ads
ފިނޭންސް މިނިސްޓަރު ޝަފީގް - ފޮޓޯ:ފިނޭންސް މިނިސްޓްރީ
ކަމެއް ހަރުދަނާކުރަން އެމްއެމްއޭއިން ދިން ލަފައެއް ނެތް: ފިނޭންސް މިނިސްޓަރު
މާލީ އަދި އިގްތިސާދީ ކަންކަމާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިގެން އެއްވެސް ލަފައެއް ނުދޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
Advertisement

ޝަފީގު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި މިހެން ވިދާޅުވެފައިވަނީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، އެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމު ދުރުކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ސާފުކޮށްދޭން އެދި ފޮނުވި ސިޓީއަކަށް ޖަވާބު ދެއްވަމުން، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ފިނޭންސް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ، މި ސަރުކާރު ފެށުނު ފަހުން، އެމްއެމްއޭ އިން އަމިއްލަ އަށް އިސްނަގައިގެން ފިނޭންސް މިނިސްޓްރީއަށް ލަފައެއް ދީފައި ނެތް ކަމަށާއި ނަމަވެސް، މިދިޔަ އަހަރު ފަހުކޮޅު އެމްއެމްއޭއާ އެކު ޕޮލިސީ ލެވެލްގައި ކަންކަން ކުރިއަށް ގެންދަން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"ދައުލަތުގެ މާލީ އަދި އިގްތިސާދީ ކަންކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން އިސްނަގައިގެން ލަފާފުޅެއް ދެއްވާފައެއް ނުވެ އެވެ،" ޝަފީގު ފޮނުއްވި ސިޓީގައިި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ޝަފީގުގެ ސިޓީގައި ވިދާޅުވީ އެމްއެމްއޭ އިން އިސްނަގައިގެން ލަފާ ނުދިން ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅު އެމްއެމްއޭއާއެކު ޕޮލިސީ ލެވެލްއެއްގައި ކަންކަން ރަނގަޅުކުރަން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގެ ތެރެއިން ފޮރިން ކަރަންސީ އެކްސްޗޭންޖް މިހާރަށް ވުރެ ރަނގަޅަށް ރެގިއުލޭޓް ކުރުމަށް އެމްއެމްއޭއިން އެދުނު ކަމަށާއި އެކަމާ ގުޅޭ ޓެކްނިކަލް ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުނު ކަމަށްވެސް ސިޓީގައި ވެއެވެ.

އެކަމަކު ފާއިތުވެ ދިޔަ މަސްތަކުގައި އެމްއެމްއޭ އިން އެންމެ އެދެވޭ ގޮތުގައި ފިސްކަލް އަދި މަނިޓަރީ ޕޮލިސީ އެލައިންކުރަން މަސައްކަތް ކޮށްފައި ނުވާ ކަމަށް މިނިސްޓަރު ތުހުމަތުކުރައްވާފައިވެ އެވެ. އެގޮތުން އެމްއެމްއޭއިން ބަލަހައްޓާ މިނިމަމް ރިޒާވް ރިކުއާމެންޓު ނުވަތަ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ފައިސާގެ އެންމެ މަދު އަދަދު ބޮޑުކުރުމުގެ ސަބަބުން ވިޔަފާރި ބޭންކުތަކާއކު މާލީ މުއާމަލާތްތައް ހިންގުމަށް ދިމާވި ގޮންޖެހުންތަކަށް މިހާރު ހައްލުތަކެއް ހޯދިފައިވާ ކަމަށެވެ. 

މި މައްސަލައިގައި ގަވަރުނަރު ޖަވާބުދާރީވާން މިއަދު މާލިއްޔަތު ކޮމެޓީން ބައްދަލުވުމެއް ތާވަލުކުރި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާތީ އޭނާ ވަޑައިނުގަންނަވަ އެވެ. ނަމަވެސް، ލިޔުމުން ޖަވާބުދާރީވެ، ތުހުމަތުތައް ދޮގުކުރެއްވި އެވެ. 

ގަވަރުނަރު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ވަނީ މީގެ ކުރިން ފާސްކޮށްފަ އެވެ. ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މެންބަރު ނާޒިމް ވަނީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ، ބޭންކުތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ވެސް ނުސީދާ ގޮތެއްގައި ހިފަހައްޓައި، ބޭންކްތަކުގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓަން ހާޝިމް ލަފާދެއްވާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށެވެ.

އަދި ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މަނިޓަރީ އޮތޯރިޓީގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރު ވަކިކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް