ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
ފަނަރަ އަހަރު ފަސް
ޒަމާން ފާއިތުވަމުން ދަނީ އެވެ. ރެއާއި ދުވާލުގެ ވަގުތުތައް މަދުވެ، މަސައްކަތުގައި ތެޅިތެޅި ވަރުބަލިވެގެން ހަމަޖެހިލެވޭއިރު ހުންނަނީ މެންދަންވެފަ އެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެ، މޫސުމީ ބޮޑެތި ބަދަލުތައް ގެނުވަމުންދިޔަ އަހަރުތައް ފާއިތުވެގެން ހިގައްޖެ އެވެ. އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ލިބެމުންދިޔަ ކުރިއެރުންތައް އެމީހުންގެ މުސްތަގްބަލް ކުރަހަމުން ދިޔަ އެވެ. ހޯދަމުންދިޔަ ކުރިއެރުމާއި ލިބެމުންދިޔަ ކާމިޔާބުގައި ބައިވެރިވި އެތައް ބަޔަކު ދުނިޔެއާއި އަލްވަދާއު ކިޔައިފި އެވެ. އިންސާނީ ދަރިފަސްކޮޅުގެ އާދަތަކަށް ބަދަލުތަކެއް ނަޔަސް، ފަންނިއްޔާތުގެ ސަބަބުން ކުރަމުންދާ އަސަރުތައްއެއީ ނުވާކަންކަމަށް ހެދޭކަށް ނެތެވެ. ތައުލީމާއި ފަންނުގައި އެތައް ހަރުފަތެއް ކުރިއަށް ޖެހިލައިފި އެވެ. އެއްބައެއްގެ ދިރިއުޅުން އަރާސްތުވަމުން ދިޔައިރު، ތަގްދީރުގައި އަނެއްބަޔަކަށް ނާކާމިޔާބާއި ގެއްލުމާއި ހަލާކާއި ކުރިމަތިލާންޖެހުނު އެތައް ހާދިސާތަކެއްގެ ވާހަކަތައް ނޫސްތަކާއި އެކި ސައިޓްތަކުން ފެންނާން އެބަހުއްޓެވެ.
ބަދަލުވަމުންދިޔަ އޮއެވަރާއެކު އުޑުގެ ވިލާތައްވެސް އެކިކޮޅުކޮޅަށްޖެހި މަންޒަރުތައް ކުރަހަމުން ދިޔޔަ އެވެ. ޖެހިލާ މަޑުމަޑު ރޯޅިއާއެކު ގޮނޑުދޮށުގެ މިއުޒިކީ ރާގުތައް ހިތްގައިމެވެ. ގުދުރަތީ ރާގުތަކަށް ހެލިލާ ގަސްތަކުގެ ފަތްތަކާއި ރުއްރުކުގެ ފަންވަތްތަކުގެ ހިތްގައިމު ތޮޅެލުމުން އަލީޒީއަށް އަމާންކަން ގެނުވަމުންދިޔަކަން އިހްސާސްކުރެވެނީ، މޫނުމމަތީން ފެންނަމުންދިޔަ މަޑުމަޑު ހިނިތުންވުމުގެ ސަބަބުންނެވެ.
އިރުއޮއްސޭ މަންޒަރަކީ އަލީޒީ ހިތުގެ ހަމަޖެހުމެވެ. އިރުއަރާ ކޮންމެ ދުވަހަކީ އުއްމީދެވެ. އަޔާންއާއި ނުލައި ހޭދަވި ކޮންމެ ދުވަހަކީ އަމިއްލަ ނަފުސާއި ހިތާއި ފުރާނައާއި ދެމެދު ކުރެވޭ ހިތްދަތި ހަނގުރާމައެކެވެ. އަލީޒީގެ އެންމެ ގާތް އެކުވެރިޔަކީ ވޭނާއި ރިހުން ކަމުގައި ނިންމިތާ ކިހައި ދުވަހެއް ވެއްޖެކަން ބުނެދެވޭނެ އިންސާނަކު ވުޖޫދުގައި ނުވެ އެވެ.
"ރަތްވިލާގެ ހިތްގައިމުކަންވެސް ލިބިއްޖެ... ރަންދޯދިތަކުން ބަބުޅަމުން ދިޔަ ވިދުވަރު، ރޭގަނޑުގެ އަނދިރިކަމަށް ނުވަތަ ހަނދުގެ އަލިކަމަށް ތަންދެމުން އަހަރެމެންނަށް އަލްވަދާއު ކިޔައިފި.. މާދަމާގެ އިރުއަރާ މަންޒަރަށް އިންތިޒާރުކުރުމަށް އަޒުމުކަނޑައަޅައިގެން އަހަރުމެންވެސް ދެން ހިނގާ ދާން.. ބަންގި ގޮވަން ވާއިރަށް އަދި ފިހާރަޔަށް ވަދެލަންވާނެ.. އެކުދިން ގުޅާފައި ބުނެފި އެއަރކޯންގެ ކަރަންޓް މައްސަލައެއް ޖެހިގެންއުޅޭ ވާހަކަ.. ހިނގާބަލަ ވެގެން އުޅޭގޮތެއް ބަލައިލާން.." އަލީޒީގެ ބުރުގާ، ކޮނޑުމަތީން ރަގަޅުކޮށްލައިދެމުން އައިޝާ ވާހަކަދެއްކީ ނުހަނު ލޯތްބާއެކު އެވެ.
ބަލިގޮތަކަށް ކަރުހެކެލަމުން އަލީޒީ މަސައްކަތްކުރީ އެއްޗެއް ބުނާށެވެ. ނަމަވެސް ހިންދިރުވާލާފައި އިސްޖަހައިލީ ބުނަން ބޭނުންވި އެއްޗެއްވެސް ދުލުން ހާމަކުރަން ޝައުގުވެރިކަމެއް ނެތްގޮތަށެވެ. މިއީ އައިޝާއަށް އާ ކަމަކަށް ނުވާތީ އެކަމާ އަޅައެއް ނުލި އެވެ.
"އިރު އޮއްސި އަނދިރިވުމުން ހަނދު އަރާނެ..! މުޅި ދުނިޔެ އަލިކުރުމުގެ ވާޖިބު އަދާކުރުމަށްފަހު އެ އަލިކަންވެސް ނިވާވެ ގެއްލޭނެ.. މާދަމާއަށް މުޅިންއައު ކުލަތަކެއް މި ދުނިޔެއަށް ވެރިކުރުވަމުން ރަންދޯދިތައް ފަތުރާލަދޭ އިރު، އަނެއްކާވެސް ފެނުން ތޮޅިލާނެ.. މިއީ ދުނިޔޭގެ އާދަ.. ގުދުރަތުގެ ފުރިހަމަ ނިޒާމުން ހިނގަމުންދާ ކަންކަމަށް އަހަރުމެން އިންސާނނުން އުއްމީދުގެ ނަޒަރަކުން ދެކޭނަމަ، ލިބޭ ނިއުމަތަށް ޝުކުރުވެރިވާ ހާލުގައި ހިތްތައް ފުރޭނެ.. މުޅި އުމުރު ތި ހޭދަކުރީ ކެތްތެރިކަމާއި ގަދަ ހިތްވަރުގައި.. އަހަރެން އުފާވޭ، ތެދުވެވޭ ދުވަހެއްނަމަ، މިތަންތަނަށްވެސް އަލީޒީ ނިކުމެލާ އުޅޭތީ.. !އެކަމަކު.." ދުލަށް އައި އިބާރާތް ރައްކާތެރިކުރަމުން އައިޝާ އިސްޖަހައިލި އެވެ. އެ ޖުމުލަ ބުނުމުގެ ހިތްވަރެއް އައިޝާގެ ކިބައިގައި ނެތެވެ.
"އުއްމީދަކީ ފަހު ނޭވާއަށްވެސް އަހަރެން އަޔާންއަށްޓަކައި ހިތްވަރުކުރިކަން އެ ދަރިފުޅު ގަބޫލުކުރުން.. އެއީ އަހަރެން ވަރުބަލިވެ، ހިރިނުލެވޭ ވަރުވެގެން ދާއިރުވެސް..
ހާސްވެ، ކަންބޮޑުވެ ނޭވާނުލެވިގެން ތެޅިފޮޅޭ ވަގުތުގައިވެސް..
ދުނިޔޭގެ އަނިޔާވެރިކަމާއި އަދި އަހަރެންގެ ދަރިފުޅުގެ ރައްކާތެރިކަމާމެދު ބިރުން ތުރުތުރުއަޅާ ހާލުގައިވެސް..
މާޔޫސްވެ، ކުރާނެ ނުކުރާނެކަމެއް ނޭގި ގޮތްހުސްވާ ހާލުގައިވެސް..
އަޔާންއަށްޓަކައި އެންމެ ލޮބުވެތި މަންމައަކަށް ވެވޭތޯ އަހަރެން މަސައްކަތްކުރިކަމަށް އެދަރިފުޅަށް ގަބޫލުކުރެވިއްޖެއްޔާ މި މަންމަގެ އުއްމީދު ފުރިހަމަވީ..!
އެންމެ ލޯބިވާ ދަރިފުޅަށްޓަކައި އެންމެ ލޮބުވެތި މަންމައަށް ވެވޭތޯ ފަހު ނޭވާއަށްވެސް މަސައްކަތްކުރާނަން.. ހިތުގެ އެންމެ ފުންމިނުން އަޔާންދެކެ މި މަންމަ ވަރަށް ލޯބިވެޔޭ ބުނެލަން އެދަރިފުޅުގެ ކުރިމަތީގައި އެންމެ ކުޑަކުޑަ ހިނދުކޮޅެއްވެސް ހޭދަކޮށްލެވޭނެ ފުރުސަތެއް މިއަޅާއަށް މިންވަރު ކުރައްވާށި.. އާމީން!" ރަތްވެފައިވާ ދެލޮލުން އޮހޮރިގެންއައި ކަރުނަ އަލީޒީގެ ކޯތާފަތް ހުރަސްކޮށް އޭނާގެ ބުރުގާ ތެއްމަމުން ދިޔަ އެވެ.
ކިތަންމެ ހިތްވަރެއް ކުރިޔަސް، އައިޝާގެ ކަރުނައެއް އޭނާއަކަށް ނުހިފެހެއްޓުނެވެ.
އައިޝާގެ ސިކުނޑީގައި ގުގުމާލީ މިއަދު ހެނދުނު އިރު އަރާ މަންޒަރުބަލަން އިނދެ އަލީޒީ އަޔާންއަށް ލިޔުނު މެސެޖެކެވެ. ޖެހެމުންދިޔަ ވައިގެ އަޑާއެކު ކާޅާއި ދޫނި ސޫފާސޫފީގެ އަޑު އައިޝާގެ ވަށައިގެން ފަނޑުވެލީ އެ މެސެޖްގެ އަސަރުގަދަ ލަފްޒުތަކުންނެވެ. އަލީޒީ ލިޔެފައިވާތީ އައިޝާއަށް ފެނުނެވެ.
"ލޯބިވާ ދަރިފުޅަށް..!! މަންމަ ދަރިފުޅުދެކެ މިވާ ލޯބި ދުވަހަކުވެސް ހަނދާން ނައްތާނުލައްޗެވެ.
ދަރިފުޅު ބޮޑުވެ، ތަސައްރަފް ފުދެމުންދާވަރަކަށް އެކިވަރުގެ އެކިކަހަލަ ގޮންޖެހުންތައް ރެއާއި ދުވާލު ތަހަންމަލްކުރަންޖެހޭނެ އެވެ. އެއިން ކޮންމެ ވަގުތެއްގައި ދަރިފުޅަށް ކުރެވުނު މިންވަރަކަށް ހިތްވަރުކޮށް ކާމިޔާބުކުރެވޭތޯ މަސައްކަތްކކުރާށެވެ. ދުނިޔެއަކީ ތޫފާނެއް އައުމުގެ އިންތިޒާރުގައި އަތްއުރާލައިގެން ތިބެވެން އޮތް ތަނެއް ނޫނެވެ. މިއީ އުނގެނުމާއި ތަހަންމަލްކުރުމުގެ ތަޖުރިބާ ހޯދުމަށް އޮތް ދަތުރެކެވެ. ތޫފާނުގައި ވާރޭ ވެހޭނަމަ، އެ ފެނުން ދަރިފުޅުގެ ނަފުސު ދޮވެލާށެވެ. ވާރޭގެ ބޯ ތިކިތަކުން ހިތްހަމަޖެހުން ހޯދަން ދަސްކުރާށެވެ. ކޮންމެ ދުވަހަކީ އުފާވެރިދުވަހަކަށް ނުވެދާނެ އެވެ. އެކަމަކު ކޮންމެ އަލިކަމަކުން އަދި އަނދިރިކަމެއްގެ ތެރެއިން ހެޔޮ ރަގަޅުކަމެއް ބަލައި ހޯދައި ދެނެގަންނާށެވެ. ހިނިތުންވަމުން ލޯތްބާއެކު ދިރިއުޅެވޭނެ ހަޔާތެއް ބިނާކުރާށެވެ. ދަރިފުޅުގެ ހުވަފެންތައް ހަގީގަތަކަށް ހެދޭނީ އަމިއްލަ ނަފުސަށް އިތުބާރު ބޮޑުކޮށްގެންނެވެ. އަނެކުންނަށް އިހްތިރާމްކުރުމާއެކު ހައިބަތު އުފައްދަން މަސައްކަތްކުރާށެވެ. އިން ޝާ ﷲ ދެދުނިޔޭގައިވެސް އެންމެ ގާތުގައި މި މަންމަ ވާނަމެވެ. ފަހު ނޭވާ ދޫކޮށްލާނީވެސް ދަރިފުޅަށްޓަކަ އެވެ. އަބަދުވެސް މަންމައަށް މައާފުކުރައްޗެވެ."
މެސެޖްގެ ޖުމުލަތައް އައިޝާގެ ކަންފަތުން ފަނޑުވުމާއެކު މުޅި ގައިން ހީބިހި ނެގި އެވެ. އެންމެ ފަހު ތިން އިބާރާތުގައި އަލީޒީ ދެތިންފަހަރު ފިރުމާލި އެވެ. އަދި އެތައް ފަހަރަކު އެ މެސެޖް ކިޔައިލިކަން އައިޝާއަށް އެގެ އެވެ. ނަމަވެސް މިއަދު އެ މެސެޖް ފޮނުވިކަން ނުވަތަ ނޫންކަން ޔަގީނެއް ނޫނެވެ.
އައިޝާއަށް އައިބަދަލު އަލީޒީއަށް ފެނުނެވެ. މިފަހަކަށްއައިސް އާދައިގެ މަތިން މިފަހަރުވެސް އަލީޒީ އިސްޖަހައިލި އެވެ. ސުވާލެއް ނުކުރިތާގައި އެއްޗެއްވެސް ނުބުންޏެވެ. ފޮހެލި ކަރުނައާއެކު އައިޝާ އިރުކޮޅަކަށް އަލީޒީއަށް ފުރަގަސްދިނެވެ.
"ނަމާދަށް ފިހާރަ ބަންދުކުރުމުގެކުރިން އެތަނަށްދެވޭތޯ ހިނގާ ދާން.." މަޑުމަޑުން އަލީޒީ ބުނެލި އެވެ. ސައިކަލާއި ދިމާއަށް ދެމީހުން މިސްރާބުޖެހީ ހަމަހިމޭންކަމާއެކު އެވެ.
އަލީޒީގެ މެސެޖުގެ އެންމެ ފަހު ތިން ޖުމުލައިން އައިޝާގެ ހިތުގައި އުފެދުނު ރިހުމަށް ބަދަލެއް ނާދެ އެވެ. އޭގެ މާނަ އަޔާންއަށް ނުވިސްނިދާނެ އެވެ. އަލީޒީގެ ހާލަތު އެ ދަރިފުޅަށް އަންދާޒާކޮށްލާންވެސް ނޭގޭތީ އެވެ.
މަންމައަށް ކުޑަވެސް ވޭނެއް ލިބުމަށް ނޭދޭ ލޯބިވާ ދަރިފުޅު، ޅަ އުމުރުގައި ބުރަ މަސައްކަތުން ކިޔެވީ ދުނިޔޭގެ އެތަން މިތަނުން ސައިންސް މާއްދާތަކުން ކުޅަދާނަ ޓީޗަރުން އަމިއްލައަށް ހޯދައިގެން އޮންލައިން ކޮންނެވެ. އަޔާން ކުރިމަތިލައި ކާމިޔާބުކުރި ގޮންޖެހުމަކީ ފަސޭހަ މަރުހަލާއެއް ނޫނެވެ. އެކަމުގައި މުންޝިރުއަށް ވެދެވުނު އެހީއެއް އެންމެ ފުރިހަމަގޮތުގައި އަޔާންއަށް ތަނަވަސްކޮށްދިނެވެ.
ސްކޫލަށް ދަމުން، އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން، ބޮޑުދައިތައާއި މަންމައަށް އެހީތެރިވެދެމުން ކިޔެވުމުގައި އަޔާން ރެއާއި ދުވާލުން އެތައް ވަގުތެއް ހޭދަކުރި އެވެ. ގްރޭޑް އަށަކަށް ދިޔައަހަރު އަށް މާއްދާއިން އޯލެވެލް ހެދުމަށްފަހު މުޅި ރާއްޖެއިން ފަހުރުވެރި އެއްވަނަ ހޯދީ ދުނިޔޭގެ ތައުލީމީ ލޯ ތައް ސިއްސުވާލާފަ އެވެ.
އެ ހަފްލާއަށްވެސް އަޔާންއާއެކު އަލީޒީ މާލެ ނަ އެވެ. ފަހުރުވެރިކާމިޔާބުގައި އަޔާންއާއެކު ހަފްލާތަކާއި ހުރިހައި އިންޓަވިއުތަކެއްގައި ބައިވެރިވީ، މުންޝިރް އެވެ. މުޅި ރާއްޖެ އެ ދަރިއަކަށްޓަކައި ފަހުރުވެރިވަމުން ދިޔައިރުވެސް އާންމުންނަށް ނޭގޭ އެއްޗަކީ އަޔާންގެ އިންޓަވިއުތަކުގައި ތަކުރާރުކޮށް ތައުރީފްކުރަމުންދިޔަ މަންމަގެ ތަފްސީލެވެ. ނުވަތަ މަންމަގެ ނަމެވެ. 'މަންމަ' އެ ލަފްޒު އަލީޒީގެ އެދުމަށް އަޔާން ރައްކާތެރިކުރީ އެވެ. މުހިއްމުވީ މަންމަގެ 'ނަމެއް' ނޫނެވެ.. އެހެނަސް، 'މަންމަ'ގެ ގަދަރާއި އިއްޒަތާއި ހައިބަތެވެ. އެ މަންމައަށްޓަކައި ދަރިއެއްގެ ހިތުގައި އޮތް ލޯތްބާއި އިހްތިރާމެވެ.
މުޅި ދުނިޔެއިން ފާހަގަކޮށްލެވުނު ރެކޯޑަކާއެކު ގައުމުގެ އެންމެ މަތީފަރާތްތަކާއި އެތައް ވިޔަފާރިވެރިއެއްގެ އިސްނެގުމުގެމަތީން އެތައް ސްޕޮންސަރއެއް އަޔާންއަށް ހުށަހެޅުނެވެ. އޭލެވެލްއިން ފެށިގެން އަޔާން ބޭނުންވާ ދާއިރާއަކުން ބޭނުން ހިސާބަކަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްވެގެން ދިޔައީ އެތައް ބަޔަކު ހައިރާން ކުރުވާފަ އެވެ. ﷲގެ މިންވަރުފުޅާއެކު ލިބުނު ފަހުރުވެރިކަމުގައި އަޔާން ކިޔަވަން ދިޔައީ އިނގިރޭސި ވިލާތަށެވެ. ޑޮކްޓަރުކަން ކިޔެވުމުގެ މަގްސަދަކީ މަންމައަށް ހިދުމަތްކުރުމެވެ. އެންމެ ނާރެއްގައިވެސް ވޭނެއް އެޅިޔަނުދީ އެ މަންމައަށް ހިނިތުންވުމާއި އަމާންކަން ގެނެސްދިނުމެވެ.
އުނދަގޫ ނަމަވެސް އެންމެ ފުރިހަމަ 'ފާހެއް' އަޔާން ބޭނުންވި އެވެ. އެކަމަށްޓަކައި އެހެން ކުދިންނަށްވުރެން ބުރަ އެތައް މަސައްކަތެއް އަޔާން ކުރަންޖެހުނެވެ. އުމުރުގެ ހަގުކަމަކީ އަޔާންގެ ތައުލީމަށް އެޅުނު ހުރަހެއް ނޫނެވެ. މަންމައާއި ވަކިން ހޭދަކުރާ ކޮންމެ ދުވަހަކީ ނުތަނަވަސްކަމެކެވެ. ނަމަވެސް ވަރުބަލިކަމެއް ނެތި އުއްމީދާއި ހިތްވަރާއި އަޒުމަކީ އަޔާންގެ އެންމެ ގާތް އެކުވެރިންކަމުގައި ދެކިގެން، ރެއާއި ދުވާލު އެދަރިފުޅު މަސައްކަތްކުރީ ވީ އެންމެ އަވަހަކަށް މަންމަ އާއި ބައްދަލުކުރުމުގެ ފުރުސަތު ލިބުން އެދި އެވެ.
"ކްރިޓިކަލް ކެއަރ ފިޒިޝަން" ގެ ގޮތުގައި 'ސްޕެޝަލައިޒްޑް' ވުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ ކިހައިވަރެއްގެ ގޮންޖެހުމަކާއި އުނދަގޫ ރާސްތާއެއްކަން އިހްސާސްކޮށްލަން އެނގޭނީވެސް ހަމައެކަނި އެކަމުގެ ތެރޭގައި ޝާމިލްވާ ބަޔަކަށެވެ. ފަނަރަ އަހަރުން ދިގު އެންމެ ޗުއްޓީއެއްވެސް އަޔާން ނުނަގަ އެވެ. މަންމަ ދެކިލަން ބޭނުން ނުވާތީއެއް ނޫނެވެ. އަމިއްލަ ގައުމުގެ ސާފު ވައި އިހްސާސްކޮށްލަން ބޭނުން ނުވާތީއެއްވެސް ނޫނެވެ. އެތައް ބައެއްގެ އެތައް ދުއާއަކާއި ހެޔޮއެދުމާއެކު ލިބެމުންދިޔަ ފައިސާގެ ނިއުމަތުގެ އަގު އަޔާންއަށް ވަޒަން ކުރެވޭތީ އެވެ. ކުރަންޖެހުނު މަސައްކަތުގެ ބުރަކަމާއި އުފުލަންޖެހުނު ޒިންމާގެ ސަބަބުން މަންމައަށް ގުޅާނުލެވި ދާދުވަސްތައްވެސް މަދެއް ނުވާނެ އެވެ. ނަމަވެސް ދެމައިންދެ ދެމެދު ވެވިފައިވާ އެއްބަސްވުމެއް އޮވެ އެވެ. ކުޑަ ހިނދުކޮޅެއް ލިބުނުކަމުގައި ވިޔަސް، ސައުވީސްގަޑީރުން އެއްފަހަރު މެސެޖެއް ކޮށްލުމުގެ ވައުދެވެ. ބައެއް ފަހަރު ވީޑިއޯ ކޯލެއް ކޮށްލުމުން ދެމައިންގެ ހިތް ފުރެ އެވެ.
ފިހާރައާއި ހަމައަށް އަރައި ހަމަވުމާއެކު އައިޝާ ސައިކަލު މަޑުކޮށްލި އެވެ.
"ބަލައިގެން މަޑުމަޑުން ފައިބައްޗޭ.." އިހްތިޔާރަކާ ނުލައި އައިޝާއަށް ބުނެވުނީ ފަހަތް ބަލައިލަމުންނެވެ.
"ވެއްޓުނީމައި އެނގޭނެ.. ކޮޅަށް ނަގާކަށްވެސް މިހާރު އުނދަގުލެއް ނުވާނެ.. ހާސްނުވޭ" މަޖާވެލާފައި އަލީޒީ ބުންޏެވެ.
ދެމީހުން އެކުގައި ސައިކަލުން ފޭބި އެވެ. ހިނިއައުމުގެ ބަދަލުގައި އައިޝާގެ ދެ ލޮލުގެ ކަރުނަވަޅު ވިދާލިކަން އަލީޒީއަށްވެސް އެނގުނެވެ.
"އެހައި ބޮޑަށް ހާސްނުވޭ.. އައިޝާއަށް ލައްކަ އުނދަގޫކުރަން އަދި ލިސްޓްގައި ހުންނާނެ.. އެއީ ކޮންމެހެން ކުރަންޖެހޭ ކަންކަން.. އެ ލިސްޓް ފުރިހަމަނުވެ އޮއްވައި، އެހައި އަވަހަކަށް މަރ.."
"އޯކޭ އޯކޭ ބޮސް..! އަވަހަށް މަޑުމަޑުން އެތެރެއަށް ވަދޭ..! މާދަމާ ފުރާ، ފާގަތި ބޯޓަށް ފިނި އެއްޗެހި އަރުވަންވީ ލިސްޓްވެސް އޮންނާނެ.. ހިނގާބަލަ އެކަން ކޮށްލަން.."
އަލީޒީ ދައްކަން އުޅުނު ވާހަކަ ނުވަތަ އެ ޖުމުލަ އަޑުއެހުމުގެ ގާބިލުކަމެއް އައިޝާގެ ނެތެވެ. ފާޅުގައި އެކަމަށް ދެކޮޅުހަދައި އިތުރު ކަމެއްގައި އަލީޒީ މަސްއޫލުކުރުވީ ހުރިހައި ރިހުމެއް ހަނދާން ނައްތާލަމުންނެވެ. އެނޫން ގޮތެއް ނެތީ އެވެ.
..................
އިޝާނަމާދުން ފައިބައިގެން އައިސް، ބައެއް ރައްޓެހިންނާއެކު ވާހަކަ ދައްކާލަން މުންޝިރު މަޑުޖެހެލި އެވެ. ސިޔާސީ މަސްރަހާއި ގައުމުގެ ހަލަބޮލި ބައެއް ވާހަކަތަކުގައި މަސްއޫލުވެލުމަށް އާންމުކޮށް މުންޝިރުގެ އެކުވެރި މުވައްޒަފުންނަށް ލިބޭ ވަގުތަކީ ރޭގަނޑުގެ ކެއުމުގެ ކުރީން ނުވަތަ ކެއުމުގެ ފަހުންނެވެ. ނަމާދުން ފައިބައިގެން އައިސް، އައިޝާއަށް ގުޅާލަން ފޯނު ނެގިވަގުތު ކޮނޑުގައި މީހަކު ޖަހައިލުމުން މުންޝިރު ފަހަތް ބަލައިލި އެވެ.
"ކޮބާ ރަށުގެ ހާލު އަހުވާލު ރަގަޅުތަ..؟" އެކުވެރި ޑައިވަރަކު ސުވާލުކޮށްލި އެވެ.
ދޭތެރެ ދޭތެރެއިން ވަރަށް އިމަޖެންސީކޮށް މުންޝިރު ރަށަށް ދާންޖެހޭތީ ގެއިން ބަލީކަން ވަރަށްގިނަ އެކުވެރިންނަށް އެގެ އެވެ. އެގޮތުގެ މަތީން، ގޭގެ ހާލުއަހުވާލު އަހައިލުމަކީ އާންމު ކަމެކެވެ.
"މިދުވަސްކޮޅު އަނެއްކާވެސް ރަގަޅު..!" އިސްޖަހައިލަމުން މުންޝިރު ޖަވާބުދިނީ މާޔޫސްކަމާއެކު އެވެ.
"ކޮބާ، މިއުޅޭ ސިޔާސީ ހާޖާނުގަނޑު ކިހައި ހިސާބަކުން ފަޅައިގެންދާނެހެން ހީވަނީ ކަލޯ.." މުންޝިރުގެ ކޮނޑުގައި ޖަހައިލަމުން ފަހަތުން މީހަކު ބުނިއަޑަށް ފަސް އެނބުރުނެވެ.
"ލިރާރުމެން ގައުމު ހިނގަން ތިބޭ.. އަހަރުމެން ބަލާނަން، ވަޒީފާގެ ވާޖިބު އަދާކޮށްފައި ޖީބަށް ލާން ލިބޭއެއްޗެއް ހަލާލު ކުރެވޭތޯ.. ދޯ އަހަންމަދާ..؟"
ވާހަކައިގެ ތެރޭގައި ޝާމިލުވެލަމުން ތިން އެކުވެރިން އިށީނީ ދާދި ގާތުގައި ހުރި
ޖޯލިފައްޗެއްގަ އެވެ. ސިޔާސީ އެކި ވާހަކައިގައި ތިއްބާ ކާ ގަޑިޖެހުމުން އެންމެން އެކުގައި މިސްރާބުޖެހީ ސްޓާފުންގެ ރެސްޓޯރެންޓާއި ދިމާއަށެވެ. ތަންކޮޅަކަށް ހިނގާލިތަނާ މުންޝިރުގެ ފޯނު ރިންގްވާންފެށި އެވެ. ޖީބުން ފޯނު ނަގާފައި އެކުވެރިންނަށް އިޝާރާތްކޮށްލަމުން މުންޝިރް ކުޑަކޮށް ފަހަތައް ޖެހިލި އެވެ. ހިނިތުންވަމުން ފޯނު ކަންފަތުގައި ޖައްސާލި އެވެ.
"އައްސަލާމް އަލައިކުމް.. ދަރިފުޅުގެ ހާލު ކިހިނެއް؟" ލޯތްބާއެކު މުންޝިރު ވާހަކަދެއްކި އެވެ.
"ވައަލައިކުމް ސަލާމް.. މިކޮޅުން ހުރިހައި ކަމެއްވެސް ރަގަޅު.. މަންމައާއި ބޮޑުދައިތަ ހާލު ކިހިނެއއް..؟" އަޔާންގެ އެންމެ މުހިއްމު ސުވާލު މުންޝިރުގެ ގައިން ހީބިހި ނަގުވާލި އެވެ. ދުވާލަކު އެތައް ފަހަރަކު އެ ސުވާލު ތަކުރާރުވިޔަސް މުންޝިރުގެ ނިއްކުރިން ދާ ތިކިތައް ހިލުވާލަ އެވެ.
"މިއަދު މަންމަގެ މެސެޖެއްވެސް ނުލިބޭ.. ހިތައް އެރީ މަންމަ ބަލީބާއޭ.." ސުވާލުގައި ނުތަނަވަސްކަން ވި އެވެ. ނަމަވެސް މުންޝިރުގެ ސިކުނޑީގައި ދައުރުވަމުންދިޔަ އޮއެވަރު އަޔާންއަށް އަންދާޒާވެސް ނުކުރެވެ އެވެ.
-ނުނިމޭ-