ads
ހަނިމާދޫ އެއާޕޯޓު މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނޭ - ފޮޓޯ: މިނިސްޓްރީ
ހަނިމާދޫ އެއާޕޯޓުގެ 67 ޕަސެންޓް ނިމިއްޖެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ 67 އިންސައްތައަށްވުރެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި ހުރިހާ މަސައްކަތެއް ނިންމައި އަންނަ އަހަރުގެ މާޗު މަހު ބޭނުންކުރެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރު މިއަދު ވަނީ ހަނިމާދޫއަށް ވަޑައިގެންފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ދަތުރުގައި އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭ އެކި މައުލޫމާތުތައް ވަފުދުގެ ބޭފުޅުންނަށް އަރުވާފައިވާ ކަމަށެވެ. އަދި އެންމެފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ޕްރޮޖެކްޓުގެ 67.5 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެއާޕޯޓަށް ބޭނުންވާ މަގުތަކުގެ 50 ޕަސެންޓު އަދި އެމްއެންޑީއެފް މަރުކަޒުގެ 55 ޕަސެންޓު ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއަކީ މުޅި އުތުރުގެ ފަތުރުވެރިކަމާއި ގުޅިފައިވާ ބޮޑުތިލަދުންމަތީގެ އިގުތިސޯދާއި ސީދާ ގުޅިފައިވާ މަޝްރޫއެކެވެ. މިމަސްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މި އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް