
އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންކަމަށްވާ މުހައްމަދު އައިހަމް އަދި އަހްމަދު އާތިފް، އެ ވަގުތު ސީނަށް އަވަސްވެގަތުމާއެކު، އެ ދެ މުވައްޒަފުންގެ ހިތްވަރާއި އަވަސް ހަރަކާތުގެ ސަބަބުން އަލިފާން އިތުރަށް ފެތުރުނަ ނުދީ، އެކަން ކޮންޓްރޯލް ކުރުމަށް މުހިންމު ދައުރެއް އަދާކޮށްފިވެއެވެ. އެމްޕީއެލް އިން ބުނީ މި ދެ މުވައްޒަފުންގެ ހަރަކާތްތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން އަލިފާން ނިއްވާލެވުނު ކަމަށެވެ.
އަލިފާނުގެ ހާދިސާ ނިއްވާލުމުގައި އެ ދެ މުވައްޒަފުން ދެއްކި ހިތްވަރުގަދަ މަސައްކަތް ފާހަގަކޮށް، ކުންފުނީގެ މެނޭޖްމަންޓުން މިއަދު އެ ދެ މުވައްޒަފުންނާ ބައްދަލުކޮށް، އެ ދެ މުވައްޒަފުން ކުރި އަގުހުރި ހިދުމަތަށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކޮށްފިއެވެ.
މީގެ އިތުރުން، އަލިފާން ނިއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޕޯޓް ހިޔާ ކޮމެޓީގެ މެންބަރު ނަވާޒް މުހައްމަދު ސައީދާއި އެހެން ހުރިހާ މުވައްޒަފުންނަށްވެސް އެމްޕީއެލްގެ މެނޭޖްމަންޓުން އިހުތިރާމާއެކު ޝުކުރު އަދާކޮށްފައިވެއެވެ.
އެމްޕީއެލް އިން ބުނީ މި ދެ މުވައްޒަފުން ދެއްކި ނަމޫނާއަށް ބަލައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީވެސް މި ފަދަ ނަމޫނާ މުވައްޒަފުންނަށްވުމަށް ހިތްވަރުދޭ ކަމަށެވެ. މި ހާދިސާއަކީ ކައިރިން ފާހަގަ ކުރެވޭ ކަމެއްކަމަށްވާއިރު، މުޖުތަމައުގެ ހިމާޔަތަށް ކޮންމެ މީހަކުވެސް ހިތްވަރާއެކު ކުރިއަށް ނިކުމެ، ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްލެވެއެވެ.