މިރޭ ކޮވިޑް-19 ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމަށް ހާއްސަ ފްލައިޓްތަކެއް ބާއްވަމުން އަންނައިރު މި މީހުންނަށް ވިއްކަމުން އަންނަ ޓިކެޓްތަކުގެ އަގު ބޮޑުކަމުގެ ޝަކުވާ ލިބެމުންދާތީ އެކަމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުގެ މަތިން ކުރިން ވިއްކަމުން އައި އަގަށް ވުރެ ހެޔޮކޮށް ލަންކާ އަށާއި ކޮޗިން އަދި ޓްރެވެންޑްރަމްގެ އިތުރުން މެލޭޝިއާއަށް ކުރާ ދަތުރުތަކުގެ ޓިކެޓް ވިއްކަން ނިންމާފައިވާ ކަމަށެވެ.
މޯލްޑިވިއަނުން ދެން ކުރާ ދަތުރުތަކުގައި ޓިކެޓް ވިއްކާނެ އަގުތައް:
- ސްރީލަންކާ - 220 ޑޮލަރު،
- ކޮޗިން - 149 ޑޮލަރު
- ޓްރިވަންޑްރަމް - 199 ޑޮލަރު
- ކުއަލަލަމްޕޫރު - 330 ޑޮލަރު
ކުރިން މޫސަ ވިދާޅުވި ގޮތުގައި މެލޭޝިއާ ކޮޅުގެ ޓިކެޓެއްގެ އަގު އުޅެނީ 330 ޑޮލަރަށެވެ. އަދި ސްރީލަންކާ އިން ރާއްޖެ ގެނައި މީހުންގެ އަތުން ނަގާފައި ވަނީ 300 ޑޮލަރެވެ. ކޮޗިން ޓިކެޓް ވިއްކާފައި ވަނީ 265 ޑޮލަރަކަށެވެ.
އަގު ބޮޑުކޮށް އެކި މީހުންނަށް އެކި އަގުތަކުގައި ޓިކެޓު ވިއްކަމުން އަންނަކަމުގެ އަޑުތައް އަރާފައިވާތީ މޫސަ ވަނީ އެކި މީހުންނަށް އެކި އަގުތަކުގައި މޯލްޑިވިއަނުން ޓިކެޓް ނުވިއްކާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރާއްޖެ އަންނަން އެތައް ބަޔަކު ބޭނުންވެފައި ތިބިއިރު އޮންލައިންކޮށް ޓިކެޓް ނެގުމުގެ ކަންކަން ހަމަޖެއްސުމާއެކު ވެބްސައިޓަށް ވެސް ބާރުބޮޑުވެ ދަތިތައް ކުރިމަތިވިކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކޮންމެ ގޮތަކުން ވިޔަސް ދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވައި، މޫސަ ވަނީ މިވަގުތު ގައުމުތަކުން ދިވެހިން ގެންނަން އެންމެނަށް ފުރުސަތު ނުދެވުންނަމަވެސް އެ ގައުމުތަކަށް އިތުރު ދަތުރުތައް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.