުގެ އޮނިގަނޑު ޒަމާނަށް ނުފެތިގެން ބަދަލު ކުރި އެވެ. ޒަމާނީ މާ މޮޅު ވެރިކަމުގެ އޮނިގަނޑެއް ކަމަށް ސިޔާސީ އިސް މީހުން ބެލި މިހާރުގެ ގާނޫނު އަސާސީއާ އެކު ދިވެހި އޮޑި ދުއްވަން ނިކުމެ ދަތުރުގައި 15 އަހަރު ވެއްޖެ އެވެ.
Advertisement

މީގެ 15 އަހަރު ކުރިން އަމަލު ކުރަން ފެށި ގާނޫނު އަސާސީގައި ތަހުޒީބުކަމަށް މީހުން ކިޔާ އުޅޭ ގައުމުތަކުގައި އެ ގައުމުތައް ހިންގަން އުޅޭ ގޮތްތަކާއި ވައްޓަފާޅިތައް ދިވެހި ގައުމުކަމަށް މި ކިޔާ ތަނަށް ފައްތަން އުޅެފައި އެބަ ހުއްޓެވެ. އެ ގޮތުން އެމްއެމްއޭ އަކީ ގާނޫނީ ވަކި ޒިންމާތަކެއް ހަވާލުކޮށްފައި ވެރިކަން ހިންގާ ފަރާތުގެ ކިބައިން މިނިވަންވެ ވަކި ހަމަތަކާއި އުސޫލުތަކެއްގެތެރެއިން ހިންގާ ތަނެއްކަމަށް ކަނޑައަޅައިގެން ހިނގަން އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ.

އެމްއެމްއޭ އަކީ ދުނިޔޭގެ މާލީ ހަމަތަކާއި އުސޫލުތަކާ އެކު ވަކި ޒިންމާތަކެއް ހަވާލުވެ އެކަންކަން ހިންގުމަށް ކަނޑައަޅާފައިވާ ގައުމުތަކުގެ ސެންޓަރަލް ބޭންކް އެވެ. ސެންޓަރަލް ބޭންކް އަކީ މުތުލަގަށް ވެރިކަން ހިންގަން ހަވާލުވާ މީހާ ބުނާ މަގުން ހުރިހާ ކަމެއް ކުރާ ތަނެއް ނޫންކަން ދުނިޔޭގެ މާލީ އަދި ފައިނޭޝަލް ތިޔަރީތައް ދަނެ އެވެ. ނަމަވެސް އެއް އަމާޒަކަށް ދުއްވާ ދެ އޮޑިކަން އިލުމުގެ އަހުލުވެރިން ދެކެ އެވެ. ސެންޓަރަލް ބޭންކުގެ މައިގަނޑު މަސައްކަތަކަށްވެފައިވަނީ އެ ގައުމެއްގެ ފައިސާގެ އަގު މައްޗަށް ނުދާނެ ހައްލެއް ހޯދުމާއި އެކަމަށް ވަކާލާތު ކުރުމާއި ގައުމުގެ އިންފްލޭޝަން ރޭޓް ހައްދުން ނެއްޓިގެން ނުދާނެ ފަރުވާއެއްގެ މަތީގައި ގައުމު ހިންގުމުގައި މާލީ އަދި އިގުތިސާދީ ލަފާ ދިނުމެވެ.

ސެންޓަރަލް ބޭންކުގެ މަގުސަދާ ސީދާ ދިމާ އިދިކޮޅު ހަރަކާތެއްގެ ގޮތުގައި ދިވެހި ގައުމު ކަމަށް މި ބުނާ ތަނުގެ ވެރިކަމާ ހަވާލުވާ މީހުންގެ ވިސްނުމާއި ގަބޫލު ކުރުން މި ހުންނަނީ ސެންޓަރަލް ބޭންކުގެ މަގުސަދާ ސީދާ ދިމާ އިކޮޅަށެވެ. އެމްއެމްއޭ އިން ދޭ ލަފަޔަކަށް ތަބާވުމަކީ ވެރިކަން ކުރުމަށް ދަތި ކުރުން ކަމަށް ކަނޑައަޅަނީ އިލުމީ ހަގީގަތެއް އޮތަސް އެ ހަގީގަތަކަށް ބެލުމެއް ނެތިކަމަށް ހީވާ ފަހަރު ގިނައިން އާދެ އެވެ. ނަތީޖާއަކަށް ވަނީ ވެރިކަމާ ހަވާލުވުމާއި އެކު މަޖިލިސް އިންތިހާބު ނިމިގެން އެންމެ އަވަހަށް ވެރި މީހާގެ އަތްދިއްކުރަނީ އެމްއެމްއޭ ހިންގަން ހުންނަ އެންމެ އިސް މީހާ ކަމަށްވާ ގަވަރުނަރާ ދިމާލަށެވެ.

އާ ގާނޫނު އަސާސީއަށް 15 އަހަރު ފުރި 5 އަހަރުގެ ހަތަރު ވަނަ ދައުރު ހިނގަމުންދާ އިރު މިހާރުގެ ވެރިކަމުގެ އިނގިލި ވެސް ދިއްކުރަނީ ގަވަރުނަރުގެ ޒިންމާދާރުކަން ކުޑަކަމަށް ބުނެ އޭނާ މަގާމުން ވަކި ކުރުމަށެވެ. އެ ހަރަކާތް ހިންގަނީ ގާނޫނު އޮތް ގޮތުންކަމަށް ވިޔަސް މަޖިލިސް މެދުވެރިކޮށެވެ.

މިހާރުގެ ގަވަރުނަރު އަލީ ހާޝިމް އަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ގަވަރުނަރު ކަމާ ހަވާލުވި ބޭފުޅެކެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު ސަރުކާރާ ގަވަރުނަރާ މެދު އޮތް ގުޅުން ވެސް ވަނީ ބޮޑު ތަނުން ގޯސްވެފައިކަން އެނގެނީ އެ ވެރިކަމުން ހިންގަން އުޅުނު ހުރިހާ ކަމަކަން ފެހި ސިގްނަލް ނުދެއްވައިގެން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ހިންގި އަޑު އެހުންތަކުންނެވެ. އެއީ އާންމުކޮށް ފެނުނު ކަންތަކެވެ. ފަރުދާގެ އަނެއް ފަރާތުގައި ވެސް ކަންކަން ހިނގިކަމަށް ވެ އެވެ. އެ ސަރުކާރު ނިމި އާ ވެރިޔަކު ގައުމާ ހަވާލުވި އިރު ގަވަރުނަރު ކުރި ރަނގަޅު އެއްކަމެއް ވެސް ނެތް ކަހަލަ އެވެ. އަދި އިސްވެ ދެއްވި ލަފައެއް ވެސް ނެތް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ގެންދަވަނީ ވިދާޅުވަމުންނެވެ.

މިނިސްޓަރު އެ ވާހަކަ ދައްކަވަން ފެއްޓެވުމުގެ މާ ކުރިން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވެސް ވަނީ ގަވަރުނަރުގެ ޒިންމާ އަދާ ނުކުރާކަމަށް ވިދާޅުވެފަ އެވެ. ގަވަރުނަރަކީ ސިޔާސީ ބަޔަކު މަގާމު ދެއްވާ އަދި ސިޔާސީ ބަޔަކުވެގެން މަގާމުން ދުރުކުރާ މީހެކެވެ. ނަމަވެސް އެމްއެމްއޭ އަކީ ޓެކްނިކަލް މީހުންގެ މައްޗަށް އެކުލެވޭ އިލްމީ މަސައްކަތެއް ކުރާ މުއައްސަސާއެކެވެ. ސިޔާސީ މީހުން ވެގެން ގަވަރުނަރު ކަމަށް އައްޔަނު ކުރާ މީހާއަކީ ވެސް އެ ފަދަ ޒިންމާއެއް އަދާ ކުރެވޭވަރުގެ އަދި ޓެކްނިކަލް ޓީމެއްގޮވައިގެން އުޅެވޭވަރުގެ އިލުމަކާއި ތަޖުރިބާއެއް ހުރި މީހަކަށް ނުވާ ކަމަށް ދިވެހިން ހަމަ ދެކެންވީތާ އެވެ.

އަލީ ހާޝިމް ގަވަރުނަރުކަމުގައި ހޭދަ ކުރި ފަސް ވަރަކަށް އަހަރު ތެރޭގައި މި ގައުމުގެ މާލީ އަދި އިގުތިސާދީ ކަންކަން ހަމަ މަގަށް އެޅުވުމަށް އެމްއެމްއޭގައި އެ ތިބި އިލްމީ އަދި ޓެކްނިކަލް މީހުންގެ އިލްމާއި ތަޖުރިބާ ބޭނުންކޮށްގެން އެއްވެސް ކަމެއް ހަމަ ނުކުރައްވަނީ ތޯ އެވެ. ނުވަތަ އޭނާ ދެއްވި ލަފަޔާ ދެއްވި އިރުޝާދަކީ ވެރިކަން ހިންގާ ބިޔަވަރުގަދަ ފަރާތަށް ހަމަ އެއްވެސް މާނައެއް ހުރި އެއްޗަކަށް ނުވާނީ ބާއްވަ އެވެ. އެމްއެމްއޭގައި ތިބި އިލްމީ އަދި ޓެކްނިކަލް މީހުންނަށް ވެސް މި ގައުމު ގޯސް މަގުންދާކަން ނޭނގިގެން ގަވަރުނަރަށް އެ ޓީމުން ވެސް ލަފަޔަކާއި އިރުޝާދެއް ވެސް ނުދެނީ ބާވަ އެވެ. ދިންނަމަ އެ ލަފަޔާއި އިރުޝާދަކީ އިލްމީ އަދި ތަޖުރިބާ ހުރި އެއްޗެއް ކަމަށް ގަވަރުނަރު އަލީ ހާޝިމް ބަލައިނުގެން ގޮނޑީގައި ފަސް ވަރަކަށް އަހަރު އިންނެވީ ކީއްވެބާއްވަ އެވެ.؟ މިއީ ވެސް ހަމަ ސުވާލެވެ.

އިގުތިސާދު ދިރާސާކުރާ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރާއި ވެރިކަމަށް އަންނަ ބަޔަކާ ދެމެދުގައި ހިޔާލު ތަފާތުވުން ތަކެއް ކޮންމެ ފަހަރަކު ތިލަވާ ކަމަށާއި މިއީ މިފަހަރުގެ އެކަނި ވެގެން އުޅޭ ކަމެއް ނޫންކަމަށެވެ.  

"ފައިސާގެ އަގު ދަށަށް ނުދާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމާއި އިންފްލޭޝަން ރޭޓް ދަށުގައި ބެހެއްޓޭނެ ގޮތެއް ހޯދުމަކީ އެމްއެމްއޭ އިން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމެއް. އަންނަ ސަރުކާރުތަކުން އެކަންކަމަށް އެ ވަރަށް ނުބަލާ މި އުޅެނީ ގިނަ ފައިސާ ބާޒާރަށް ނެރެ، ގިނަ ކަންކަން ކުރަން. މި ދެ ހިޔާލު މި އުޅެނީ. ވާހަކަ ދައްކައިގެން ގައުމުގެ ހާލަތު ރަނގަޅު މިސްރާބަށް ގެންދަން ޖެހޭނެ. ބޭނުންވާހާ އަދަދަށް ބާޒާަރަށް ފައިސާ ނުނެރެވޭނެ. ފައިސާ ޗާޕު ކުރަން ވެސް ވަކި ވަރެއް އޮންނާނެ ދޯ. އިގުތިސާދުގައި ހަކަތަ ނެތް ވަރަކުން ކަންކަން ވެސް ނުކުރެވޭނެ،" އާތިފް ޝަކޫރު ވިދާޅުވި އެވެ.

ނަށް ނުޖެހުމަށް އެދި ވާހަކަ ދެއްކި މާލީ ކަންކަން ދިރާސާ ކުރާ އިތުރު ތަޖުރިބާކާރަކު ވިދާޅުވީ ގަވަރުނަރާ ސަރުކާރާ މައްސަލަ ޖެހުމުގެ އެންމެ ބޮޑު ސަބަބަކަށްވަނީ ސަރުކާރުން ބޭނުންހާ ވަރަކަށް ފައިސާ ބާޒާރަށް ނެރެން އެއްބަސްނުވެވުން ކަމަށެވެ.

"ގައުމުތަކުގެ ފައިސާ ބާޒާރަށް މި ނެރެނީ ވަކި ހަމަ އަކާއި މިންތަކެއް ޖަހައިގެން އެކަންކަމަށް ބަލައިގެން. ނަމަވެސް ވެރިކަމަށް އަންނަ މީހާ ބޭނުމެއް ނުވޭ ގިނަ ފަހަރަށް ގައުމުގެ އިގުތިސާދީ ހަގީގީ ހާލަތު ގަބޫލު ކުރާކަން. ދެން ވެރި މީހާ ބޭނުން ވަނީ ބާޒާރަށް މިނެއްނެތް ގޮތަކަށް ފައިސާ ނެރެން. އެކަން ކަމަށް މި އުޅެނީ ގަވަރުނަރަށް ވެސް އަދި އެމްއެމްއޭ ކަހަލަ ޓެކްނިކަލް މުއައްސަސާތަކަށް ވެސް އެއްބަސްނުވެވިގެން. އެއްބަސްނުވީމަ މި ވާގޮތަކީ ގަވަރުނަރާއި އޭނާގެ ނައިބު ވަކިކޮށްލަނީ. އެ ކަހަލަ ކަމެއް އާންމުކޮށް ވެރިކަން ބަދަލުވާ ދުވަސްވަރު މިވަނީ،" މާލީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރަމުންދާ ތަޖުރިބާކާރު ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން އެހެން ހަރުފަތެއް ބޭނުންވި ނަމަވެސް ގައުމެއްގެ ގޮތުގައި ރާއްޖެ ހިންގާ ނަމަ ވަކި އުސޫލެއް ހިފަހައްޓަންޖެހޭނެ އެވެ. އެ އުސޫލުތަކުގެ ތެރޭގައި ސެންޓަރަލް ބޭންކުގެ ނިންމުންތައް ހިމެނެ އެވެ. އެ ނިންމުންތަކަކީ ހަމަ ހުރެލާފައި ނިންމާ ނިންމުތަކެއް ނަމަ މި ރާއްޖެ މިހާލަތަށް ނުދާނެކަމަށްވެ އެވެ. ސަބަބަކީ އެމްއެމްއޭއިން ރަތްބޮލީގެ އިންޒާރުދެމުން އަންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް ސަރުކާރުތަކުން އަޅާނުލި އެވެ. ސަރުކާރުން ބޭނުންވާ ގޮތެއް ހަދަނީ އެވެ. ނަމަވެސް އެއީ ތަހުޒީބު ގައުމުތަކުން ކުރާ ޒާތުކަމެއް ނޫނެވެ. ތަހުޒީބު ކަންކަން ނުކުރާ ނަމަ ރައީސް މައުމޫނު ޒަމާނުގައި އެމްއެމްއޭ ހިންގި ގޮތަށް އެއީ ރައީސް ބޭނުންވާގޮތައް ރައީސް ވިދާޅުވާގޮތަށް ހިންގާ ތަނަކަށް ހެދުން ކިހިނެއްވާނެބާވަ އެވެ. އޭރުން ވެރިކަން ބަދަލުވާއިރަށް ގަވަރުނަރު ވަކި ކުރުމާއި ސަރުކާރުގެ ވިސްނުމާ ތަފާތު ލަފަޔާއި އިރުޝާދު އެމްއެމްއޭއަކުން ނުދޭނެ އެވެ. 

ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދުނިޔޭގެ މާލީ އިދާރާތަކުގެ ލޯ ގައުމުތަކަށާއި ގައުމުތަކުގެ ސެންޓަރަލް ބޭންކްތަކަށް އަޅަމުންދާ ކަމެވެ. މައުމޫނުގެ ވެރިކަމުގައި ހުރިހާ ބާރެއް އެމަނިކުފާނު އަތްޕުޅުގައި އޮވެގެން ހިންގި ގޮތަކަށް މިއަދު ރާއްޖެ ހިންގުން ބަދަލު ކުރުމަކީ ހިތައް އަރާހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން އޮތް ގޮތެއް ކަމަށް ގަބޫލު ކުރަން ޖެހެނީ ވެރިމީހާ ބުނާ އަދަދަށް ފައިސާ ވެސް ޗާޕް ނުކުރެވޭނެކަމެވެ. 

އަދި ވެރިކަން ހޯދުމަށް ކުރާނެކަމަށް ބުނެ ދައްކާ ހުރިހާ ކަންކަން ހަގީގަތަކަށް ނުހެދޭނެކަން މިއަދު މިވަނީ ގަބޫލު ކުރަން ވެސް ޖެހިފަ އެވެ. ވެރިކަމުގެ ބޭނުން ކިތަންމެ ބޮޑުވި ނަމަވެސް ދައްކަން ޖެހޭނީ އަދި ކުރެވޭނީ ދިވެހި ގައުމުގެ އިގުތިސާދުގައި ހުރި ހަކަތައިން ކުރެވޭނެ މިންވަރެއްގެ ކަން ކަމެވެ. އެ މިންވަރަކީ ވެރިކަން ލިބޭ މީހާ އެކަނި ކަނޑައަޅާމެއް ނޫންކަން، ކުރިއަރާފައިވާ ގައުމުތަކުންނާއި އެކަމުގެ އިލުވެރިން އެ ދަނީ ދައްކަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް