
ހުށަހެޅުނު މައްސަލައިގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ގަސްދުގައި ނުދިޔައީ ކޯޓުން ބޭރުގައި ޓެކްސީ ކުރުމަށް އުޅުނު ކަމަށެވެ. އަދި އަޑުއެހުމަށް ހާޒިރުވުން ލަސްވާނެކަން ކުރިއާލައި އަންގާފައި ނުވާ ކަމަށްވެސް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިތުރަށް، އެ ދުވަހުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ހާޒިރުވީ ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރުން - ހުސްނުއްސުއޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު - ސަސްޕެންޑްކުރި ކަމުގެ ސިޓީ ކޯޓަށް ލިބުމުން ކަމަށް ބުނެފައިވެއެވެ. މި ސަބަބުތަކަށްޓަކައި އަލީ ރަޝީދު އަމަލުކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީގައި އެދިފައިވާ ކަމަށް ވެއެވެ.
މިހާރުވެސް ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލައެއް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެވެ. މީގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާ ދިމާލަށް އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހެއްގައި މަހާޒު އާއި އަޒްމިރަލްދާ ތިބި މައްސަލައެއްވެސް ބަލަން ޖޭއެސްސީން ނިންމާފައިވެއެވެ.
މިދޭތެރެއިން ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރުމަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު، ރައީސް ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލައްވާފައިވެއެވެ. އެއިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ބިލެކެވެ.