ads
ގއ. ކޮލަމާފުށި ސޯސަންގެ އިބްރާހީމް ޒާއިދު ހަބީބު
ޒާއިދުގެ ބަންދަށް އަނެއްކާވެސް 10 ދުވަސް
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބެލެވޭ ގއ. ކޮލަމާފުށި ސޯސަންގެ އިބްރާހީމް ޒާއިދު ހަބީބުގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ގއ. ކޮލަމާފުށި ސޯސަންގެ އިބްރާހީމް ޒާއިދު ހަބީބުއަކީ، މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދައުވާ ކުރަން ފޮނުވާފައިވާ މީހެކެވެ. އެ މައްސަލައިގައި އޭނާ މިނިވަން ވެފައި ހުއްޓާ އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް އެކި ފަހަރު މަތިން ބަންދު މުއްދަތު އިތުރުކޮށް މިއަދު އަނެއްކާވެސް ބަންދަށް 10 ދުވަސް ޖެހީއެވެ.

ގއ. ކޮލަމާފުށި ސޯސަންގެ އިބްރާހީމް ޒާއިދު ހަބީބުއަކީ، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން 2021 ވަނަ އަހަރު ހިންގި ބޮޑު އޮޕަރޭޝަނެއްގައި އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓާ ހޯދި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ހިމެނޭ ދުވަސްވީ މީހަކުވެސް ދާދި މިދާކަށް ދުވަހު، މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ހައްޔަރު ކުރި އެވެ.

މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރި އެ ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތް 100 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން ހިމެނެ އެވެ. އަދި އެތަކެއްޗާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި އިބްރާހީމް ޒާއިދު ހަބީބު ހިމެނޭހެން 10 މީހަކު އޭރު ހައްޔަރުކުރި އެވެ. އެއީ 2021 ވަނަ އަހަރު އެވެ.

އެ މައްސަލައިގައި ކުރިން އިބްރާހީމް ޒާއިދު ހަބީބު ހައްޔަރުކޮށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ. އޭރު އިބްރާހީމް ޒާއިދު ހަބީބު ބަންދު ކުރި ނަމަވެސް އޭނާ ފަހުން ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ބުނެ އެވެ.

މި ފަހަރު އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރިއިރު ފުލުހުންވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށް، ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރިވެސް ކުރަމުން އަންނަކަން ކޯޓުގައި ކިޔައިދީފައެވެ. އަދި އޭނާ އަތުން މަސްތުވާތަކެއްޗާއި އެ ތަކެތި ކިރަން ބޭނުންކުރާ ސާމާނަށް ދަންދެން ފެނިފައިވާކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް