އިއްޔެ އިޒްރޭލުން ވަނީ ގާޒާގެ ގެދޮރު ގެއްލިފައިވާ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ބޭނުންކުރަމުންދާ ސްކޫލަކަށް އިސްރާއީލުން ހަމަލާދީފި އެވެ.
އިސްރާއީލުން މި ފަހަރު ވެސް ބުނީ ހަމަލާ ދިނީ އދ.ގެ ރެފިއުޖީ އެޖެންސީ ޔޫއެންއާރްޑަބްލިޔުއޭ އިން ހިންގާ ސްކޫލްތަކުން ހިމާޔަތް ހޯދާ "ޓެރަރިސްޓުންނަށް" ކަމަށެވެ.
ޖުލައި މަހުގެ ހަ ވަނަ ދުވަހު އިސްރާއީލުގެ މަތިންދާބޯޓުތައް ވަނީ ނޫސެއިރާތުގައި ޔޫއާރްޑަބްލިޔުއޭ އިން ހިންގާ ސްކޫލަށް ހަމަލާދީފައެވެ. ހަމަލާދިންއިރު، އެ ތަނުގައި 2000 އެއްހާ މީހުން ބޯހިޔާވަހިކަން ހޯދައިގެން ތިބި ކަމަށް ޔޫއެންއާރްޑަބްލިޔުއޭ އިން ބުނެ އެވެ.
ޖެހިގެން އައި ދުވަހު އެ ސަރަހައްދުގެ އެހެން ސްކޫލަކަށް ވެސް ހަމަލާދީފައިވާ ކަމަށާއި އެ ހަމަލާގައި ހަތަރު މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ސިވިލް ޑިފެންސް އޭޖެންސީން ބުނެ އެވެ.
މީގެއިތުރުން ގާޒާގެ އަލްމާވާސީގައި ސަރަހައްދުގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކަށް އިސްރާއީލުގެ އެންމެ ގަދަފަދަ ފައިޓާ ޖެޓްތަކުން ހަމަލާދީ އިސްރާއީލުން ހުކުރު ދުވަހު ހިންގި އުދުވާނުގައި އާންމުންގެ 100 މީހަކު ޝަހީދުކޮށްލައި 280 އަށްވުރެ ގިނަ މީހުންވަނީ ޒަހަމްކޮށްލާފަ އެވެ.
ރެފިއުޖީންގެ ފޮތި ފޭލިގެތައް ހުރި ބޮޑު ސަރަޙައްދެއް އެއްކޮށް ސުންނާފަތި ކޮށްލާފައިވާ އެ ތަނުން ފެންނަނީ ޝަހީދު ކޮށްލާފައިވާ އުމުރުން ދުވަސްވީ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި މާބަނޑު މީހުންނާ އަދި ހަށިތައް ކުދިކުދިވެފައިވާ މީހުންގެ ބޮލާއި އަތްފައި ކަމަށް ވެސް އަލްޖަޒީރާ ބުނެއެވެ.
މި ގަތުލު އާންމަކީ ހަނގުރާމައިގެ ޖަރީމާއެއްކަމަށާއި އެކަމުގެ ފަހަތުގައިވާ އިސްރާއީލުގެ ހުރިހާ މަސްއޫލުވެރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރަންޖެހޭ ކަމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ކުރީގެ ޕްރޮސެކިއުޓަރު ލުއިސް އޮކަމްބޯ ވަނީ ވިދާޅުވެފަ އެވެ.
ބައިނަލްއަގްވާމީ ގާނޫނު ބުނާގޮތުން ބޭނުންވާ މީހަކު މަރާލުމަށް ޓަކައި ވެސް އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ. އިސްރާއީލުން ގާޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދީ އެ ތަންތަން ތަޅައި ސުންނާފަތި ކޮށްފައިވަނީ ވެސް އެ ތަންތަނުގެ އަޑީގައި ހަމާސްގެ ބިންގަރާސްތައް ހުރިކަމަށް ބުނެފަ އެވެ.
ނަމަވެސް ހޮސްޕިޓަލްތައް ގަބުރުސްތާނުތަކަށް ހެދުމަށްފަހު ވެސް އެ ތަންތަނުން އިސްރާއީލު އެބުނާ ބިންގަރާސްތައް ފެނިފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ މަގްސަދުތައް ވަނީ ހާސިލް ކޮށްފަ އެވެ. އެއީ ގާޒާގެ ރައްޔިތުން ގިނަ އަދަދަކަށް މަރައިގެން އެ މީހުންގެ ނަސްލު ނައްތާލުމެވެ. އަދި ހޮސްޕިޓަލްތައް ފުނޑާލައިގެން ގާޒާއަކީ މީހުންނަށް ދިރިނޫޅެވޭނެ ތަނަކަށް ހެދުމެވެ. އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ފަލަސްތީނު ހަނގުރާމައިގެ ހޫނު މުޅި މެދުއިރުމައްޗަށް މިހާރު އަންނަނީ ފެތުރެމުން ނެވެ.
ގާޒާގެ އަވަށްތަކުގައި ހާއްސަކޮށް ރަފާހްގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ކާންދޭނެ ރަނގަޅު އެއްޗެއް ނުލިބުމުގެ ސަބަބުން ހަށިގަނޑު މުޅިން ހިކި އަނަރޫފަވެފައި އެތައް ކުދިންނެއް ތިބި ކަމަށް ހަބަރުތަކުންވެސް ބުނެ އެވެ.
ދުނިޔޭގެ ސަމާލުކަމަށް މި ކަންތައްތައް ގެނައި ނަމަވެސް އިޒުރޭލުގެ ހަމަލާތަކާ ހެދި ގާޒާގެ ހާލަތަށް ހެޔޮ ބަދަލެެއް ނާދެ އެވެ. ހަނގުރާމަ ހުއްޓާލަންދެން މި ހާލަތު ދިގުދެމިގެން ހިނގައިދާނެ ކަމަށްވެސް އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ.
7 އޮކްޓޯބަރު 2023 ގައި ފެށި ހަނގުރާމައިގައި މިހައިތަނަށް ފަލަސްތީނުގެ 38700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި 25000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެ އެވެ. ހަނގުރާމަ ހުއްޓައިލުމަށް އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލި ގޮވައިލުންތަކަށް އިޒްރޭލުން ދިނީ ބީރު ކަންފަތެކެވެ. އިޒްރޭލުން ބުނީ ހަނގުރާމަ ހުއްޓައިލާނީ ހަމާސްގެ ވަސް އެއްކޮށް ފުހެލުމަށް ފަހު ކަމަށެވެ.