ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން އާދަމް މުހައްމަދު ތައްޔާރުނުވެ ޝަރީއަތަށް ވަޑައިގެންނެވި މައްސަލަ ފެންމަތިވީ އާދިއްތަ ދުވަހުއެވެ. އާދަމް މުހައްމަދު ހައިކޯޓަށް އާދިއްތަ ދުވަހު ވަޑައިގެންނެވީ ލ. ފޮނަދޫ ކައުންސިލްގެ ވަކީލެއްގެ ގޮތުގަ އެވެ. އެ މައްސަލައަކީ އެ ކައުންސިލާއި އަމިއްލަ މީހަކާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެކެވެ.
މި މައްސަލައިގެ އަޑު އެހުމުގައި އާދަމް މުހައްމަދު ވަނީ މައްސަލަ އިސްތިއުނާފުކުރި ސަބަބުތައް ޝަރީއަތަށް ވިދާޅުވެ ދެއްވައިފަ އެވެ. އޭނާ އެ ސަބަބުތައް ވަރަށް ތަފްސީލްކަމާ އެކު ކިޔައިދެއްވަމުން ދިޔައީ އިސްތިއުނާފް ފޯމްގައިވާ ލިޔުންތަކަށް ބައްލަވައިގެން އޮތް ގޮތަށެވެ.
އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފަނޑިޔާރުންގެ ބެންޗުގައި އިންނެވި މުހައްމަދު ނިޔާޒު ފާހަގަ ކުރެއްވި އެވެ. ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަކުރުން އަކުރަށް ދައުވާ ފޯމް ކިޔުމުގެ ބަދަލުގައި ހުލާސާކޮށް ކަން ހިނގައިދިޔަ ގޮތް ބަޔާންކޮށް ގާނޫނީ ސަބަބުތައް ބަޔާންކުރުމުން ފުދޭނެ ކަމަށެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވެސް ވިދާޅުވީ ގާނޫނީ ގޮތުން މުހިންމު ކަންކަން ފާހަގަ ކުރުމުން ފުދޭނެ ކަމަށެވެ.
ނަމަވެސް، އާދަމް މުހައްމަދު ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނީ އެކަށީގެންވާ ވަގުތު ދެވިގެން ކަމަށެވެ. ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު އެންމެން ވެސް ޝަރީއަތް އަޑުއަހާނެ ކަމަށާއި އެއްވެސް ޕޮއިންޓެއް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް އާދަމް މުހައްމަދު ވިދާޅުވި އެވެ.