
ވަޒީރުންގެ ފެންވަރުގައި ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ހަމަޖެއްސެމަށްް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިއްޔެއެވެ.
މުނައްވަރު މިހާރު ހުންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގައެވެ. މުނައްވަރަކީ މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
ގަވަރުނަރުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އައްޔަންކުރެއްވުމަށް ރައީސް ނިންމެވީ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށް، ރައްޔިތުން މަޖިލީހުން ރައީސްއަށް ލަފާދިނުމުންނެވެ. އެގޮތުން ރައީސް ވަނީ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް އެ މަގާމުން އިއްޔެ ވަކިކުރައްވައިފައެވެ.
ހާޝިމް ވަކިކުރުމާމެދު މަޖިލީހުގައި ނެގި ވޯޓުގައި އޭނާ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދިނެވެ. އެކަމާ ދެކޮޅަށް ވޯޓު ދިނީ ނުވަ މެންބަރެކެވެ.
ހާޝިމް މަގާމުން ވަކިކުރަން ފާސްކުރި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށެވެ.