ރޭ އާންމުކުރެއް ބަޔާނެއްގައި ބައިޑެން ވިދާޅުވީ އެމެރިކާގެ ރައީސްކަން ކުރެއްވުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއް ކަމަށާއި ނަމަވެސް ޕާޓީ އާއި ގައުމަށް މިވަގުތު އެންމެ ރަނގަޅު ވާނީ ވެރިކަމުގެ އިތުރު ދައުރަކަށް އޭނާ ކުރިމަތިނުލުމަށް ކަމަށް ފެންނަ ކަމަށެވެ. އަދި ދެން މަސައްކަތް ކުރައްވާނީ ދައުރުގެ ފުރިހަމަ ބައި ފުރިހަމަ ގޮތުގައި ފުރިހަމަ ކުރެއްވުމަށް ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.
އުމުރުން 81 އަހަރުގެ ބައިޑެން، މި ނިންމުން ނިންމާފައިމިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ދިނުމަށް ޑިމޮކްރެޓިކް ޕާޓީގެ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
ބައިޑަންގެ ބަޔާނުގައި ވިދާޅުވީ އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމަށް ހިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ ހަޔާތުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ޝަރަފް ކަމަށެވެ.
ރިޔާސީ ރޭހުން ބައިޑަން ވަކިވެވަޑައިގެންނެވިއިރު އޭނާ ހުންނެވީ ކޮވިޑް 19އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކެމްޕޭން މެދުކަނޑާލެއްވުމަށްފަހު އަމިއްލަ ގޭގައި އެކަހެރިވެވަޑައިގެންނެވެ.
ޑިމޮކްރެޓުން ރިޔާސީ ކެންޑިޑޭޓް ރަސްމީކޮށް ކަނޑައަޅާނީ އަންނަ މަހު 19 ގައި ޝިކާގޯގައި ބާއްވާ އެ ޕާޓީގެ ކޮންވެންޝަނުންނެވެ.