ރައީސް ސާލިހު ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށް، މައްސަލަ އަނބުރާ ނަގަން ނިންމާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މިހާރުވަނީ ހާމަކޮށްފައެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ސާލިހު ކުރެއްވި ދަތުރުގެ ހަރަދު ހޯދަން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ. އަޒާން އެ މައްސަލަ ހުށަހެޅީ ކުރީ ސަރުކާރުގެ ދުވަސްވަރު، ދިޔަރެސް ނޫހުގެ ނޫސްވެރިޔެއްގެ ގޮތުގައި އަޒާން މަސައްކަތްކުރި ދުވަސްވަރު އެވެ.
ނިއުޔޯކް ދަތުރުގެ ހަރަދުތަކުގެ ރަސީދުތައް ސިއްރުކުރުމަށް އޭރު ރައީސް އޮފީހުން ނިންމުމުން ހައިކޯޓަށް ހުށަހެޅި މި މައްސަލާގައި އެ ކޯޓުން ނިންމީ ބައެއް މައުލޫމާތުތައް އުނިކޮށްފައި ރަސީދުތައް ދޫކުރުމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ކުރީ ސަރުކާރުންންނެވެ. އެކަމަކު އެ މައްސަލާގައި މި ސަރުކާރުންވެސް ވަނީ، މައުލޫމާތު ސިއްރުކުރަން ސޯލިހުގެ ސަރުކާރުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ފުރަތަމަ ދިފާއުކޮށްފަ އެވެ.
ދައުލަތުގެ ސްޓޭންޑް މި މައްސަލައިގައި ބަދަލުކުރީ، އެ މައުލޫމާތު ނުދޭން ސަރުކާރުންވެސް ވަކާލާތު ކުރުމުން، އެކަމާ ގުޅިގެން މެންބަރު އަޒާން ނުރުހުން ފާޅުކޮށް، ދައުލަތުގެ ސްޓޭންޑު ބަންޑާ ރަނައިބު އަހުމަދު އުޝާމް ބަދަލުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
އެ މައްސަލަ އިސްތިއުނާފުކުރަން ނިންމީ އޭރު ރައީސް އޮފީހުގެ އެދުމުގެ މަތިން ކަމަށާއި އެ މައްސަލާގެ އިސްތިއުނާފު ފޯމު ބާތިލްކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުން ވަނީ ބުނެފައެވެ.