ads
ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް "މާލެފަހި" ޕްރޮގުރާމް އިފުތިތާހުކުރުން. ފޮޓޯ: ރައީސް އޮފީސް
މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ގެންނަން "މާލެފަހި" ޕްރޮގުރާމް އިފުތިތާހުކޮށްފި
‏މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން އެކުލަވާލާފައިވާ "މާލެފަހި" ޕްރޮގްރާމް, ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވައިފި އެވެ.

މި ޕްރޮގުރާމް އިފުތިތާހުކޮށްދެއްވީ ދަރުބާރުގޭގައި މިރޭ އެކަމަށްޓަކައި ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ޕްރޮގުރާމަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ތޮއްޖެހި މަގުތަކުގެ ކާރުބާރު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.

މި ޕްރޮގުރާމުގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. އެެއީ ގާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރެޖިސްޓަރީ ކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލް ކުރުމާއިވޕަބްލިކް ޓްރާންްސްޕޯޓު ވަސީލަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމާއި މަގުތަކަކީ ރައްކާތެރި އަދި ދަތުރުފަތުރާއި ހިނގައި އުޅެން ފަސޭހަ އަމާން ތަންތަނަށް ހެދުމެވެ.

މި ޕްރޮގުރާމު މިރޭ އިފުތިތާހު ކުރުމުގެ ކުރިން ޕްރޮގުރާމުގައި ހިމެނޭ ބައެއް ކަންކަން ވަނީ ތަންފީޒު ކުރަން ފަށައިފަ އެވެ.

އޭގެތެރޭގައި ގަވާއިދާ ހިލާފަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުން ހުއްޓުވުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 13 ވަނަ މާއްދާއާއި އެއްގަމުގައި އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ގަރާޖެއް ނެތި ހަތަރު ފުރޮލުލީ އުޅަނދު ރަޖިސްޓަރީ ނުކުރެވޭނެ ކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އަދި އެއް ރަށެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށް ދުއްވޭނެ އަދަދާއި މުއްދަތު ކަނޑައެޅުމާއި މާލޭގައި އެއްފަހަރާ ރަޖިސްޓަރީ ކުރެވޭނެ އުޅަނދުގެ އަދަދާއި އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެއިތުރުން މި ޕްރޮގުރާމުގެ ތެރެއިން ތާޑު ޕާޓީ އިންޝުއަރެންސްގެ އުސޫލަށް ބަދަލު ގެނައުމަށާއި އެކްސްޕޯޓު އިމްޕޯޓު ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ހަމައެއާއެކު އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާއި އަހަރީ ފީއާއި އެކި ކަންކަމަށް މިހާރު ކަނޑައަޅާފައި ހުރި ޖޫރިމަނާގެ އަދަދުތައް މުރާޖައާ ކުރުމަށާއި އެ މަސައްކަތްތައް އޮގަސްޓު މަހު ފަށަން ނިންމާފައިވާކަމަށް މިރޭގެ ރަސްމިއްޔާތުގައި ވަނީ އިއުލާނު ކޮށްފަ އެވެ.

މާލެފަހި ޕްރޮގުރާމުގައި ވަނީ މިހާރު ދޫކުރަމުން އަންނަ ޑޮމެއިން ނަންބަރުތައް ވެސް މި ޕްރޮގުރާމުގެ ދަށުން ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ކުރިއަރާފައި ހުންނަ ގައުމުތަކުގައި ބޭނުން ކުރާ ފަދަ ނިޒާމެއްގެ ތެރެއަށް ފައްތައި އައު އުސޫލެއް އެކަމުގައި ތައާރަފު ކުރުމަށް ވެސް ހިމަނައިފައިވެ އެވެ. އަދި މާލޭގެ ގޭބިސީން ކުނި އަކާ ވަގުތު ވެސް ރޭގަނޑު 22:00 އިން ފަތިހު 5:00 އަށް ބަދަލު ކުރުމަށް ވެސް ހިމަނާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް