ޝިއާމެން އެއާލައިންސްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު 06:05 ގައެވެ.
ޝިއާމެން އެއަރލައިންސްގެ ޝެޑިއުލްޑް ފްލައިޓްތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފެށުން ފާހަގަކުރަން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓަރުކޮށް ދަތުރު ކުރަމުން އައި މި އެއަރލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެމް.އޭ.ސީ.އެލްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
އަދި މިއީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ.
ޝިއާމެން އެއާލައިންސް އިން ރާއްޖެއަށް ހަފްތާއަކު 3 ޝެޑިއުލް ދަތުރު ކުރާނެ އެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފްލައިޓެވެ. މި އެއަރލައިން އިން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މިއަހަރުގެ ފެބުރުއަރީ އިން ފެށިގެން ޗާޓަރު ދަތުރުތައް ކުރި އެވެ.
ޗައިނާގެ ހަތަރު އެއަރލައިނަކުން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް، ޗޮންޗިން އެއާލައިންސް އަދި ޗައިނާ އީސްޓަރންއެވެ.
ޗައިނާ އަކީ މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓެެވެ.
ޗައިނާއިން 153،180 ފަތުރުވެރިން މިއަހަރު ރާއްޖެ އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެއީ 123،153 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. 103،051 ފަތުރުވެރިންނެވެ. މިލިސްޓުގެ ހަތަރުވަނައިގައި 85،661 ފަތުރުވެރިންނާއެކު އޮތީ އިޓަލީ އެވެ.