ads
ޓިމޯ
ކީޕަރު ޓިމޯގެ މައްޗަށް ބޮޑު ހުކުމެއް
ކުރީގެ މަޝްހޫރު ގޯލްކީޕަރު ހަސަން ރަމީޒް، ޓިމޯ، ދެ ލައްކައެއްހާ ރުފިޔާ ބޭންކަށް ދައްކަން ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.

ސިވިލް ކޯޓުން މި ހުކުމް ޓިމޯގެ މައްޗަށް ކޮށްފައިވަނީ އޭނާގެ ގައިރު ހާޒިރުގަ އެވެ. އެއީ 2022 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ޓިމޯ ނެގި ލޯނެއްގެ ފައިސާ ނުދައްކައިގެން ހުށަހެޅި މައްސަލައަކާ ގުޅޭ ހުކުމެވެ. 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ޓިމޯ ނެގި، ބީއެމްއެލް ލައިފް ސްޓައިލް ލޯނަކަށް ފައިސާ ނުދައްކައިގެން އޭނާއާ ދެކޮޅަށް ދައުވާ ކުރީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ.

ބޭންކުން ސިވިލް ކޯޓުގައި ޓިމޯއާ ދެކޮޅަށް ދައުވާކުރީ 270،656.18 ރުފިޔާ ހޯދުމަށެވެ. ޓިމޯގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު އިއްޔެ ހުކުމް ކުރީ ހަ މަސް ދުވަހުގެ ތެރޭގައި ލޯނު ފައިސާ ދައްކާ ހަލާސް ކުރުމަށެވެ.

ޓިމޯ ވަނީ މި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށްޓަކައި ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމަރީގައިވެސް ވާދަކޮށްފަ އެވެ. އެކަންތަކުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން އޭރު ޓިމޯ ކޯޓަށްވެސް ދިޔަ އެވެ. ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމުގެ ކުރިން މިދިޔަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ޓިމޯ، ޖުމްހޫރީ ޕާޓީއަށް ސޮއިވެސް ކުރި އެވެ.

ޓިމޯއަކީ ދިވެހިރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ގޯލް ކީޕަރެކެވެ. އެއްވަނަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު ކޯޗިންގެ ދާއިރާގައިވެސް ޓިމޯ ހަރަކާތްތެރިވި އެވެ. އެއްވަނަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެއް ކުޅުނު ޓިމޯއަކީ ގައުމީ ޓީމުގައިވެސް ކުރިން ހިމެނުނު މޮޅު ގޯލްކީޕަރެކެވެ. އޭނާ ވަނީ ކްލަބުގައި އަދި ގައުމީ ޓީމުގައި ހިމެނި ރާއްޖޭން ބޭރުގައިވެސް ކުޅެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް